އެމެރިކާގެ އާއިލާއެއްގެ ހުރިހާ މެންބަރުން ވެސް އާދަޔާ ހިލާފަށް އިސްކޮޅުން ދިގުވުމުން، "ދުނިޔޭގެ އެންމެ ދިގު އާއިލާ"ގެ ލަގަބު އެ އާއިލާއަށް ދީފިއެވެ.

އެމެރިކާގެ މިނެސޯޓާއަށް ނިސްބަތްވާ އެ އާއިލާގައި ތިބެނީ ފަސް މީހުންނެވެ. އެއީ ކްރިސްޓީން ޓްރެޕް، ސްކޮޓް ޓްރެޕް އަދި އެދެމަފިރިންގެ ތިން ކުދިން ކަމަށްވާ ސަވާނާ، މޮލީ އަދި އެޑަމް ޓްރެފްއެވެ.

އުމުރުން 22 އަހަރުގެ އެޑަމް އަކީ ހަތް ފޫޓު ތިން އިންޗި ހުންނަ އެ އާއިލާގެ އެންމެ ހަގު ނަމަވެސް އެންމެ ދިގު މީހާއެވެ. ބައްޕަ ސްކޮޓް އާއި ދަރިފުޅު ސަވާނާގެ ދިގުމިނަކީ ހަ ފޫޓު އަށް އިންޗިއެވެ.

މީގެ އިތުރުން، މޮލީގެ އިސްކޮޅުގައި ހަ ފޫޓު ހަ އިންޗި ހުންނައިރު މި އާއިލާގެ އެންމެ ކުރު މީހާއަކީ އެ ކުދިންގެ މަންމަ ކަމަށްވާ ކްރިސްޓީންއެވެ. އޭނާގެ އިސްކޮޅަކީ ހަ ފޫޓު ތިން އިންޗިއެވެ.

އެހެންކަމުން މުޅި އާއިލާގެ އެވަރެޖު އިސްކޮޅަކީ ހަ ފޫޓު އަށް އިންޗިއެވެ.

ފަސް މެންބަރުން ހިމެނޭ އެ އާއިލާއަށް ދުނިޔޭގެ އެންމެ ދިގު އާއިލާގެ ލަގަބު ލިބުނީ އެ އާއިލާގެ އެންމެ ދިގު މީހާ ކަމަށްވާ އެޑަމް، ގިނިސް ވޯލްޑް ރެކޯޑަށް އެކަން އެންގުމުންނެވެ.

އެއަށްފަހު، 2020 ވަނަ އަހަރުގެ ޑިސެންބަރު މަހު އެ އާއިލާގެ މީހުންގެ އިސްކޮޅު ރަސްމީކޮށް ބެލިއެވެ. އެއީ އެއްދުވަހެއްގައި ތިން ފަހަރު ކޮންމެ މީހެއްގެ އިސްކޮޅު ބަލައިގެންނެވެ. އެގޮތުން އޮށޯވެ އޮއްވައާއި ކޮޅަށް ހުއްޓާ ވެސް އިސްކޮޅު ބަލާފައިވެއެވެ.

ދުނިޔޭގެ ރެކޯޑު ފޮތުގައި ހިމެނުމަށް އެ އާއިލާގެ ހުރިހާ މެންބަރުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ފަހު، އެ އާއިލާގެ ނަން ރެކޯޑު ފޮތަށް އިތުރުކުރީ ޑިސެމްބަރު ހަޔެއް، 2020ގައެވެ.