ކިޔޭވް (އެޕްރީލް 17): ރަޝިއާއިން ޔުކްރޭންގެ ވެރިރަށް ކިޔޭވްއަށް މިފަހަކަށް އައިސް ނުދޭވަރުގެ ވަރުގަދަ ހަމަލާތަކެއްދީ މިސައިލް އުފައްދާ ޔުކްރޭންގެ ބޮޑު ކާރުޚާނާއެއް ފުނޑުފުނޑުކޮށްލައިފިއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކިޔޭވް އަށް ހަމަލާދިނީ ވަރަށް އެކިއުރޭޓް ކުރޫޒް މިސައިލްތަކަކުން ކަމަށާއި އެހަމަލާތައް އަމާޒުކުރީ މިސައިލް އުފައްދާ ބޮޑު ކާރުޚާނާއަކަށް ކަމުގައެވެ. މި ހަމަލާތަކުގައި އެކާރުޚާނާ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ސުންނާފަތިވެފައިވާ ކަމަށްވެސް ރަޝިއާ ވަނީ ބުނެފައެވެ.

މިއީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު ޔުކްރޭންއާއި ރަޝިއާ އިއްތިހާދީ އެއްދައުލަތެއްގެ ގޮތުގައި އޮތްދުވަސްވަރު ކުރީގެ ރޫސީވިލާތުން ބިނާކޮށްފައިވާ މިސައިލް ކާރުޚާނާއެއްކަމަށް މައުލޫމާތު ލިބެއެވެ. އެތަނުން އުފައްދާ މިސައިލްތަކުގެ ތެރޭގައި އަސްކަރީ މަނަވަރުތަކަށް ހަމަލާދިނުމަށް ޚާއްޞަ މިސައިލްވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔުކްރޭންގެ ހަމަލާ އެރިކަމަށް ބުނާ ރަޝިއާގެ މަނަވަރު މިމަނަވަރު ވަނީ އަޑިއަށް ގޮސްފައި

ކިޔޭވްގެ މިސައިލް ކާރުޚާނާއަށް ރަޝިއާއިން ހަމަލާދިން ކްރޫޒް މިސައިލްތައް ޔުކްރޭނަށް ވައްޓާ ނުލެވި އޭގެ އަމާޒަށް ވާސިލް ވެފައިވާއިރު ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒެލެންސްކީވަނީ ރަޝިއާގެ ވަރަށް ބާރުގަދަ ހަމަލާތަކެއް ކިޔޭވްއަށް އަމާޒުވެ އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް އެއްބަސްވެވަޑައިގެންފައެވެ.

ރަޝިއާއިން ޔުކްރޭނާ ދެކޮޅަށް ނިއުކްލިޔާ ކުދި ހަތިޔާރުވެސް ބޭނުންކޮށްފާނެ ކަމުގެ ބިރުއޮތްކަމަށް ވިދާޅުވެ ޒެލެންސްކީވަނީ ރަޝިއާއާ ކުރިމަތިލެވޭފަދަ ބާރުގަދަ ހަތިޔާރުތައް ފޯރުކޮށްދިނުމަށް އެމެރިކާއަށާއި ނޭޓޯގެ އެހެން ބާރުތަކަށް ގޮވާލައްވާފައެވެ.

ރަޝިއާ ކިޔޭވްއަށް މިބާރުގަދަ ހަމަލާތަކެއް ދީފައިމިވަނީ ޔުކްރޭނުން އެމެރިކާގެ ބަސްއަހައިގެން ސުލްހައަށް ފުރަގަސްދީ ސުލްހައިގެ ވާހަކަތަކަށް ފަރުވާކުޑަކުރަމުންދާކަމަށް ބުނެ ދެން ހަމަލާތައް އަމާޒުކުރާނީ ކިޔޭވްގައި ހުންނަ ޔުކްރޭންގެ އެންމެ އިސްވެރިން ތިއްބަވާ މަރުކަޒުތަކަށާއި ހަތިޔާރު ގުދަންތަކާއި ކާރުޚާނާތަކަށް ކަމުގެ އިންޒާރު ރަޝިއާގެ އަސްކަރީ ތަރުޖަމާނު ދެއްވިތާ ދެދުވަސްފަހުންނެވެ.

ރަޝިއާގެ ހަމަލާތަކެއް ކިޔޭވްއަށް އަމާޒު މިވީ މިފަހަކަށް އައިސް ޔުކްރޭނަށް ބާރުގަދަ ހަމަލާތައް ނުދޭތާ ދުވަސްތަކެއް ވުމަށްފަހުއެވެ. އެެހެންކަމުން މިއީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް ރަޝިއާއިން ކިޔޭވްއަށް ދިން އެންމެ ވަރުގަދަ ހަމަލާތައްކަމަށް މުރާސިލުން ވަނީ ސިފަކޮށްފައެވެ.

ޔުކްރޭންގެ ކާރުޚާނާއަށް ރަޝިއާ ދިން ހަމަލާތަކަށްފަހު އެތަން

ކަޅުކަނޑުގައި ހަރަކާތްތެރިވަމުންދިޔަ ރަޝިއާގެ ބޮޑުމަނަވަރަކަށް މިިދިޔަ ހަފްތާގައި މިސައިލުން ހަމަލާދިންކަމަށް ޔުކްރޭން ބުނެފައިވާއިރު ރަޝިއާއިންވަނީ އެ މަނަވަރުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެމަނަވަރު އަޑިއަށް ދިޔަކަމަށް އެއްބަސްވެފައެވެ. ރަޝިއާގެ މަނަވަރަށް ހަމަލާދިނީ ރަޝިއާ އިއްޔެ ހަމަލާދިން ކިޔޭވްގެ ކާރުޚާނާއިން އުފެއްދި މިސައިލަކުންކަމަށް ރިޕޯޓްތައް ބުނިނަމަވެސް ރަޝިއާ އެކަމަށް އެއްބަހެއް ނުވެއެވެ. ރަޝިއާ ވަނީ އެކަން ދޮގުކޮށް މަނަވަރު އަޑިއަށް ދިޔައީ އޭގައި ހިނގި އަލިފާނުގެ ހާދިސާއަކުންކަމަށް ބުނެފައެވެ.

ޔުކްރޭންގެ ހަނގުރާމަ، އެމެރިކާ ވަރަށް ގާތުން ބަލަމުން ގެންދިޔަނަމަވެސް ޔުކްރޭންގެ މިސައިލް ހަމަލާއެއް ރަޝިއާގެ މަނަވަރަށް އެރިތަން ފެނިފައިނުވާކަމަށް އެމެރިކާ ބުނެއެވެ. ނަމަވެސް ރަޝިއާގެ މަނަވަރަށް ޔުކްރޭންގެ މިސައިލެއް އަރާފައިވުމަކީވެސް ދުރުކަމެއް ނޫންކަމަށް އެމެރިކާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

މަނަވަރު ފެތުނުތާ އެއްދުވަސްފަހުން ރަޝިއާއިން ކިޔޭވްގެ މިސައިލް ކާރުޚާނާއަށް ވަރަށް ވަރުގަދަ ހަމަލާތަކެއްދީ އެތަން ހަލާކުކޮށްލުމުން އެނގޭ އެއްޗަކީ މަނަވަރު ފެތުނީ ޔުކްރޭންގެ މިސައިލް ހަމަލާއަކުންކަން ނުސީދާ ގޮތެއްގައި ރަޝިއާ ގަބޫލުކުރުންކަމަށް ޔުކްރޭންގެ މީޑީއާ އިން ވަނީ ސިފަކޮށްފައެވެ.

ޔުކްރޭންގެ ހަނގުރާމައަށް ދެމަސްވާން ގާތްވެފައިވާއިރުވެސް ޔުކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށާއި ރަޝިއާގެ މަގްސަދުތައް ހާސިލް ކުރުމުގައި އެގައުމު ވަނީ ނާކާމިޔާބުވެފައެވެ. އަދި ހުޅަނގުން ހަތިޔާރު ހޯދައިގެން ޔުކްރޭނުން ރަޝިއާގެ ލަޝްކަރުތަކަށް ދޭ ހަމަލާތައް ކާމިޔާބު ކަމަށް ބެލެވިފައިވާއިރު އެ ހަމަލާތަކުގައި ރަޝިއާ ސިފައިންގެ އެތައް ހާސްބަޔަކު މަރުވެ ރަޝިއާގެ ގިނަ އަދަދެއްގެ ހަތިޔާރުވެސްވަނީ ހަލާކުވެފައެވެ.

