ހުސްވެފައިވާ ހދ. ނޭކުރެންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ދެގޮނޑި އެމްޑީޕީއާއި ޕީޕީއެމް އިން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ބޭއްވި އިންތިހާބު ކާމިޔާބު ކުރީ ޕީޕީއެމްގެ ކެންޑިޑޭޓު ޚަދީޖާ އިބްރާހިމް އަދި އެމްޑީޕީގެ ކެންޑިޑޭޓު އާމިނަތު ސުވައިދާއެވެ.

މި އިންތިޚާބުގައި ޖުމްލަ ހަ ކެނޑިޑޭޓުުން ވާދަ ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ދެ ކެންޑިޑޭޓުންނާއި ޕީޕީއެމްގެ ދެ ކެންޑިޑޭޓުންގެ އިތުރުން އަދާލަތު ޕާޓީގެ ދެ ކެންޑިޑޭޓެކެވެ.

މި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދި ޕީޕީއެމްގެ ކެންޑިޑޭޓް ޚަދީޖާއަށް 158 ވޯޓް ލިބިފައިވެއެވެ. ދެން ހޮވުނު އެމްޑީޕީގެ ކެންޑިޑޭޓް ސުވައިދާއަށް ލިބުނީ 155 ވޯޓެވެ.

ނޭކުރަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ހުސްވީ ކުރިން އެ ކޮމިޓީގައި ތިބި ދެ ބޭފުޅުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާ ދިނުން ވަރަށް އާއްމެވެ. އޭގެ ސަބަބުން ގިނަ އިންތިހާބުތަކެއް ބާއްވަން ޖެހެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ތައްޔާރުވަމުން ދަނީ ހުސްވެފައިވާ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށެވެ.