18 Apr 2022, 16:01
ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ވަން ލިޒިން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގޭގައި ބޭއްވި އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި އެއް ޤައުމުން އަނެއްޤައުމަށް ދެމުން އަންނަ އެއްބާރުލުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.
މި އަހަރަކީ ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ މުނާޞަބާކަން ފާހަގަކުރައްވައި ޗައިނާގެ ސަފީރު ވަނީ އެ މުނާޞަބާ ފާހަގަކުރުމަށް ޕްލޭންކުރެވިފައިހުރި އެކިއެކި ޕްރޮގްރާމުތައް ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން، ކޯވިޑް-19ގެ ބަލިމަޑުކަމާ ހުރެ މުޅި ދުނިޔޭގައި އާންމު ދިރިއުޅުމަށް ބުރޫއަރައި ކުރިމަތިވި ދަތިތަކާގުޅޭގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

ޗައިނާ ސަފީރު މެޑަމް ފަޒްނާއާ ކުރެއްވި ބަދަލުވުމުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް
އެ ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ވަނީ އެޤައުމުގެ ފަތުރުވެރިން ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރުމުގައި ކުރިމަތިވާ ބައެއް ދަތިތައް ފާހަގަކުރައްވާފައެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތައް ފާހަގަކުރައްވައި ސަފީރު ވަނީ ދިވެހި ސަރުކާރުން ކުރިޔަށްގެންދަވާ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމަށް ތަޢުރީފު ކުރައްވާ ވާހަކަ ދައްކަވާފައެވެ.
އެ ބައްދަލުވުމުގައި މެޑަމް ފަޒްނާ ވިދާޅުވީ ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ސަބަބުން މަތީ ތައުލީމު ޙާޞިލުކުރުމަށް މާލީގޮތުން ދަތިތަކާ ކުރިމަތިވެފައި ތިބި ގިނަ ޢަދަދެއްގެ އަންހެންކުދިންނަށް އެކަމުގެ ފަސޭހަކަން ލިބިފައިވާކަމަށެވެ.