"އިންސާފުގެ ދަތުރު" ގެ ނަމުގައި ލޮނުޒިޔާރާތްކޮޅުގައި އެމްޑީޕީން ގާއިމްކޮށްފައިވާ ކޭމްޕުގެ ތެރެއަށް ސިފައިންނާއި ފުލުހުން ވަދެ އެތަނުގައި ހުރި ޖަގަހަތައް ރޫޅާލާފައިވާތީ އެމްޑީޕީން އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އެމްޑީޕީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް މާލޭ ސިޓީ ކައުންސިލުން އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ދީފައިވާ ސަރަހައްދެއް ކަމަށެވެ.

ނަމަވެސް އެއްވެސް އިންޒާރެއް ނެތި ފުލުހުންނާއި ސިފައިން އެ ސަރަހައްދަށް ވަދެ، އެމްޑީޕީގެ ސްޓޭޖާއި ޖަގަހަތަކާއި، މީޑިއާ ކޭމްޕްތައް ފަދަ ތަންތަން މުޅިން ރޫޅާލައި، އެމްޑީޕީގެ ނުހަނު ގިނަ މުދަލަށް ބޮޑެތި ގެއްލުންތައްދީ، އިލެކްޓްރޯނިކް ސާމާނުތައް ހަލާކުކޮށް، ރާއްޖޭގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަނެފައިވާތީ އާއި، ސިޓީ ކައުންސިލްގެ އިހްތިސާސްތަކުގެ ތެރެއަށް ފުލުހުންގެ "ދިގު އަތް" ބާނާފައިވާތީ، އެމްޑީޕީން އެކަމާ ކަންބޮޑުވާ ކަމަށެވެ.

އަދި އެޕާޓީގެ އަބަދުވެސް ސުލްހައަށް ލޯބިކުރާ، ސުލްހަވެރިކަމާއެކުގައި އިހުތިޖާޖުކޮށް ގާނޫނީ އިމުގެ ތެރެއިން އަމަލުތައް ބަހައްޓާ ސިޔާސީ ޕާޓީއެއް ކަމަށްވެސް ބުނެފައިވެ އެވެ.

އެނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހު ފުލުހުންނާއި ސިފައިންގެ ތެރެއިން މަދު ބަޔަކު ނުކުމެ ހިންގި ބަޣާވާތަށްފަހު، ޖަނަވާރުގެ އުސޫލުން އެމްޑީޕީގެ މެންބަރުންނާއި އެމްޑީޕީ އާއި މެދު ފުލުހުންނާއި ސިފައިން އަމަލުކުރަމުންދިޔަ ނަމަވެސް އެމްޑީޕީން ފަށާފައިވާ އިންސާފުގެ ދަތުރަށް ކުޑަވެސް މަޑުޖެހުމެއް ނާންނާނެ ކަމަށެވެ.

ލޮނުޒިޔާރަތްކޮޅުގައި އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާގެ ސަރަހައްދަށް ފުލުހުންނާއި ސިފައިން ވަދެ އެތަނުގައި ހުރި ޖަގަތައް ރޫޅާލާ އެތަން ބަލާފާސްކުރުމުގެ ތެރޭގައި އެސަރަހައްދުން ވަނީ ރާއްޖޭގައި އުފައްދާފައިވާ ބަނގުރާ ހަމަކާއި ބިޔަރުދަޅުތަކެއްގެ އިތުރުން ކޮންޑަމްތަކެއް ވެސް ހޯދާފަ އެވެ.