ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް, އަލްހާފިޒް އަޙްމަދު ނަބީހް ޢަބްދުލްޤާދިރާ ބައްދަލުކުރައްވައިފިއެވެ.

ނަބީހު ވަނީ ޔޫއޭއީގައި ކުރިއަށްދިޔަ މި އަހަރުގެ ދުބާއީ އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށްފައެވެ.

ނައިބު ރައީސް، ނަބީހުއާ ބައްދަލު ކުރައްވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރާއި، ނަބީހުގެ މަންމަ އާމިނަތު މުޙައްމަދާއި، ބައްޕަ ޢަބްދުލްޤާދިރު ޤާސިމް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ތެރެއިން ހުރި މިފަދަ ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، ނަބީހުގެ ބެލެނިވެރިން ވަނީ ދުބާއީ އިންޓަނޭޝަނަލް ޤުރުއާން މުބާރާތުގައި ނަބީހު ބައިވެރިވުމަށް ކުރި ދަތުރުގެ ތަޖުރިބާ ނައިބު ރައީސްއާ ހިއްސާކޮށްފައެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ދުބާއީގައި ކުރިއަށްދިޔަ އެ މުބާރާތުގައި ރާއްޖެ ތަމްސީލު ކުރީ ތިން މީހުންނެވެ.

ނަބީހު މިހާރު ހުރީ މި މުބާރާތުގެ ނަތީޖާފާޅުކުރާ ހަފްލާގައި ރާއްޖެ ފަޚުރުވެރިވާ ފަދަ ވަނައެއް ހާސިލުކުރުމުގެ އުއްމީދުގައި ކަމަށް ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުންޏެވެ.