އެއަށްފަހު ގޮސް ކާޕެޓު މަތީގައި އިށީނދެލިއެވެ. އަދި ޖީބުން ނެގި ތިން ރަބަރު ޕެކެޓް ނެގުމަށްފަހު، އެ ކާޕެޓު މަތީގައި ބޭއްވިއެވެ.

މިޝްޔާއަށް އިތުރުކަމެއް ނުކުރެވި އުޅެނިކޮށް ދޮރުގައި މީހަކު ޓަކި ޖަހައިލިއެވެ. ދޮރު ހުޅުވުމުގެ ޚިޔާލު އޭނާގެ ނެތުމާއެކު އެއް ޕެކެޓް ހުޅުވައިލުމަށްފަހު އޭގެން އޭނާ ވަސްބަލައިލިއެވެ. އަނެއްކާވެސް ދޮރުގައި ޓަކި ޖަހަން ފެށިއެވެ. މިފަހަރު އިހުނަށްވުރެ ބާރަށެވެ. މިޝްޔާގެ ގާތަށް ކުޑަކޮށް ރުޅި އަންނަ ގޮތްވިއެވެ. އޭނާ ތެދުވިއެވެ. ރުޅިއައިވަރުން އެ އެއްޗެހި ވެސް އެ ހުރި ގޮތަށް ބެހެއްޓުމަށްފަހު، ގޮސް ދޮރުފަތް ކުޑަކޮށް ހުޅުވައިލިއެވެ. ރިފްއަތު ފެނުމާއެކު މިޝްޔާ އުޅުނީ ދޮރުފަތް ލައްޕައިލަން ނަމަވެސް، މިޝްޔާއަށް ވުރެ ރިފްއަތު ހުޝިއާރެވެ. ދޮރުފަތް ލެއްޕިޔަ ނުދީ އޭނާ ހިފެއްޓިއެވެ.

"ކީއްތިކުރަނީ ކޮޓަރީގައި؟" ރިފްއަތު ސުވާލުކޮށްލިއެވެ.

"ނިދަން ވެގެން މިއުޅެނީ. އުނދަގޫ ނުކޮށްފާނަންތަ؟" މިޝްޔާ ބުނެލިއެވެ.

"ބޭރަށް ކޮންތާކަށް ގޮސްފަ ތިއައީ؟" ރިފްއަތު އަނެއްކާވެސް ސުވާލުކޮށްލިއެވެ. އޭނާ ކޮޓަރި ތެރެއަށް ބޯ ދިއްކޮށްލުމާއެކު، މިޝްޔާ ދޮރު ލައްޕައިލަން އުޅުނެވެ. މިފަހަރުވެސް ރިފްއަތު އެކަމަށް ހުރަސްއެޅިއެވެ. އޭނާ ދޮރުފަތް ހުުޅުވައިލުމަށްފަހު އެތެރެއަށް ވަދެލިއެވެ. މިޝްޔާގެ ނަޒަރު ހުއްޓުނީ ކާޕެޓު މައްޗަށެވެ. ރިފްއަތަށްވެސް އެދިމާލަށް ބަލައިލެވުނެވެ. ދެވަނަ ސިކުންތުގައި އޭނާއަށް މިޝްޔާއާ ދިމާލަށް ބަލައިލެވުނެވެ. ރުޅިވެރިކަން އެކުލެވިގެންވީ އެ ނަޒަރު މިޝްޔާއާ އަމާޒުވުމުން ވެސް މިޝްޔާއަށް އިތުރު އަސަރުތަކެއް ވެރިވިހެނެއް ހިޔެއް ނުވެއެވެ. ރިފްއަތު އެތެރެއަށް ވަނުމަށްފަހު ގޮސް ކާޕެޓު މަތީގައި ހުރި އެއްޗެހި ނަގަން އުޅުނު ވަގުތު މިޝްޔާ ވެސް ގުދުވިއެވެ. އޭނާގެ މަޤްސަދަކަށްވީ ރިފްއަތުގެ އަތަށް އެ އެއްޗެހި ދިޔަ ނުދިޔުމެވެ.

