މިއަދު ހަވީރު ހުޅުމާލޭގެ ޙާންޖީ ކެފޭ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ބަންގްލަދޭޝް މީހާ މަރާލި ޕާކިސްތާނުގެ މީހާ ހޯދަން ފަށައިފިކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ މީހާ މަރާލިކަމުގެ ތުހުމަތުގައި ހޯދަމުންދަނީ އުމުރުން 26 އަހަރުގެ މުހައްމަދު އަބީދު ނަމަކަށްކިޔާ ޕާކިސްތާނުގެ ފިރިހެނެއްކަމަށެވެ.

ފޮޓޯއާއެކު ފުލުހުން ކުރި އެ ޓްވީޓުގައި އިތުރަށް ބުނެފައިވަނީ އެމީހާ އެއްވެސް މީހަކަށް ފެނިއްޖެނަމަ އެމިހާއާ ކުރިމަތިލުމުގެ ބަދަލުގައި ފުލުހުންނަށް ރިޕޯޓުކުރުމަށެވެ.

"އެ މީހާއަކީ ވަރަށް ނުރައްކާތެރި މީހެއް. އަޅުގަނޑުމެން އިލްތިމާސް ކުރަނީ އެމީހާއާ ކުރިމަތިނުލާ ވީއެންމެ އަވަހަކަށް 119 އަށް ގުޅުމަށް،" ފުލުހުން ބުނެފައިވެއެވެ.

މިއަދު ޙާންޖީ ކެފޭގައި މަރުވެފައި އޮށްވާ ފެނުނު ބަންގްލަދޭޝްގެ މީހަކީ އެ ކެފޭގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. އަދި އޭނާ މާރިލިކަމަށް ތުހުމަތުކުރެވޭ އަބީދަކީ އެ ކެފޭގެ ކައްކާއެެވެ.

ބަންގްލަދޭޝްގެ އެ މީހާ މަރާލުމަށްފަހު އަބީދު ވަނީ ފިލާފައެވެ. އެ މަރުވި މީހާގެ ހަށިގަނޑުން ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރި ކަމަށް ފުލުހުން ބުނެފައިވެއެވެ.