19 Mar 2012, 18:58
ދެހާސް ނުވަވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި އެމެރިކަން ރެޑްކްރޮސް މާލޭ އޮފީހުން ވައްކަން ކުރި މައްސަލައިގައި ވައްކަން ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރި މީހާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ހ ގާދޫ ބިލްޑިން ގެ ތިންވަނަ ފަންގިފިލާގައި ހުންނަ އެމެރިކަން ރެޑްކްރޮސްގެ އޮފީސް ފަޅާލައި އެތަނުން ވައްކަން ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ކުރީ ސ. ހިތަދޫ، އަންނާރުމާގޭ، އަހުމަދު ނަސީރު ގެ މައްޗަށެވެ.
އެ މައްސަލައިގެ ނިޔާ ކަނޑައެޅުމަށް އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ދައުވާއަށް ނަސީރު އިންކާރުކޮށްފައިވާ ކަމަށެވެ. އަދި ނަސީރު އެތަނުން ވައްކަންކުރިކަން ސާބިތުކުރެވޭވަރުގެ ހެކި ލިބިފައިނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ހުކުމްކުރީ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ޖޫން 25، 2009 ދުވަހުގެރޭގެ ފަތިހު އެމެރިކަން ރެޑްކްރޮސް އޮފީސް ފަޅާލައި އެތަނުން ވަނީ ދެ ކެމެރާއަކާއި ލެޕްޓޮޕެއް ވަގަށް ނަގާފަ އެވެ.