19 Mar 2012, 18:37
ނީލަން ފިހާރައިގައި ރޯވިތާ ފަސްގަޑިއިރު ފަހުން މިއަދުން ފެށިގެން އެ ސަރަހައްދުގެ ބޭނުން އެއްވެސް ފަރާތަކުން ނުކުރަން މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނަނީ ނީލަން މުދާ ވިއްކާ ބިމަކީ އަލިފާނުގެ ހާދިސާތައް ވަރަށް ގިނައިން ހިނގާ ތަނަކަށްވާތީ މިއަދުން ފެށިގެން އެއްވެސް ފަރާތަކުން އެ ސަރަހައްދުގެ ބިން ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ.
މާލޭގެ އެއް ނަންބަރު ކުނިކޮށްޓާއި، އިންވެގެން އޮތް ނީލަން މުދާ ވިއްކަން ބޭނުންކުރާ ސަރަހައްދު އެއްވެސް ބޭނުމަކަށް މީގެ ފަހުން ދޫކުރެވޭނީ ސިޓީ ކައުންސިލުން ހަމަޖައްސާ އުސޫލެއްގެ ދަށުން ކަމަށް ވެސް އެއިއުލާނުގައިވެ އެވެ.
ކުނިކޮށި ހިމެނޭ ސަރަހައްދަކީ ގޭހާއި ޕެޓްރޯލް ރައްކާކޮށްފައިވާ ސަރަހައްދަކަށްވާތީ އެ ސަރަހައްދުގައި ހިނގައި އެފަދަ އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ނުކުރެވިއްޖެނަމަ، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެކަން މާލޭ ސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.
މީގެއިތުރުން އަލިފާން ރޯވުމުގެ ސަބަބުން އެ ސަރައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އުނދަގޫ ވަމުންދާ ކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބެމުން އަންނަ ކަމަށްވެސް ބުނެފައިވެ އެވެ.
މިއަދު ހެނދުނު ނީލަން ފިހާރައިގައި ރޯވެ އަނދައިގެން ދިޔައީ ހަތަރު ވަނަ ފަހަރަށެވެ. މާލޭ ދެކުނު ހާބަރު ސަރަހައްދުގައި ނީލަން ފިހާރަ ހިންގި އިރުވެސް އެ ފިހާރައިގައި ވަނީ އެއް ފަހަރު ރޯވެފަ އެވެ. އަދި އެއް ނަންބަރު ކުނިކޮށި ހުންނަ ސަރަހައްދަށް އެ ފިހާރަ ބަދަލުކުރި ފަހުން ވަނީ ތިން ފަހަރެއްގެ މަތިން އެތަނުގައި ރޯވެ އަނދާ ހުލިވެފަ އެވެ.