އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލްގައި މިރޭ ވަރުގަދަ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ލިވަޕޫލުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އަންނަ މަހުގެ 14 ވަނަ ދުވަހު އޮންނަ ފައިނަލްގައި ލިވަޕޫލާ ވާދަުރާނެ ޓީމެއް އިނގޭނީ މާދަމާ ރޭ ޗެލްސީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރާ މެޗުންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. ލިވަޕޫލަށް ލިބުނު ކޯނަރެއްގައި އެންޑީ ރޮބަޓްސަން ނަގައިދިން ބޯޅައަކުން ބޮލުން ބޯޅަ ގޯލަށް ފޮނުވާލައިގެން ލިވަޕޫލަށް މި ލަނޑު ޖަހައިދިނީ އިބްރާހިމާ ކޮނާޓޭއެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ފުޅާ ކޮށްދިނީ ސަޑިއޯ މާނޭއެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ ސިޓީގެ ކީޕަރު ސްޓެފެން ބޯޅަ ފޮނުވާލަން އުޅެނިކޮށް، އޭނާގެ އަތުން ބޯޅަ ހޯދައި ގޯލަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ތިން ވަނަ ލަނޑު ޖަހާފައެވެ. ތިއާގޯ އަލްކަންޓާރާ ދިން ބޯޅަ އަކުން މި ލަނޑު ވެސް ޖަހައިދިނީ މާނޭއެވެ.

ދެވަނަ ހާފު ފަށައިގެން ކުރީކޮޅު ސިޓީން ވަނީ ލަނޑެއް ޖަހާފައެވެ. ގަބްރިއެލް ޖީސޫސްގެ އެހީތެރިކަމާއެކި ސިޓީއަށް މި ލަނޑު ޖަހައިދީފައިވަނީ ޖެކް ގްރީލީޝްއެވެ. ސިޓީން ވަނީ އޭގެ ފަހުން ވެސް އިތުރު ލަނޑެއް ޖެހުމަށް މަސައްކަތްކޮށްފައެވެ.

ސިޓީގެ ދެ ވަނަ ލަނޑު މެޗުގެ ފަހު ވަގުތުގެ ތެރޭގައި ޖަހައިދިނީ ބެނާޑޯ ސިލްވާއެވެ. އޭގ ފަހުން ސިޓީގެ ފެނާންޑީނިއޯ ފޮނުވާލި ހަމަލާ ހުރަސް ދަނޑި މަތިން ދިޔައިރު، ސްޓާލިން ފޮނުވާލި ހަމަލާ ލިވަލޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ.

މިރޭގެ މެޗުން ބަލިވެ، އެފްއޭ ކަޕުން ކެޓުމާއެކު ތިން ތަށި ހޯދުމަށް ސިޓީން ކުރާ މަސައްކަތަށް ނިމުން އައީއެވެ. ސިޓީއަށް ދެން ބާކީ އޮތީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގެވެ. ޕްރިމިއާ ލިގުގެ އެއް ވަނައިގައި ސިޓީ އޮތީ އެއް ޕޮއިންޓުގެ ލީޑަކާއެކުއެވެ. ޗެމްޕިއަންސް ލީގުގެ ސެމީގައި ޖެހޭނީ ރެއާލް މެޑްރިޑާއެވެ.

އެފްއޭކަޕްގެ ފައިނަލަށް ދިޔުމާއެކު ހަތަރު ތަށި ހޯދުމުގެ އުންމީދު ލިވަޕޫލަށް އޮންނާނެއެވެ. މިހާތަމަށް އެ ޓީމުން ވަނީ ލީގު ކަޕް ކާމިޔާބުކޮށްފައެވެ. ޕްރިމިއާ ލީގުގެ ދެ ވަނައިގައި ލިވަޕޫލް އޮތި ސިޓީއަށްވުރެ އެއް ޕޮއިންޓު ފަހަތުއެވެ. ޗެމްޕިއަންސ ލީގުގެ ސެމީގައި ލިވަޕޫލް ނިކުންނާނީ ވިލަރެއާލްއާ ދެކޮޅަށެވެ.