ސިޔާސީ ޕާޓީ ތަކުގެ ގަވާއިދާ ޚިލާފަށް އެމްޑީޕީން އަމަލު ކުރަމުންދާ ކަމަށް ބުނެ އެކަން އިލެކްޝަން ކޮމިޝަނުން ކުށްވެރިކޮށް ކޮށްފި އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ 2005 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ސިޔާސީ ޕާޓީ ހިންގަން ފެށީއްސުރެން ޕާޓީތަކުގެ ގަވާއިދު ބޭރުން ސިޔާސީ ހަރަކާތްތައް ހިންގަމުން އައިސްފައިވާ ކަމަށާއި އަދި ފަހަކަށް އައިސް ސިޔާސީ ޕާޓީތަކުގެ ގަވާއިދާ ޚިލާފަށް ޕާޓީތަކުގެ ހަރަކާތްތައް އާންމުވެފައިވާ ކަމަށެވެ.

ސިޔާސީޕާޓީތަކުގެ ބެލެނިވެރިކަން އޮންނަ ކޮމިޝަނުން ނެރުނު ބަޔާނުގައި އަދި ބުނީ ގާނޫނީ އިންތަކާ ސުލޫކުގެ ބޭރުން ސިޔާސީ ހަރަކާތްތައް ހިންގުމުގެ ސަބަބުން ގައުމުގެ އިޖުތިމާއީ ހާލަތު ދުވަހަކު ދަށަށްނުދާ މިންވަރަށް ދަށަށް ގޮސްފައިވާ ކަމަށާއި އެކަމާ އިންތިހާއަށް އެކޮމިޝަނުން ކަންބޮޑުވާ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އެމްޑީޕީން އިސްނަގައިގެން ސިޔާސީ ޕާޓީތަކުގެ ގަވާއިދާ ޚިލާފަށް ކުރަމުންގެންދާ ހަރަކާތްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެބަޔާނުގައި ވެއެވެ. އެކޮމިޝަނުގެ ބަޔާނުގައިވަނީ، ސުލްހަވެރިކަމާއެކު ގާނޫނީ ހަމަތަކުގެ މަތިން ސިޔާސީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަށް އެމްޑީޕީއަށް އިލްތިމާސްކޮށްފަ އެވެ.

"ބުއްދީގެ މަގުން ސުލްހަވެރިކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގައި ގާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް ޢަމަލެއް ނުހިންގުމަށް ސިޔާސީ އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރަމެވެ. އަމިއްލަ މަސްލަހަތައްޓަކައި މުޅި ގައުމާއި ރައްޔިތުންގެ މަސްލަހަތާއި އަބުރާއި އިއްޒަތް ގުރުބާން ނުކުރުމަށް އިލްތިމާސް ކުރަމެވެ..." އިލެކްޝަން ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.

އިލެކްޝަން ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 15 ސިޔާސީޕާޓީ އެއް ރަޖިސްޓްރީ ކޮށްފައި ވެއެވެ.