"ޝައިތާނާގެ އެންމެ މުހިއްމު އެއް ބޭނުމަކީ އިންސާނުން ނަމާދާއި ދުރުކުުރުވުމާއި ނަމާދު ކުރިޔަސް ޚުޝޫއަތްތެރިވިޔަ ނުދޭން ވަސްވާސް ދިނުމެވެ. އެކަމަށްޓަކާ ވެވުނުހާ މަސައްކަތެއް ކުރާނެއެވެ. ނަމާދުން ލިބޭ ހިތްހަމަޖެހުމާއި ފޮނިކަން އަދި ސަވާބު ލިބިޔަނުދިނުމަކީ ޝައިތާނާގެ މަސައްކަތެކެވެ."

***

ޚައި...."އަސްލަންގެ އަޑު ކަންފަތުގައި ޖެހުމާއެކު ޚައިރާގެ ހިތްވެސް ސްނޯ ފަދައިން ވިރިގެން ފައިބައިގަތްފަދައެވެ. ނިރުބަވެރިޔަކާއި ވާހަކަދެއްކުނީތީ ކުށުގެ އިހުސާސް ތެރެއަށް ހިތް ގެނބިގަތެވެ. އަސްލަން އައިގޮތަށް ޚައިރާގެ ކޮނޑުގައި އަތް ބާއްވަމުން ގަޔާއި ކައިރިކޮށްލީ ހިމާޔަތް ދޭފަދަ ގޮތަކަށެވެ. ހާރިސްއާއި އަސްލަންގެ ކަޅި ބައްދަލުވީ ހިނދު ދެމީހުންގެ ލޮލުންވެސް ފެންނަން ހުރީ ބީރައްޓެހިކަމާއި ނުރުހުމުގެ ކުލަތަކެވެ."ޚައި ދޭ އެތެރެއަށް.ނުދަންނަ މީހުންނާއި ވާހަކަ ނުދައްކާތި...."

ގެނބިފައިވާ ހިތަކާއެކު ޚައިރާ އެތެރެއަށް ވަނެވެ.

"ސްޓޭ އަވޭ ފްރޮމް މައި ސިސްޓަރ."އަސްލަންގެ އަޑު ކިތަންމެ މަޑުވިޔަސް ނުރައްކާތެރިކަމެއްވިއެވެ.

"ހަގުރާމަ އިތުރަށް އެސްކެލޭޓްކުރާ ހިތުން ތިއުޅެނީ؟" ހާރިސްގެ ޖުމްލައިގާ އިންޒާރެއްވިއެވެ.

"ކޮން ހަގުރާމައެއް....."

"ކަލޭގެ ބައްޕަ އިސްލާމްދީނާއި ދެކޮޅަށް ފަންޑުކޮށް އަދާވާތްތެރިވެގެން އުޅޭތީ މިހެން ބުނީ. އެކަމުގެ ނަތީޖާ ފެންނާނެ. އެހެންވީމަ އަހަންނަށް ތްރެޓްނުކޮށް ކަލޭ ދުރުން އުޅެބަލަ..ތިއީ ކާކުތަ؟" ހާރިސްގެ ދެލޮލުން އަސްލަންއަށް ފެނުނު ފިނިކަމުން އެ ދެލޯ ގަޑުފެނެކޭ ތަފާތެއްނެތެވެ.

"ވީއިރު އަހަންނަށް ހީކުރެވުނީ ރަގަޅަށްތާ. އެހެންވެ އަހަރެމެންގެ ކޮއްކޮވެސް މަރައިލުމުގައި ކަލޭގެ އަތެއްވާނެ. ޔޫ............." އަސްލަންގެ މޫނު ރަތްވެގެން ދިޔުމާއެކު ހަޅޭއްލަވައިގަނެވުނެވެ. މުށްކަވައިލެވުނު އަތުން ހާރިސްގެ ކަރުގައި ނުހިފުނީ ހަމަ ކިރިޔާއެވެ. ނަމަވެސް ހާރިސް ފަހަތަށް ޖެހުނުގޮތަށް ދުރަށް ހިނގައިގަތީ އެ އަރައިރުން އިތުރަށް ހޫނުވިޔަ ނުދިނުމަށް ގަސްތުކޮށްގެންނެވެ.