"މިކަން ކުރަންވެގެންކަން އެނގުނޭ އޭރުވެސް ބޭރަށް ދިޔައީ. މިޝްޔާ ތިހެން އުޅެން ފެށީމަ އަހަރެންގެ ނަމާ އިއްޒަތަށްވެސް ހުތުރުވާނެކަން ނޭނގޭތަ؟" ރިފްއަތުގެ ބާރު އަޑު ކޮޓަރިތެރޭގައި ގުގުމައިލިއެވެ. މިޝްޔާ އިތުރު އެއްޗެއް ނުބުނުމުން ރިފްއަތަށް އަނެއްކާވެސް ރުޅިވެރިކަމާއެކު ވާހަކަ ދެކެވުނެވެ.

"މިވަރަށް މި ވާހަކަ ދައްކާއިރުވެސް ތިކުރާ ކަންތައް ހުއްޓާކަށް ނުވޭތަ؟ މިޝްޔާގެ ހިތަށް އެއްވެސް އެއްޗެއް ނާރާތަ؟ އެއްފަހަރުވެސް ހިތަކަށް ނާރާތަ އަމިއްލަ މީހާގެ ސަބަބުން އާއިލާއާ ވިޔަފާރިއަށް ލިބިދާނެ ހުތުރު ނަމަކަށް؟" ރިފްއަތު ވާހަކަ ދެއްކިއެވެ. މިޝްޔާ އެ ހުރި ގޮތަށް ބެހެއްޓުމަށްފަހު ރިފްއަތު ނުކުމެގެން ދިޔައީ އެ ޕެކެޓްތައް ހިފައިގެންނެވެ. މިޝްޔާގެ ގާތަށް ރުޅި އަންނަ ގޮތްވިއެވެ. އޭނާއަށް ބޮލުގައި އަތުން ހިފައްޓައިލެވުނެވެ. އަތުން ގޮށްމުށްކަވާފައި ފާރުގައި ޖެހިލެއް ބާރުކަމުން އޭނާގެ އަތަށް ވެސް ތަދުވިއެވެ. ދެން ދެވުނީ އަނެއްކާވެސް ސިނގިރެޓު ފޮއްޓާ ދިމާލަށެވެ. އެ ނެގުމަށްފަހުވެސް އެއްލައިލިއެވެ. އޭނާ ބޭނުންވަނީ ސިނގިރެޓެއް ނޫނެވެ. އެއިން އޭނާއަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އެނދުމައްޗަށް ވެއްޓިގަތުމާއެކު ބާލީހުން އޭނާ މޫނުމަތި ނިވާކޮށްލިއެވެ.

******

ފަތިހު ވާރޭ ވެހެން ފެށި ގޮތަށް ހެނދުނު އަށެއްޖަހާ ބޮޑު ވީއިރުވެސް ހުއްޓައެއް ނުލައެވެ. މާކިން ތެދުވެގެން ހޫނު ކޮފީއެއް ބޯލުމުގެ ބޭނުމުގައި ސިޓިން ރޫމަށް ނުކުމެލިއިރު، ނާޒިލް އޮތީ ސޯފާގައި ނިދާފައެވެ. ބޮލުގެ އިސްތަށިގަނޑު ހޭވިފައިވާއިރު، އޭނާ ކިޔަވަން ގެންގުޅުނު ފޮތްތައްވެސް އޮތީ މުޅިތަނަށް ވެރިފައެވެ. މާކިން ދެފަރާތަށް ބޯ ހޫރައިލިއެވެ.

ބެލްކަނީ ދޮރު ހުޅުވާފައި ހުރުމުން ވަޔާއެކު އަންނަ ވާރޭގެ ތިކިތައް ކޮންމެވެސް ވަރަކަށް ގޭތެރެއަށް ވިއްސަމުން ދިޔައެވެ. ދޮރު ލައްޕައިލުމަށްފަހު، ލައިޓް ދިއްލައިލިއެވެ. އޭނާ ކޮފީ ހަދަންވެގެން ކައްކާ ބައިގައި އުޅެނިކޮށް ނާޒިލްވެސް ހޭލައިގެން އައިސް އެތެރެއަށް ވަނެވެ.

