އިއްޔެއަކީ އަހަރުގެ މިހާތަނަށް އެންމެ ހޫނު ގަދަވި ދުވަސް ކަމަށާއި، މާލެ ސަރަހަށްދަށް އިއްޔެ 43 ޑިގުރީ ސެލްސިއަސްގެ ހޫނު އިހުސާސްވި ކަމަށް މެޓް އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ބުނީ އިއްޔެ އެންމެ ހޫނުގަދަަވެފައިވަނީ އުތުރާއި، މެދު ރާއްޖެތެރޭގެ ރަށްތަކަށް ކަމަށެވެ. އެ ގޮތުން ހދ. ހަނިމާދޫގެ ހޫނުމިން 32 ޑިގުރީ ސެލްސިއަސްގައި ހުރިއިރު، 41.9 ޑިގުރީ ސެލްސިއަސްގެ ހޫނެއް އެރަށުގައި ތިބި މީހުންނަށް ވަނީ އިހުސާސްވެފައެވެ.

ހުޅުލޭގައި ތިބި މީހުންނަށް 43.3 ޑިގުރީ ސެލްސިއަސްގެ ހޫނެއް އިހުސާސްވި އިރު، އެރަށުގެ ހޫނުމިން ހުރީ 33 ޑިގުރީ ސެލްސިއަސްގައެެވެ.

މެޓް އޮފީހުން މީގެ ކުރިން ހާމަކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން ފާއިތުވި 30 އަހަރުގައި ވެސް އެންމެ ހޫނު ގަދަ މަހަކީ އޭޕްރީލް މަހެވެ. އަދި، ދުވަހުގެ ގަޑި ތަކުގެ ތެރެއިން އެންމެ ހޫނުގަދަ ގަޑިއަކީ 14:00އެވެ.