ނަމަވެސް އަނެއްކޮޅުން ބަލާއިރު ރަޝިއާގެ ވައިގެ ހަމަލާތަކާއި މިސައިލް ހަމަލާތަކުގައި ޔުކްރޭންގެ ބޮޑެތި ސިޓީތައްވަނީ ވަރަށް ބޮޑަށް ހަލާކުކޮށް ސުންނާފަތި ކޮށްލާފައެވެ. އަދި ޔުކްރޭންގެ އިގްތިސާދު 60 ޕަސެންޓަށް ދަށަށްގޮސް އިންޕޯޓް އެކްސްޕޯޓްގެ ތިން ބައިކުޅަ ދެބައި ހުއްޓި ގައުމުގެ އަސްކަރީ އަދި މަދަނީ އިންފްރާސްޓްރަކްޗަރުގެ ބޮޑުބައެއް ވަނީ ރަޝިއާގެ ހަމަލާތަކުގައި ހަލާކުވެފައެވެ.

ރަޝިއާގެ ހަމަލާތަކުގައި ޔުކްރޭންގެ 12 މިލިޔަން މީހުންވަނީ ރެފިއުޖީންނަށްވެފައެވެ. މީގެތެރެއިން ހަ މިލިޔަން ރެފިއުޖީންވަނީ ޔުކްރޭން ދޫކޮށް އަވަށްޓެރި ޔޫރަޕްގެ ގައުމުތަކަށް ހިޖުރަކޮށްފައެވެ. އަދި ޔުކްރޭންގެ ގިނަ ސިޓީތަކާއި ވިލެޖްތައް ކަރަންޓާއި އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައިވާއިރު ރަޝިއާވަނީ ޔުކްރޭންގެ ކްރައިމިޔާއިން ފެށިގެން ދުންބާސް ސަރަހައްދާ ދެމެދުގައިވާ ކޯޓްލައިން ސަރަހައްދު ހިފާފައެވެ.

އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް 60 ހާހަށްވުރެ ގިނަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރުވެސް ހަނގުރާމަ ހުއްޓާލަން މަޖްބޫރުވާފަދަ ބާރުގަދަ އަސަރެއް އެފިޔަވަޅުތަކުން ރަޝިއާއަށް ކުރަމުން ނުދާކަންވެެސްވަނީ ހާމަވެފައެވެ.

މީގެ ދެ ހަފްތާކުރިން ރަޝިއާވަނީ ކިޔޭވްއަށް ދޭ ހަމަލާތައް ހުއްޓާލައި ކިޔޭވްގެ ވަށައިގެންވާ ސަރަޙައްދުން ރަޝިޔާގެ ލަޝްކަރުތައް ފަހަތަށް ޖެއްސުމަށްފަހު ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކާއި އިރުދެކުނުގެ ސަރަހައްދުތައް ހިފުމަށް އިސްކަން ދީފައެވެ.

ނަތީޖާއެއްގެ ގޮތުން ޔުކްރޭންގެ ތިންވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ މަރިއުޕޯލްއާއި އެސިޓީގެ ބަނދަރުގެ އިތުރުން ދެކުނުގައި އޮންނަ ކްރައިމިޔާއިން ފެށިގެން ދުންބާސް ސަރަހައްދާ ދެމެދުގައިވާ ކޯޓްލައިންގެ ކޮންޓްރޯލް ރަޝިއާއިންވަނީ ނަގާފައެވެ.

ރަޝިއާއިންވަނީ އެގައުމާއި ޔުކްރޭނާ ދެމެދު ދެކެވޭ ސުލްހައިގެ ވާހަކަތަކަށް ހުރަސްއަޅަނީ އެމެރިކާއާއި ހުޅަނގުގެ ބާރުތައް ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ހުޅަނގުގެ ބަސްއަހައިގެން ސުލްހައަށް ފުރުސަތު ނުދީ ހުޅަނގުން ހަތިޔާރު ހޯދައިގެން ރަޝިއާ ބަލިކުރުމުގެ މަގްސަދުގައި ޔުކްރޭނުން ހަނގުރާމަ ދިގުދަންމަމުންދާނަމަ ހިތާމަވެރި ނަތީޖާއަކާ ޔުކްރޭން ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ރަޝިއާގެ މަސްއޫލުވެރިންވަނީ ހުޅަނގުގެ ބަސްއަހާ ޔުކްރޭންގެ ވެރިންނަށް ދެއްވާފައެވެ.