"ބްރޯ. މަށަށްވެސް ކޮފީއެއް." ނާޒިލް މޭޒު ދޮށުގައި އިށީނެވެ.

"އަމިއްލައަށް ހަދައިގެން ބޮއިބަލަ!" މާކިން ޖެއްސުމުގެ ރާގެއްގައި ބުނެލިއެވެ.

"މަ ރޭ ހަތަރު ދަމު ކިޔެވިވަރުން ބޮލުގަވެސް، ގައިގަވެސް ނެތޭ ވަރެއް." ނާޒިލް އާފުރިލިއެވެ.

"އެހެންވާނީ. ތިހާވަރަށް ކިޔަވާ އެއްޗެއް ނޫނޭ. ސިކުނޑި ވަރުބަލިވާވަރަށް ވިއްޔާ ތި ކިޔަވަނީ" މާކިން އިތުރު ޖޯޑެއް ނަގަމުން ބުނެލިއެވެ.

"ތޭންކްސް." އެ މަންޒަރު ބަލަން އިނުމަށްފަހު، ނާޒިލް ބުނެލިއެވެ.

މާކިން ކޮފީ ހަދައިގެން އައިސް މޭޒު ދޮށުގައި އިށީނުމަށްފަހު، ނާޒިލްގެ ކޮފީ ޖޯޑު އޭނާއާ ކައިރިކޮށްލިއެވެ.

"ކަލޭ ދިޔައިމަ މަ ނޭނގެ އުޅޭނެ ގޮތެއްވެސް." ނާޒިލް ބުނެލިއެވެ.

"ކަލޭ ދެން މީހަކާ އިނދެބަަލަ! އޭރުން ކައިރީގަ މީހަކު ހުންނާނެއެއްނު." މާކިން ބުނެލިއެވެ.

"މަށެއް ނޫންދޯ ތާކުން އަންހެން ކުއްޖަކު ފެންނައިރަށް އެ ކުއްޖާ ފަހަތުން އުޅެނީއެއް." ނާޒިލް ވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ.

"އެކަމެއް ނޭނގެ. އިއްޔެވެސް..."

"އޭތް. އެ ކުއްޖާ ހަމަ ރީތީއޭ އިނގޭ." މާކިން ނާޒިލްގެ ވާހަކަ ހުއްޓުވާ ބުނެލިއެވެ.

"ކޮބާ ހީވޭކަމެއްހެން. އަނެއްކާ އެއީ އަހަރުންގެ ޔުނިވާސިޓީއަށް ދާ ކުއްޖެއްތަ؟ ނުވެސް ފެނޭ ދޯ." ނާޒިލް ބުނެލިއެވެ.

"އެހާ ގިނަ ކުދިންގެ ތެރެއިން ހަމަ އަޅައި ނުގަނެދާނެ ދޯ..." މާކިން ބުނެލިއެވެ.

"މިއަދު ޗުއްޓީ ދުވަހެއްވީމަ ނެތްތަ ކަމެއްވެސް..." ކޮފީ ޖޯޑުން އެތި ފޮދެއް ބޮއިލަމުން މާކިން ސުވާލުކޮށްލިއެވެ.

"މަ ދާނަން ކޮލެޖަށް. ނުދާނަންތަ؟" ނާޒިލް ބުނެލިއެވެ.

"އެކީއްކުރަން ކަލޭ ކޮލެޖަށް ދަނީ؟" މާކިން ސުވާލުކޮށްލިއެވެ.

"މަ އެބަޖެހޭ ލައިބްރަރީއަށް ވަދެލަން."

"އިއްޔަ ނުވަދެވުނީ؟ މި ވިއްސާރަ ދުވަހު ހަމަ ނުގޮސް ނުވީ؟" މާކިން ދެފަރާތަށް ބޯ ހޫރައިލިއެވެ.

