14:30


ޑިމޮކްރަސީގެ ރީތި އުސޫލާއި އެއްގޮތަށް ވަކިމީހަކަށް ނުވަތަ ވަކި ޕާޓީއަކަށް ނޫންނަމަ މެޖޯރިޓީ އޮތްފަރާތެއްގެ ބާރުގައި ރައްޔިތުންގެ މަޖިލީސް ނުބޭއްވުމަށް އެދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިސްތިމާސްކޮށްފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަކި މުއްދަތެއް ނެތި ހުއްޓާލުމާ ގުޅިގެން އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންމެހާ ކަންތައް ކުރިއަށްދާންވާނީ ޤާނޫނު އަސާސީގެ ރޫހާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ނަމަވެސް މިހާރަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އަބްދުﷲ ޝާހިދު އިންނަވައިގެން އެމަޖިލީސް ހިންގަވަމުން އަންނަ ގޮތާ މެދު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ކަންބޮޑުވާ ކަމަށެވެ.


ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެމްއެންޑީއެފުން ހިމާޔަތް އަރުވާފައި ވަނީ އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަން އާންމުކޮށް އަންގާ އިޢުލާންކޮށްފައިވާއިރު ވެސް އެކަން ބަހަނާއަކަށް ދައްކައިގެން މަޖިލީހުގެ ޖަލްސާތަކާއި ކޮމީޓީތައް ހުއްޓުވުމަށް ގެނައުމަށްޓަކައި ކުރަމުން ގެންދަވާ އަމަލަކީ ޤަބޫލްކުރެވޭނެ އަމަލެއް ނޫން ކަމަށްވެސް އެ ނޫސްބަޔާނުގައިވެ އެވެ. އަދި މަޖިލީހުގެ ރިޔާސަތާއި ކޮމިޓީތަކުގެ މުގައްރިރުކަން ވާދަވެރި ޑީއާރުޕީއާ ޕީއޭ ކޯލިޝަން އަށް ނަންގަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ޤާނޫނު އަސާސީގެ ތިން ވަނަ ބާބުގައި ރައްޔިތުންގެ މަޖިލީހުން އަދާކުރަންޖެހޭ ކަމަށް ބުނާ ވާޖިބު އެންމެ ފުރިހަމަ އަށް އަދާކުރެވޭނެ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނުދެކޭ ކަމަށްވެސް އެ ނޫސް ބަޔާނުގައިވެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާ ނިންމާލެއްވިކަން އިޢުލާން ކުރައްވަމުން މަޖިލީހުގެ އެއްވެސް މެންބަރަކު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުވެވޭގޮތަށް ގައުމީ ދިފާއީ ބާރުން ބަހައްޓަވާފައިވާ ކަމަށްވާނަމަ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ނުފެންނަ ކަމަށް، ޕާޓީތަކުގެ ލީޑަރުން ލަފާދެއްވާފައިވާތީ މަޖިލީހުގެ ރިޔާސަތުން ވަނީ އިޢުލާންކޮށްފަ އެވެ. ނަމަވެސް ދެން އެމަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ދުވަހެއް އިޢުލާންކޮށްފައެއް ނުވެ އެވެ.