16 Apr 2022, 22:09
އިނގިރޭސި ޕްރިމިއާ ލީގައު މިރޭ ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑް ތާވަލްގެ ފަސް ވަނަ މަގާމަށް ޖެހިލައިފިއެވެ.
ޔުނައިޓެޑްދެ ދަނޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވެފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.
ރޮނާލްޑޯގެ ދެ ލަނޑާއެކު ޔުނައިޓެޑުން ލީޑުގައި އޮވެ ކުޅެމުން ދަނިކޮށް، ނޯވިޗް ސިޓީން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ވެސް ކޮށްފައެވެ. އޭގެ ފަހުން ޔުނައިޓެޑް މޮޅު ކޮށްދިން ލަނޑު ވެސް ޖަހައިދިނީ ރޮނާލްޑޯއެވެ.
މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އެންތޮނީ އެލަންގާގެ އެހީތެރިކަމާއެކު ރޮނާލްޑޯ ޔުނައިޓެޑްގެ ފުރަތަމަ ލަނޑު ޖަހައިދިނެވެ. އޭގެ ފަހުން މެޗުގެ 32 ވަނަ މިނެޓުގައު ޔުނައިޓެޑްގެ ދެ ވަނަ ލަނޑު ވެސް ޖެހީ ރޮނާލްޑޯއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެލެކްސް ޓެލެސްގެ އެހީތެރިކަމާއެކުއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޯވިޗް ސިޓީން ވަނީ ލަނޑެއް ޖަހައި ނަތީޖަގެ ފަރަގު ކުޑަކޮށްފައެވެ. ޓީމު ޕޫކީގެ ދިން ބޯޅައަކުން އެ ޓީމަށް މި ލަނޑު ޖަހައިދިނީ ކިއެރަން ޑޮވެލްއެވެ.
ދެ ވަނަ ހާފު ފަށައިގެން މެޗުގެ 52 ވަނަ މިނެޓުގައި ނޯވިޗް ސިޓީއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޕޫކީއެވެ. އޭނާ މި ލަނޑު ޖެހީ ޑޮވެލްގެ އެހީތެރިކަމާއެކުއެވެ.
ނޯވިޗް ސިޓީން ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް، މެޗުގެ 76 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ލަނޑެއް ޖަހައި ހެޓްރިކް ހަމަކޮށް، މެޗުން ޔުނައިޓެޑް މޮޅު ކޮށްދީފައެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންތާއެކު ޔުނައިޓެޑް ތާވަލްގެ ފަސް ވަނަ މަގާމުގައި އޮތީ 54 ޕޮއިންޓާއެކުއެވެ. ހަ ވަނައިގައި އޮތް އާސެނަލަަށް ވެސް 54 ޕޮއިންޓު ލިބޭއިރު، އެ ޓީމު އެ މަގާމުގައި އޮތީ ޔުނައިޓެޑަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.