" ދެން ނުދަންޏާ ހުރީމަ ވީއޭ. މަށެއް މަޖުބޫރެއް ނުކުރަމޭ ކަލޭއަކަށް ދާކަށެއް." ނާޒިލް ލޯ ހަދައިލިއެވެ.

"މަވެސް ދާނީ ދޯ... އެ ކޮފީ ޝޮޕަށްވެސް ވަދެލަން އެބަޖެހެއެއްނު. އެ ކުއްޖާ ފެނޭތޯ!" މާކިން ބުނެލިއެވެ. އޭނާ އެހެން ބުނެލީ މަޖަލަކަށް ހަދާފައިނަމަވެސް، ހަޤީގަތުގައިވެސް މާކިން ހުރީ އަދި އެއްފަހަރު އެ އަންހެން ކުއްޖާ ފެނިލުމުގެ އުންމީދުގައެވެ. އެންމެ ފުރަތަމަ ނަޒަރުން ހަމަ ގައިމުވެސް އޭނާއަށް އެ އަންހެން ކުއްޖާ ޚާއްސަވެއްޖެއެވެ. އެ ކުއްޖާއަށްޓަކައި އޭނާގެ ހިތުގައި މީގެކުރިން ހޭލާފައި ނުވާފަދަ އިޙްސާސެއް ހޭލައިފިއެވެ. ހިތުގައި ކުރިން ނުޖަހާ ވިންދެއް ޖަަހައިލިއެވެ. އެ ކުއްޖާގެ ރީތިކަމަށް އޭނާގެ ހިތް ލެނބުނީ ބޭއިޚްތިޔާރުގައެވެ. އެ ކުއްޖާގެ ސޫރަ އޭނާގެ ހިތުގައި ބިންވަޅި ނެގިއްޖެއެވެ.

"އަދިއެއްނު މަށަށް މިއެނގުނީ ވާނުވާ..." ނާޒިލް ބޯ ޖަހައިލިއެވެ. މާކިން ދެފަރާތަށް ބޯ ހޫރައިލިއެވެ. ދެ އެކުވެރިން ތައްޔާރުވެގެން ކޮލެޖަށް ދާން ނުުކުތްއިރު ވާރޭ އޮތީ ކޮންމެވެސް ވަރަކަށް ތުނިކޮށްލާފައެވެ. ކާރުގައި ޔުނިވާރސިޓީއާ ދިމާލަށް މިސްރާބުޖެހި ދެ އެކުވެރިންވެސް ތަފާތު ވާހަކަ ތައް ދައްކަމުން ދިޔައެވެ. ނާޒިލް އެންމެ ގިނައިން ދެއްކީ މާކިން ދިޔުުމުން އޭނާ ފޫހިވާނެ ވާހަކައެވެ. މާކިންގެ ކޯސް ނިމެން ބާކީ ތިން މަސް ދުވަހަށް ވެފައިވާއިރު، ނާޒިލްގެ ކޯސް ނިމެން ބާކީ ހަމަސް ދުވަސް އެބައޮތެވެ.

"މަ ބަލާނަމޭ މަގޭ މަތިން ހަނދާންވޭތޯ. މިތާ ވަޒަންވެރިވާނީހެން މަށަށް ހީވަނީ" މާކިން ބުނެލިއެވެ.

"އައްދެ. މަށެއް ނޫޅެން!" ޔުނިވާސިޓީއާ ހިސާބަށް ދެވުނުއިރު، ވާރޭ އެކީ ހުއްޓައިލައިފިއެވެ. ކާރު ޕާކުކޮށްލާފައި ދެ އެކުވެރިން ޔުނިވާރސިޓީއަށް ވަދެ ލައިބްރަރީއާ ދިމާލަށް މިސްރާބުޖެހިއެވެ.

