ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 10 މެންބަރެއްގެނަން އިއްވައި އޭގެ ތެރެއިން ބައެއް މެންބަރުން ޗެމްބަރުން ނެރެފައި ވަނީ ސިފައިންގެ ބާރު ބޭނުން ކޮށްގެންނެވެ.

މިއަދުގެ ޖަލްސާގައި ފުރަތަމަ އިއްވެވީ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އާއި ދާންދޫ ދާއިރާގެ މެންބަރު ރިޔާޒު ރަޝިދުގެ ނަމެވެ. އެ ދެ މެންބަރުންގެ ނަން އިއްވީ، މަޖިލީހުގެ ޖަލްސާ ފެށުމަށްފަހު އެޖެންޑާގެ ދެވަނަ ނަންބަރުގައި އޮތީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުކެ ރިޔާސީ ބަޔާން އިއްވެވުން ކަމަށް ރިޔާސަތުން، މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިއްލާން ކުރެއްވުމާ ގުޅިގެން އެމްޑީޕީ މެންބަރުން ގޮޑިތަކުން ދެދުވެ ވަޑައިގެން ރައީސް ވަހީދަކީ ބާޣީއެއް ކަމަށާއި ބާޣީންނަށް މަޖިލީޙުން ފުރުސަތު ދީގެންނުވާނެ ކަމަށް ގޮވައި ހަޅޭއްލަވަމުން މަޖިލީހުގެ ރިޔާސީ މޭޒާއި އިދާރީ މޭޒުގެ ކުރިމައްޗަށް ގޮސް މޭޒު ތަކުގައި ތަޅަން ފެއްޓެވުމުން އެ މެންބަރުންނަށް ތަކުރާރުކޮށް އިންޒާރު ދެއްވުމަށްފަހުގަ އެވެ.

އެ ދެމެންބަރުން ޖަލްސާއިން ނެރުއްވުމަށް 10:20 ހާކަންހާއި މަޖިލީހުގެ ޖަލްސާ މެދުކަނޑުއްވައި ލެއްވި އެވެ. ނަމަވެސް އެ ދެ މެންބަރުން ޖަލްސާއިން ނެރެވުނީ ސިފައިންގެ ހާއްސަ ފޯހުގެ ފަނަރަ ވަރަކަށް މީހުން މާލަމަށްވަދެ ކުރި މަސައްކަތުން 12:20 އެހާކަންހާއިރު އެވެ. ފުރަމަ މާލަމުން ނެރުނީ އަލްހާން އެވެ. އަލްހާން ނެރުނީ މާލަމުގެ އެއް ފަރާތެއްގައި ކޮޅަށް ހުންނަވަނިކޮށް ދެތިން ސިފައިން އުފުއްލާލައިގެންނެވެ. އަލްހާން ނެރެން އުޅުމުން ވެސް އެމްޑީޕީގެ މެންބަރުން އެތަނަށް އެއްވެ ހުރަސް އެޅިއެވެ. އަދި ސިފައިން އަލްހާނާ ކައިރިވިޔަ ނުދިނުމަށް ހުރަހަކަށްވެ އެތަނަށްދިޔަ ސިފައިން ކޮށްޕާ ގަޅުވާ ހެދި އެވެ.

ރިޔާޒު ނެރެން ސިފައިން ދާން ފެށުމުން ރިޔާޒު އިށީންދެގެންއިން ގޮނޑި ވަށާލައި އެމްޑީޕީގެ މެންބަރު ތިއްބެވީ ރިޔާޒާ ހަމައަށް ސިފައިންނަށް ނުދެވޭގޮތަށް ވަށާލައިގެން ރިޔާޒާ ހަމައަށް ދެވެންހުރި މަގުތައް ބަންދުކޮށް ގެންނެވެ. އަދި ސިފައިން ރިޔާޒާ ހަމައަށް ދިއުމަށް ކުރި މަސައްކަތުގައި މެންބަރުންނާ ސިފައިން ކޮއްޕައި އޮޅުލާ ހެދުމުން އެ ސަރަހައްދުގައި ހުރި ހަތަރު މޭޒެއް ވެއްޓުނެވެ. އަދި އެ ހާދިސާގައި ތޮއްޑޫ ދާއިރާގެ އަލީ ވަހީދާއި މަޑަވެލީ ދާއިރާގެ ނާޒިމް ވެސް އެ ތަނަށް ވެއްޓުނުތަން ފެނުނެވެ.

އެ ދަނޑިވަޅުގައި އެތަނުގައި ތިއްބެވި އެހެން މެންބަރުންގެ އެހީގައި ރިޔާޒު އެހެން ގޮޑިއަކަށް ވަޑައިގެންނެވި އެވެ، އަދި އެހެން މެންބަރުން އެ ގޮނޑި ވަށައިގެން، ފުލުހުންނަށް ނުވަދެވޭގޮތަށް ތިއްބެވެ. ރިޔާޒު މަޖިލީހުން ނެރެވުނީ އެ ތަނުގައިހުރި މޭޒުވެސް ވެއްޓުމުން ސިފައިންނަށް އަތުނުވަން ރިޔާޒުދުވެ ވަޑައިގަންނަވަނިކޮށް އިދާރީ މޭޒު ކައިރިންނެވެ. ނަމަވެސް އެތަނުގައި އެމްޑީޕީ މެންބަރުން ސިފައިންނަށް ހުރަސް އެޅުމުގެ ސަބަބުން ބައެއް މެންބަރުންނާއި ސިފައިންގެ މީހަކު ވެއްޓުނެވެ. އޭގެ ތެރޭގައި ބާރަށު ދާއިރާގެ މުހައްމަދު ޝިފާޒާއި ތޮއްޑޫ ދާއިރާގެ އަލީ ވަހީދާއި ކެނދިކުޅުދޫ ދާއިރާގެ އަހްމަދު އީސަ ހިމެނެ އެވެ. އެ ފަހަރު ބާރަށު ދާއިރާގެ ޝިފާޒު މާލަމުގެ ތެރެއަށް ވެއްޓުނީ ވަރަށް ބާރަށް އެމްޑީޕީގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހްމަދު ދީދީއަށް ގޮވަމުންނެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން މަޖިލީހުގެ އަވަސް ފަރުވާދޭ މީހުން ޝިފާޒު ކައިރިއަށް އައެވެ. އަދި ބަލީމީހުންލާ ކަހަލަ އަށިގަނޑެއް މާލަމަށް ވައްދައިގެން ޝިފާޒު ވަނީ މާލަމުން ނެރެފަ އެވެ.

އެ މެންބަރުން ނެރުމާއެކު ޖަލްސާ އަލުން ފެށީ 12:27 ހާކަންހާއިރު އެވެ. އެފަހަރު މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދާއެކު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޗެމްބަރަށް ވަޑައިގެންނެވި އެވެ. އަދި އެ ބޭފުޅުން ޗެމްބަރަށް ވެންނެވުމާއެކު ބާޣީއޭ ގޮވައި އެމްޑީޕީގެ މެންބަރު އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ. އަދި ބައެއް މެންބަރުން ރިޔާސީ މޭޒާ ދިމާލަށް އެއްވި އެވެ.

އޭގެ ތެރެއިން މައްޗަންގޮޅީ ދެކުނު ދާއިރާގެ މުހައްމަދު ރަޝީދު (ކުބޭ) ދުވެފައި ރައީސް ވަހީދާ ދިމާލަށް ވަޑައިގަންނަވަން ފެށުމުން ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވަނީ އޭނާ ހިފަހައްޓައިފަ އެވެ. އެފަހަރު މަޖިލީހުގެ ރައީސް ޖަލްސާ މެދު ކަނޑުއްވައި ލެއްވީ ކުބޭ އާއި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ އިތުރުން މަޑަވެލީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ނަން އިއްވެވުމަށް ފަހު އެ މެންބަރުން ޗެމްބަރުން ނެރުމަށެވެ.

އެ މެންބަރުންގެ ތެރެއިން ނާޒިމް އަމިއްލައަށް ޗެންބަރުން ނުކުމެ ވަޑައިގެންނެވި ނަމަވެސް ކުބޭ އާއި އަލީ ރިޒާ ނެރުނީ ސިފައިން ވަދެ އުފުއްލާލައިގެންނެވެ. އެ މެންބަރުން ނެރުމާ ދެކޮޅަށް އެހެން މެންބަރުން މާބޮޑު ހުރަހެއްވެސް ނާޅައެވެ. އެ މެންބަރުން ޗެމްބަރުން ނެރުމަށްފަހު ޖަލްސާ ފެށީ 1:10 އެހާކަންހާއިރު އެވެ. އެ ފަހަރު ޖަލްސާ ފެއްޓެވީ ވެސް މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ ޗެމްބަރަށް ވެދެވަޑައިގެންނެވެ. އެ ބޭފުޅުން ޗެމްބަރަށް ވެދެވަޑައިގެންނެވުމާއެކު އެމްޑީޕީގެ މެންބަރުން ރިޔާސީ މޭޒާއި އިދާރީ މޭދު ކައިރިއަށް އެއްވެ ބާޣީންނޭ ކިޔައި ހަޅޭލަވައި އަޑުގަދަކުރަން ފެއްޓެވި އެވެ. އަދި ފެން ފުޅިތަކާއި މޭޒުމަތީގައި އޮތް ގާނޫނު އަސާސީ ނަގައިގެން ބައެއް މެންބަރުން މޭޒުމަތީގައި ތަޅަންފެށި އެވެ. ނަމަވެސް އެ މެންބަރުން އަޑުގަދަ ކުރަމުން ގެންދިޔަ ނަމަވެސް ރައީސް ވަހީދު ރިޔާސީ ބަޔާން ދެއްވުމަށް ފެއްޓެވި އެވެ. އެހިސާބުން ބައެއް މެންބަރުން ރިޔާސީ މޭޒާ އިތުރަށް ކައިރިވުމަށް މަސައްކަތްކުރި އެވެ. އޭގެ ތެރެއިން ބައެއް މެންބަރުން، ރައީސް ވަހީދުގެ ސެކިއުރިޓީން ދުރަށް ޖެއްސިތަން ވެސް ފެނުނެވެ. އަދި ދެ މެންބަރަކު މަޖިލީހުގެ ރައީސް ޝާހިދުގެ ފަޅީން ރިޔާސީ މޭޒާ ކައިރިވެ މޭޒުގައި ތަޅަމުން ދިޔަ އެވެ.

އެ ހިސާބުން އަނެއްކާވެސް މަޖިލީހުގެ ރައީސް ޖަލްސާ މެދު ކަނޑުއްވައިލެއްވި އެވެ. އެފަހަރު މެދު ކަނޑުވައި ލެއްވީ ހަތަރު މެންބަރެއްގެ ނަން އިއްވުމަށްފަހުގަ އެވެ. އެ މެންބަރުންނަކީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އާއި މަނަދޫ ދާއިރާގެ މުހައްމަދު ތޯރިގާއި ތިނަދޫ ދާއިރާގެ މުހައްމަދު ގަސަމް އާއި މަހިނބަދޫ ދާއިރާގެ ރުގިއްޔާ މުހައްމަދާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑާ) އެ މެންބަރުންގެ ތެރެއިން ގަސަމް ޗެމްބަރުން ނެރުނީ ސިފައިން ވަދެ އުފުއްލާލައިގެންނެވެ. ނަމަވެސް ތޯރިގާއި ޣަފޫރު ސިފައިންނާއެކު ނިކުތެވެ. އަދި ނުނިކުތުމަށް އިރުކޮޅަކު އިނުމަށްފަހު ރުގިއްޔާ ވެސް ޗެމްބަރުން ނުކުތީ އަންހެން ސިފައިން ވަނުމުން އެމީހުންނާ އެކުގަ އެވެ.

ނަމަވެސް މުހައްމަދު ރަޝީދު (ބޮންޑާ) ޗެމްބަރުން ނިކުތީ ރިޔާސީ މޭޒުގެ ކަނާތްފަރާތުގައި ހުންނަ (މަޖިލީހުގެ ރައީސާއި ރައީސުލް ޖުމްހޫރިއްޔާ ޗެމްބަރަށް ވަންނަވާ) ދޮރުމައްޗަށް އަރައި "ބާޣީވަހީދޭ" ގޮވައި ފޑބށ ތިޔައީ މަރުވެފައި ހުރި މީހެކޭ ގޮވައި ތަކުރާރުކޮށް އަޑުގަދަ ކުރުމަށްފަހު ރިޔާސީ މޭޒުން ރައީސުލް ޖުމްހޫރިއްޔާ އިންނަވާ ފަޅި އާއި ރައީސުލް ޖުމްހޫރިއްޔާ އިށީންދެ ވަޑައިގަންނަވާ ގޮނޑި ކޮޅަށް ކުޅު ޖަހައިފަ އެވެ.
އެ މެންބަރުން ޗެމްބަރުން ނެރުމަށްފަހު ޖަލްސާ ފެށީ ދޭއްޖަހާކަންހާއިރު އެވެ. އެހެން ފަހަރުތަކާ އެއްގޮތަށް މަޖިލީހުގެ ރައީސާއި ރައީސުލް ޖުމްހޫރިއްޔާ ޗެންބަރަށް ވެންނެވުމުން އެމްޑީޕީ މެންބަރުން އަޑުގަދަ ކުރަން ފެށި އެވެ. އަދި ބޮޑު އަކުރުން "ބާޣީ" ޖަހާފައިވާ ގަނޑުތަކެއް އުފުލަމުން ދިޔަ އެވެ. އެ މެންބަރުންގެ ހަޅޭކުގެ އަޑާއެކު ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވަވައި ނިންމާ ލެއްވި އެވެ. ހަމަ އެވަގުތު މެންބަރު މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށާއި ގޮނޑި ކޮޅުތަކުގައި އިށީންދެ ވަޑައިގަތުމަށް މަޖިލީހުގެ ރައީސް އަންގަވަމުން ވެސް ގެންދެވި އެވެ. ނަމަވެސް އެ އަޑު އެއްސެވުމެއްނެތި މެންބަރުން އަޑުގަދަ ކުރައްވައި ފެންފުޅި ތަކުން ރިޔާސީ މޭޒުގައި ތަޅުއްވަމުން ގެންދެވި އެވެ.

އަދި ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވިއިރު ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އެހެން ދެ މެންބަރަކާއެކު ތެދުވެ ވަޑައިގެން ރިޔާސީ މޭޒަށް ބައްލަވައި އިޝާރާތްތަކެއް ކުރައްވަމުން ގެންދެވިތަން ފެނުނެވެ. ތަސްމީނުގެ ހަރަކާތް ހުރިގޮތުން ބޮޑަށް ބެލެވެނީ އެ މާހައުލުގައި ރިޔާސީ ބަޔާން އިއްވުން ރަނަގަޅު ނޫންކަމަށް ވިދާޅުވާ ކަމަށެވެ. އެއީ ތަސްމީންގެ އަތުގެ ހަރަކާރުން ރިޔާސީ މޭޒު ކައިރީގައި ތިބިމީހުން ރިޔާސަތުގެ ސަމާލުކަމަށް ގެންނަން އުޅުނު މަންޒަރު ފެނުނެވެ.

ރައީސް ވަޙީދު ރިޔާސީ ބަޔާން އިއްވެވުމަށްފަހު ޗެންބަރުން ނުކުވެ ވަޑައިގަތުމުން އެމްޑީޕީގެ މެންބަރުން ވަނީ މުހިއްމު ފުޓުބޯޅަ މެޗަކުން ޓީމެއް މޮޅުވުން ފާހަގަކުރާ ބީދައިން ސެލެބްރޭޓް ކޮށްފަ އެވެ. އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އިދާރާ މޭޒަށް އެއްފައި އަދި އަނެއްފައި ގޮނޑިއަށް ލައްވައިގެން ހުންނަވައި "ޑިމޮކްރަސީ ކުރިޔަށް ކުރިޔަށް" ގޮވާ ހެދި އެވެ. މިވަގުތުކޮޅުގައި ސަރުކާރަށް ނިސްބަތްވާ ކޯލިޝަންގެ މެންބަރުން ވެސް ވަނީ ވަހީދަށް ތައުރީފްކޮށް އަތްލިތަބަޑި ޖަހައިފަ އެވެ. ޖަލްސާއަށްފަހު ރައީސް ވަހީދު މަޖިލިސްކުރާ ގެއިން ނިކުމެ ވަޑައިގަންނަވަން ދެން އެމްޑީޕީގެ މެންބަރުން ގެންދެވީ ބާޣީ ވަހީދޭ ގޮވައި އަޑުގަދަ ކުރައްވަމުން ނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކަމަކަށް އޮތީ ކުރީގެ ފޮރިން މިނިސްޓަރު އަލް މަރްޙޫމް ފަތުހުﷲ ޖަމީލު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި ސުކޫތެއް ގެނައުމެވެ.

ހެނދުނު ދިހައެއް ޖަހާއިރު ފަށަން އޮތް މި ޖަލްސާ 10:15 އަށް ލަސްވެގެން ދިޔައީ އިދާރީ މޭޒުގައި މަޖިލީހުގެ އަމީން އާއްމު، އަހްމަދު މުހައްމަދަށް ހާއްސަ ކުރެވިފައިވާ ގޮނޑީގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު އިންނެވުމުންނެވެ. ޖަލްސާ ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން އިބްރާހިމް ރަޝީދު އެ ގޮނޑިން ނެންގެވުމަށް މަޖިލީހުގެ އަމީން އާއްމާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގިނަ މެންބަރުންތަކެއް އޭނަ ކައިރިއަށްގޮސް އެކި ފަހަރު ވާހަކަ ދެއްކިއެވެ. އަދި އޭނާ އުފުއްލާލައިގެން އެ ގޮނިޑިން ނެގުމަށް އެމްޑީޕީގެ މެންބަރުން ކަމަށްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ އަބްދުލް ޣަފޫރު މޫސާ އާއި މާފަންނު ހުޅަނގު ދާއިރާގެ އަބުދުﷲ އަބްދުއްރަހީމް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އޭނާ އެނގޮޑިން ތެދުވެ ވަޑައިގަތީ އަމިއްލަ އަށެވެ.

މިއަދުގެ ޖަލްސާ ފެއްޓެވުމަށް ޝާހިދު ޗެންބަރަށް ވަޑައިގެން އިށީންދެވުމަށްފަހު، އޭނާއަށް ބަހައްޓާފައި ހުންނަ ފެންތަށި ކޮޅު ކޮބައިތޯ އަމީން އާއްމާ ސުވާލު ކުރެއްވިތަން ފެނުނެވެ. އަދި ރޫލިން ދެއްވުމަށް މުގުރު ނެތް ކަމަށާއި އެ ގެނެސް ދެއްވުމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލަށް ޝާހިދު ދެންނެވި އެވެ.