މެންޗެސްޓާ ޔުނައިޓެޑްގައޮ އޮތީ އެންމެ މީހެއްގެ ޒިންމާއެއް ނޫން ކަމާއި، ކުރިއަށް ދާން ބޭނުންނަމަ ދެވޭނީ އެންމެ އެއްކޮށް އެކީ މަސައްކަތް ކޮށްގެން ކަމަށް ޔުނައިޓެޑްގެ ކޯޗު ރަލްފް ރަންގްނިކް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗަށްފަހު ވާހަކަދައްކަމުންނެވެ. އޭނާ އެގޮތަށް ވާހަކަ ދައްކާފައިވަނީ ރޭގެ މެޗުގައު ޔުނައިޓެޑްގެ ބައެއް ސަޕޯޓަރުން އެ ޓީމުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް ދިމާކުރުމުންނެވެ.

"މި ކުލަބުގައި އޮތީ އެންމެ މީހެއްގެ ޒިންމާއެއް ނޫން. ކުރިއަށް ދެވޭނީ އެންމެ އެކަތިގަނޑެއްގެ ގޮތުގައި ޒިންމާ ނަގައިގެން،" ރަންގްނިކް ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނެފައި ވަނީ ޔުނައިޓެޑް އޮތް ހިސާބުގެ ގޮތުން ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުން އޮތީކަން އޭނާއަށް އެނގޭ ކަމަށެވެ. އަދި އެކަމާމެދު ހިތްހަމަ ނުޖެހެނީ ސަޕޯޓަރުން އެކަނި ނޫން ކަމަށާއި، ކުޅުންތެރިންނާއި ޓީމުގެ ސްޓާފުން ވެސް އެކަމާ ހިތްހަމަ ނުޖެހޭކަމަށް އޭނާ ބުންޏެވެ. އަދި ޓީމު އެ ހިސާބުގައި އޮތުމަކީ ވަކިވަކި ކުޅުންތެރިންނާ ދިމާ ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ ރޭގެ މެޗުން މޮޅުވުމުން ހިތްހަމަ ޖެހޭ ކަމަށެވެ. އެކަމަކު، ދެ ލަނޑުގެ ލީޑެއްގައި އޮއްވާ، ޓީމުގެ ޑިފެންސުން ފެނުނު ކުޅުމާމެދު އޭނާ ހިތްހަމަ ޖެހެއެކޭ ނުބުނެވޭނެކަމަށް ބުންޏެވެ.

ރޭގެ މެޗުން މޮޅުވެ ޔުނައިޓެޑް ވަނީ ތާވަލްގެ ފަސް ވަނަ މަގާމަށް ޖެހިލައިފައެވެ.