16 Apr 2022, 23:05
ހުޅުމާލޭ ޕޮލިސް ފްލެޓް ސަރަހައްދުގައި ޓެކްސީއަކާއި ބެޓެރި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލޭ ޕޮލިސް ފްލެޓު ސަރަހައްދުގައި ޓެކްސީއަކާއި ބެޓެރި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 21:20 ހާއިރު ކަމަށެވެ.
އެ އެކްސިޑެންޓްގައި ބެޓެރި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާތަކެއް ލިބި ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެމީހާއަށް ލިބިފައިވާ އަނިޔާގެ އިތުރު ތަފްސީލު ހާމަނުކުރި ނަމަވެސް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާގެ ހާލު ސީރިއަސްކަމަށެވެ.
ޓެކްސީގައި ތިބި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްގެ އިތުރުން އުމުރުން ދުވަސްވީ މީހަކަށް ވެސް އެކްސިޑެންޓުގައި އަނިޔާވެ އަންނަނީ ފަރުވާދެމުންނެވެ.
ފުލުހުން އަންނަނީ މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.