***

މިސިޒް ކެތްރީންއަށް ދައްކަން ހާރިސް ސިއާރާގާތު އެދުނު ވީޑިއޯ ޖެއްސުމާއެކު ކެތްރީން ސިހޭގޮތްވިއެވެ. އެއާއެކު އޭނައަށް އަނގަމަތީ އަތް އަޅައިލެވުނެވެ. ލޯ ބޮޑުވިގޮތަށް މަޑުމަޑުން ކޮޅަށް ތެދުވެވިއްޖެއެވެ."މަންމާ. ކިހިނެއްވީ؟ އާ ޔޫ އޯކޭ؟"

"މަންމަ އޯކޭ ވާނީ ކިހިނެއްތަ؟ މަންމަ......ތިއީ. ދަރިފުޅުގެ ބޭބެ. ހާރިސް.."

"މަންމާ. ކިހިނެއް މަންމައަށް އެނގުނީ؟" ސިއާރާގެ ހިތަށްވެސް ފިނިވެގެން އައީ އަޖައިބެއްފަދަ ގޮތަކަށެވެ.

"ހާރިސްގެ ބުމައާއި ލޯ މަންމައަކަށް ނޯޅޭނެ..އެކަމަކު މަންމައަށް މަންމަގެ ދަރިންނަށް އަނިޔާ ދެވިއްޖެ. ދުވަހަކު މަންމައަށް މާފުދޭނެކަމެއް ނޭގޭ. އެހާވެސް އަނިޔާ ކުރެވުނު. އެންމެ ފަހުން ހާރިސް ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށް ނުވާކަމެއްވެސް ނޭގޭ. އެކަމަކު އޭނަ ރަގަޅު ދޯ. މިއީ ކޮންކަހަލަ ވީޑިއޯއެއް؟" ކެތްރީން ތަންކޮޅެއް ހަމަޖެހިލަމުން ސޯފާގައި އިށީދެ ވީޑިއޯ އަލުން ހުޅުވަދޭން އެދުނެވެ.

"ހާރިސްއަކީ ސްކޯލާއެއް. ޝޭޚެއް..."

"ޖަހާންގީރުގެ ދަރިއެއްވީމަ ދީނީ ވާނެކަން އެނގޭ.."

"މިގޭ މަތީބައިގާ އުޅެނީ މި ހާރިސް މަންމާ......" ސިއާރާގެ ލޮލުން ކަރުނަ ނިރައިލީ ޖަޒުބާތީ ވެވުނުވަރުންނެވެ." ހާރިސްއަކީ ވަރަށް ގިނަ މީހުންގެ ގަދަރު ލިބިފައިވާ ރަގަޅު ޒުވާނެއް. ދީނީ އިލްމު އުގެނިގެން ހުރި ޝޭޚެއްވީމަ އެމީހުންގެ ތެރޭ އިހުތިރާމް ލިބިގެން ވާނެ ދޯ. ވަރަށް ސްވީޓް. ނަފްސާނީ މައްސަލައެއް އުޅޭހެން ހިޔެއްނުވޭ. މަންމަ ކީއްވެ ހާރިސްއަށް އަނިޔާވެރިވީ؟"

"ހާރިސްއާއި އެކަންޏެއް ނޫން. އަރީކްއަށްވެސް....."

"އަރީކްއަކީ ކާކުތަ؟"

"މަންމައަށް ލިބުނީ އެއްމާބަނޑު ދެބެން. ބައްޕައަށް ކުރެވުނު ނަފްރަތު ބޭލުނީ ކުށެއްނެތް މައުސޫމް ކުދިންނަށް. މަންމައިންގެ ހިތް އެހާ ހަރުވެދާނެކަމަށް ގަބޫލުކުރާނީވެސް ކާކު؟ މަންމަ އަބަދު ހަޅޭއްލަވާ އެކުދިން ރޮއްވާ ދެރަކޮށް ހިތުގައި ޖެއްސިން. ތަޅާވެސް ހެދިން..ގޯޑް. ފޮގިވް މީ...."

ސިއާރާ އިނީ ޝޮކެއްގައެވެ. އޭނަގެ ލޯބިވާ މަންމަ އެހާ އަނިޔާވެރިވެދާނެކަމަށް ގަބޫލުކުރަން އޭނައަށްވެސް ފަސޭހައެއްނުވިއެވެ. އަދި އެވެސް އަމިއްލަ ބަނޑުގައި އަޅާ ވިހޭ ދަރިންނަށެވެ. އޭނަގެ ބޭބެމެންނަށެވެ.

"ހާރިސް މަންމައާއި ބައްދަލުކުރަން ބޭނުންވޭ...." ސިއާރާ މަންމަގެ އަތުގައި ހިފައިލިއެވެ.

ކެތްރީންގެ ލޮލުން ކަރުނަ އޮހިގަތެވެ.

އޭރު ސިއާރާއަށް ނޭގުނީ ހާރިސްއަށް ކެތްރީންއަކީ މަންމަކަން އެނގިފައިވާ ކަމާއި މަންމަދެކެ އެ ހިތުގައި އުފެދިފައިވާ ނަފްރަތުގެ ހުޅުގަނޑުގެ ބޮޑުވަރެވެ.

***

ޖަހާންގީރުއާއިއެކު ކާކޮޓަރީގައި އޭނަގެ ދެދަރިން އިށީދެލައިގެން ތިބިއިރު ހާރިސްގެ މޫނުމަތިން ފެނުނީ ނުރުހުމުގެ ކުލަވަރެވެ. އެރިކްއިނީ ހަމަޖެހިލައިގެންނެވެ. މާޒީގެ މަތިން ހަނދާން ނައްތާލާފައި އޭނަ ހުރީ މަންމައަށް މާފުކުރަން ނިންމައިގެންނެވެ.

"ދަރިފުޅާ. ގުރުއާނުގައި މައިންބަފައިންނާއި ބެހޭގޮތުން އޮތީ ކީކޭ؟ ކިތައްފަހަރު މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގެ ވާހަކަ އޮތީ؟ މުޝްރިކަކަށްވިޔަސް ހެޔޮކޮށް ހިތަން އޮތީ...."

"އެހުރިހާކަމެއް އެނގޭ. ބައްޕާ. އަޅުގަނޑަކީ މަލާއިކަތެއްނޫން. އިންސާނެއް. މަންމަ އެހެރީ ޔަހޫދީއަކާއި ހެދި މޮޔަވެގެން އެމީހާއާއި ކައިވެނިކުރަން ނިންމައިގެން. މަންމަ މި މާތް އިސްލާމްދީނަށް ނަފްރަތުކުރޭ. މުޝްރިކަކަށްވިޔަސް އެންމެ ރަގަޅު އެކަމަކު ނަފްރަތުކޮށް ދީނާއި ދެކޮޅަށް ހަގުރާމަ ފެށުމުން ދިފާއުގައި ހަގުރާމަ ކުރާނަން. މަންމަ އަޅުގަނޑުމެންނާއި ދޭތެރޭ ކަންތައްކުރިގޮތް އަދިވެސް ވީޑިއޯތަކުންނާއި ފޮޓޯތަކުން ފެންނަން އެބަހުރި. ދޮންދަރިންނަށްވެސް މީހަކު އެހެން ނަހަދާނެ.އައިމް ނޮޓް ދަ ފޮގިވިން ޓައިޕް....." ހާރިސް ޕޭންކޭކުގައި ބަޓަރު މޭޕްލް ސިރަޕް ހާކަމުން ދިޔައެވެ.

"ހާރިސް. ކީއްވެ ތިހާ ހަރުކަށި ފިކުރެއް ތިހިރީ؟" އެރިކް އިނީ ކާ ހިތް ކެނޑިފައެވެ.

"ހޫމް ރާއްޖޭގައި މިހާރު ހައްދު ފަހަނަޅާ ދިޔުމާއި ދީން ގަބޫލުނުކުރުމުގެ މައްސަލަ ވަރަށް ބޮޑު. އެކަމަކު އާރިކް ދަރިފުޅު ތިހެން ނުބުނޭ. ކޮއްކޮއަކީ ހަރުކަށި ފިކުރުގެ ކުއްޖެއްނޫން. ޝޭޚެއް. ހާފިޒެއް.ދީނީ އިލްމުވެރިއެއް.ދީނީ އިލްމުވެރިންނަކީ ގުރުއާނާއި ހަދީސް އުނގެނި އިލްމު ލިބިގެން މީސްތަކުންނަށް ރަގަޅަށް ބުނެދޭ މީހުން. ހާރިސް މަންމަދެކެ ހިތްހަމަނުޖެހުމަކީ ޕާސަނަލް ކަމެއް. ނޫންތަ ހާރިސް؟" ޖަހާންގީރުގެ ހިތުގައި ބިރުވެރިކަމުގެ ވިންދެއް ޖަހައިލިއެވެ. ދަރިފުޅާއި ހަރުކަށި ފިކުރު ގުޅުވުމުން އެހިތަށް ވީގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ހެއްދެވި ފަރާތެވެ.

"ބައްޕަ ރާއްޖެ ދުރުވަނީ ކޮން އިރަކުން؟ އަޅުގަނޑުވެސް ޖައްސައިލަން ކަމަށް..." ހާރިސް އެހެން ދިމާލަކަށް ވާހަކަ ގެންދިޔައެވެ.

"ވަރަށް އަވަހަށް..."

"ހާރިސް. މަންމައާއި ބައްދަލު ނުކުރާނަންތަ؟" އެރިކް އެހިއެވެ.

"އަހަރެންގެ މަންމައެއް ނެތް.އިތުރަށް އެވާހަކަ ނުދައްކަފާނަންތަ؟ ނޫނީ ދެން މަގޭ އަތްފައިން ގޯހެއް ހެދިދާނެ..."

"ހާރިސް.....ތީ ކޮންވައްތަރަކަށް ވާހަކަ ތިހިރީ؟ ބޭބެ ގާތުން ހަމަ މިހާރު މާފަށް އެދޭ............" ޖަހާންގީރު އެދެބެން ތަރުބިއްޔަތުކޮށް އަދަބުވެރިކުރުވުމުގެ މަސައްކަތް އަދިވެސް ހުއްޓައެއްނުލައެވެ. އެކަކު އަނެކަކަށް އިހުތިރާމްކޮށް އަޚުންގެ ގޮތުގައި ދިރިއުޅެން ދެބެންނަށް ދަސްކޮށްދިނުމަކީ އޭނަގެ ވާޖިބެއްކަމުގައި އޭނަ ދެކެއެވެ.

"ސޮރީ..." ހާރިސް ބައްޕައަށް އިހުތިރާމްކުރުމުގެ ގޮތުން ބުނެލިޔަސް މާނަކޮށްފައި ބުނި އެއްޗެއް ނޫންކަން އެންމެނަށް އެނގުނެވެ.

ހާރިސްގެ ހިތް އަލިކަމާއެކު އުމުރުން ދިހަ އަހަރުގައި ގުރުއާން ހިތުދަސްކުރިއެވެ. ރީތި ރާގަށް ކިޔަވަން އެނގުނެވެ. އިމާމުވެ ތަރާވީސް ނަމާދުވެސް ކުރިއެވެ. ޖަހާންގީރު އެކުޑަ ދަރިފުޅާއިމެދު ފަޚުރުވެރިވިއެވެ. ދެބެން ކުޑައިރު ގޮވައިގެން ހައްޖު ދަތުރަކު ގެންދިޔައެވެ. އެހިސާބުން ފެށިގެން ދެދަރިންނަށްވެސް ދީނީ އިމްލު އުގަންނާދީ އަޅުވެރި ސާލިހު ދަރިންގެ ގޮތުގައި ބޮޑުކުރަން އޭނަ ނިންމިއެވެ. ހާރިސްގެ ހިތުގައި ނަފްރަތުގެ އޮށް ހެދި ބޮޑުވަމުން ދިޔަކަމެއް ޖަހާންގީރަކަށް ނޭގުނެވެ. ދެބެން ކިޔަވާ ނިމުމުން އިނގިރޭސި ވިލާތަށް އިތުރު ތައުލީމް ހޯދަން ފޮނުވީ އެކުދިން މަގު ނޯޅޭނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުންނެވެ. އާރިކް ދީނުގެ މެދުމިނުގެ ގޮތްތަކަށް ތަބާވާއިރު ހާރިސްގެ މިޒާޖުގެ ގޮތުން އޭނަގެ ހަގީގަތެއް އެހާ ނޭގެއެވެ. ސިއްރުވެރިގޮތެއްވެސް ހުރެއެވެ. ގިނަފަހަރު އެލޮލުގައިވާ އެއްޗެއް އޭނަގެ އެއްމާބަނޑު ބޭބެއަށްވެސް ތަރުޖަމާކުރާކަށް ނޭގެއެވެ.

***

ހާރިސް ނިދަން ކޮޓަރިއަށް ވަނުމުން ޖަހާންގީރުއާއި އެރިކް ބޮޑުކޮޓަރީގައި އަލިފާން އަންދާތަނުގެ ކުރިމަތީގައި ކޮފީ ބޯން މަޑުކޮށްލައިގެން ތިބިއިރު ހާރިސް ބަގަރާ ސޫރަތް ކިޔަވާ އަޑު ކޮންމެވެސް ވަރަކަށް ކޮޓަރިން ބޭރަށް އިވެއެވެ. ހިތްތަކަށް އަސަރުކުރުވާފަދަ އަޅައިގަންނަފަދަގޮތެއް އެ ރާގުގައިވިއެވެ. ދެމީހުން އެތައް އިރެއްވާންދެން އަނގައިން ނުބުނެ ތިއްބާ ހާރިސްގެ އަޑު މަޑުވިއެވެ.