"ކީއްކުރަން މަގޭ ފަހަތުން ތި އަންނަނީ؟ ދޭބަލަ ކޮފީ ޝޮޕަށް؟" ނާޒިލް ބުނެލިއެވެ. ދެމީހުން ގޮސް އެތެރެއަށް ވަތްއިރު ކޮންމެވެސް ވަރަކަށް ކުދިން ހަރަކާތްތެރިވަމުން ދިޔައެވެ. ނާޒިލް ފޮތް ހަރުގަނޑަކާ ކައިރިވެލާފައި އޭނާ ބޭނުންވާ ދެ ތިން ފޮތެއް ނަގައިގެން އައިސް އިށީނދެލުމަށްފަހު އޭނާގެ ނޯޓް ފޮތް ނަގާ ހުޅުވައިލިއެވެ. އޭނާ އެތަނުގައި އިންދާ ލައިބްރަރީ ތެރެއަށް ބޮޑު ގްރޫޕެއް އައިސް ވަނެވެ. އެ ކުދިންނާ ވަކިން ވަދެގެން އައި އަންހެން ކުއްޖާ އައިސް ނާޒިލް އިން މޭޒުގެ އެއްފަރާތުގައި ހުރި ގޮނޑި ދަމާލާފައި އިށީނެވެ. އެއަށްފަހު އެ ކުއްޖާ ކިޔަވަން ބޭނުންވާ ދެ ފޮތް ނަގާ މޭޒުމަތީގައި ބާއްވައިލިއެވެ.

އެއީ އެމީހުންނާ ކޮފީ ޝޮޕުން ދިމާވި އަންހެން ކުއްޖާއަށް ވުމާއެކު ނާޒިލް މާކިންއަށް ބަލައިިލިއެވެ. މާކިން ހުރީ އޭރުވެސް ފޮތް ހަރުގަނޑު ދޮށުގައެވެ. މާކިން ނާޒިލްއަށް ބަލައިލި ވަގުތު ނާޒިލް ލޮލުން އިޝާރާތް ކޮށްލިއެވެ. އެއާއެކު މާކިން އެ ކުއްޖާއަށް ބަލައިލިއެވެ. އޭނާ ފޮތެއް ނަގައިގެން އައިސް އެ ކުއްޖާގެ ކުރިމަތީގައި ހުރި ގޮނޑި ދަމާލާފައި އިށީނެވެ. މާކިންއަށް ނެގުނީ މެޑިކަލް ފޮތެެކެވެ. އޭނާ އެ ހިފައިގެން އައިސް މޭޒު ދޮށުގައި އިށީނދެލިއެވެ. އެއަށްފަހު ފޮތް ހުޅުވައިލިއެވެ. ކުރިމަތީގައި ފޮތް އޮތްނަމަވެސް، މާކިންއަށް އެ ފޮތަށް އެއްވެސް ސަމާލުކަމެއް ނުދެވެއެވެ. އޭނާއަށް ބެލެނީ އެ އަންހެން ކުއްޖާއާ ދިމާލަށެވެ. އެ އަންހެން ކުއްޖާވެސް އިރުއިރުކޮޅަކާ މާކިންއަށް ބަލައިލައެވެ. އެ މަންޒަރު ބަަލަން އިން ނާޒިލް މާކިންއާ ދިމާލަށް ބަލައިލިވަގުތު އޭނާގެ ލޮލުގައި އަޅައިގަތްކަމަކުން ހިނި އަންނަ ގޮތްވިއެވެ. އެހެންނަމަވެސް، ހިނިގަނޑު މަތަކޮށްލަމުން އޭނާ ފޮތަށް ސަމާލުކަން ދެވޭތޯ ބެލިއެވެ.

އެ ކުއްޖާ މާ ވަރަކަށް އޭނާއަށް ބަލާތީ މާކިންއަށް ކުރެވުނީ ތަފާތު އިޙްސާސްއެކެވެ. އޭނާގެ ހިތުގައި އުފާވެރިރާގެއް ކުޅެލެވުނު ނަމަވެސް، ހަޤީގަތުގައި އޭރު ވެގެން އުޅޭ ގޮތެއް އޭނާއަކަށް ރޭކާނުލައެވެ.

(ނުނިމޭ)