"ހަގީގަތުގައިވެސް ބައްޕަ ވަރަށް ފަޚުރުވެރިވޭ. މާތްﷲ އެ ދަރިފުޅުގެ މަސައްކަތުގައި ބަރަކާތްލައްވާނެ. ކޮންފަދަ ފުރިހަމަ ކަމެއް. ﷲގެ ކަލާމްފުޅު އެގޮތަށް ކިޔެވުމުން ހިތްތަކަށް މިކުރާ އަސަރުތައް ބައްޕައަށްވެސް ބުނެދޭކަށް ނޭގޭ. މާނަ ނޭގޭ މީހުންގެ ހިތްވެސް ރޫރޫ އަޅައިގަންނާނެ." ޖަހާންގީރު ކުޑަކޮށް ހީލިއެވެ. ބައްޕަގެ އެސްފިޔަތައް ތެމިފައިވާތަން އެރިކްްއަށްވެސް ފެނުނެވެ.

"ބައްޕާ. އެކަމަކު އަޅުގަނޑު ކަންބޮޑުވޭ. ހާރިސް ދީނީ އިލްމުވެރިއެއްގެ ނިވަލުގައި ހުރެ އެހެން ކަންތައްތަކެއް ނުހިންގާ ބާވައޭ ހިތަށް އަރަނީ. އެތައް ފަހަރު ފުލުހުން ގެންގޮސް ސުވާލުކޮށްފި. ގޯސްމަގަކުން ނުގޮސްފިއްޔާ ރަގަޅު..."

"ދަރިފުޅު ތިބުނީ...." ޖަހާންގީރުގެ ހުރިހާ ހިއްސުތައް ހުޅުވުނެވެ.

"ޓެރަރިޒަމް. މިތަންތާގައިވެސް....."

"އޭނައަކީ ދުނިޔެ ދަންނަ ޝޭޚެއް ދަރިފުޅާ."

"ބަޓް...." އާރިކްގެ ހިތުގައި ޝައްކުގެ އޮއިވަރެއް ހިނގައިގަތެވެ."ބައްޕަގެ ފްރެންޑް ގާތުގައި ހާރިސް ބެހެއްޓި އެ ފްރެންޑްވެސް ޓެރަރިޒަމްއަށް ފަންޑުކުރާކަމަށް އަޑު ފެތުރިފައިވަނީ. ކޮންމެވެސް ސަބަބެއް ނެތި ނޫސްތަކަށް އޭނަގެ ނަން އަރާނެތޯ؟ ހާރިސް އަޅުގަނޑާއިވެސް މައްސަލަ އެބަޖެހޭ. އަޅުގަނޑު ގެ ހުރިހާ ކަމަކަށް ފާޑުކިޔާ....."

ޖަހާންގީރުގެ މޫނުމަތިން ނުތަނަވަސްކަން ފައުޅުވެގެން ދިޔުމާއެކު އަތުގައިވާ ފޯނަށް ބަލައިލަމުން އޭނަގެ އެކުވެރިޔާގެ ނަމްބަރަށް ގުޅަންފެށިއެވެ.

***

މަސްޖިދު ބައިތުލް އަހަދުގެ އިމާރާތުގައިވާ ހަލާލް ކާނާ ވިއްކާ ފިހާރައަށްވަދެ ސިއާރާ ބޭނުންވާ ސާމާނު ގަނެލިއެވެ. ހާރިސް ދުށުމަށް އެދި ލޯ ބޭގަރާރުވިއެވެ. އެވަރަށް މެސެޖްކޮށް ގުޅާއިރުވެސް ހާރިސް ޖަވާބު ނުދެނީ ކީއްވެ ބާވައޭ ހިތަށް އެރިއެވެ. ކާއިނާތު ގާތުން އެހުމުން ބުނީ މިދުވަސްކޮޅު މިސްކިތަށް ނާންނަ ކޮންމެވެސް ސަބަބެއް އޮވެދާނެކަމަށާއި ދުޢާކުރުމަށެވެ.

"ކާއީ...ހާރިސްއަކީ އަހަރެންގެ ބޭބެއެއް......."

"ވަޓް؟" ކާއިނާތު މޭގައިި އަތް އަޅާ އޮބައިގަތެވެ." ތިބުނީ ދީނީގޮތުން އަޚެކޭ ދޯ...."

"ނޫން. މަންމަގެ ދަރިއެއް..މަންމަ ކުރިން ކައިވެނިކުރީ ރާއްޖޭގެ ވިޔަފާރިވެރިއަކާ. އޭނައަށް މަންމަ ޓްވިންސް ވިހެއީ. އެކައިވެނި ރޫޅުމުން މަންމަ ދަރިން ދޫކޮށްފައި އައިކަމުގައި ވިޔަސް މަންމަގެ.....އަހަންނަށް އެކަން އެނގުމުން ހިތަށް ލިބުނީ ބުނަން ނޭގޭފަދަ އުފަލެއް. ހާރިސްގެ އެންމެ ބޮޑު ފޭންއެއްގެ ގޮތުގައި ހުއްޓާ އެއީ ބޭބެކަން އެނގުނީ. ކިހާ ބޮޑު އިއްތިފާގެއް. ހާރިސްދެކެ ލޯބިވެވުނުއިރުވެސް އެނގުނީ އެއީ އިޝްގީ ލޯތްބެއް ނޫންކަން. ތަފާތު ލޯތްބަކާއި ކުލުނެއް ހިތުގައިވީ. ގަދަރުވެސް ކުރެވޭ ޝަޚުސިއްޔަތެއް." ސިއާރާގެ ލޮލުން އުފާވެރިކަމުގެ ވިދުވަރު ފެނުނެވެ." ކުއްލިއަކަށް ދެ ބޭބެއިން ލިބުމުން ހަމަ ތަފާތު އިހުސާސެއް މިކުރެވުނީ. ބޭބެމެންގެ ހިމާޔަތްވެސް ލިބޭނެއޭ ހިތަށް އެރީ....އަލްހަމްދުލިﷲ. ކިހާ އުފާވެރި..."

ކާއިނާތު ސިއާރާގެ ގައިގާ ބައްދައިލަމުން މަރުހަބާކިއެވެ. ހަގީގަތުގައި އޭނައަށްވެސް އެކަމުން ފަޚުުރުވެރިކަމެއް ލިބުނެވެ.

***

މާކް ކްރޯފޯޑްއާއި ކެތްރީންގެ ކައިވެނީގެ ހަފްލާގައި އެރިކް އޭނަގެ މަންމައަށް ތައާރަފުކުރެވުނެވެ. ކެތްރީންގެ ލޮލުން ކަރުނަ ނިރައިލިއެވެ. ކެތްރީން ހާރިސްގެ ޚަބަރު އޮޅުން ފިލުވިއެވެ. އެރިކް ބުނީ އޭނަ ބައްޕައާއެކު ވީ ރާއްޖޭގައިކަމުގައެވެ. ހާރިސް މަންމައަށް ދުވަހަކު މާފު ނުދޭނެކަމަށާއި ދެކެން ބޭނުންނުވާކަމުގައި ބުނެ މަންމަގެ ހިތުގައި ޖައްސަން އެރިކްއަކަށް ނުކެރުނެވެ. އެރިކްގެ ހިތް އެހާވެސް މަޑުވެފައި ސާފެވެ. ކުޑައިރުއްސުރެ މަންމަގެ ލޯތްބަށް ފެންބޮވައިގެންފައިވާ އެރިކްއަށް އެތައް ޒަމާނެއްފަހުން މަންމަގެ ލޮލުން ލޯބީގެ ކުޑަ މިންވަރެއް ފެނިލިއެވެ. އަސްލަންއާއި ޚައިރާ އަދި ސިއާރާވެސް މައިންބަފައިންގެ މި ގުޅުމާއި ހިތާއި ދެކޮޅުނަމަވެސް ބޭރުފުށުން އުފާވެރިކަން ދެއްކީ މައިންބަފައިންގެ އުފަލަށްޓަކައެވެ.

ސިއާރާގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައީ އެރޭއެވެ.

މާކްއާއި ކެތްރީންގެ ކައިވެންޏަށްފަހު އޭނަގެ ދިރިއުޅުމަށް އަންނާނެ ޒަލްޒަލާގެ ކޮޅުމަތި ފެނުނީ އެރޭގައެވެ.

ނުނިމޭ