18 Apr 2022, 10:20
ބޭސްވެރިކަމުގައި އާންމުކޮށް ބޭނުން ކުރާ އެލޯ ވެރާއަކީ ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔަކު ހައްދާ ގަހެކެވެ.
ހަށިގަނޑަށް ފައިދާހުރި މާއްދާތަކުން މުއްސަނދިވެފައިވާ، ހަޖަމުކުރުން ރަނގަޅުކުރުމަށް އެހީވެދޭ އެލޯ ވެރާއަކީ ހަންގަނޑާއި މޫނުވެސް ރީތިކޮށްދޭ އެއްޗެކެވެ.
ވިޓަމިން ސީ އަދި ވިޓަމިން އީ އެކުލިވެގެންވާ އަލޯ ވެރާއަކީ ދުޅަހެޔޮ ރީތި އިސްތަށިގަނޑެއް ލިބުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަލޯވެރާގައި ޕްރޯޓިއޮލައިޓިކް އެންޒައިމްތަކެއް އެކުލެވިގެންވެއެވެ. މި އެންޒައިމްތަކަކީ ބޮލުގެ ހަންގަނޑަށް ދިމާވާ މައްސަލަތަކަށް ހައްލުކުރުމަށް އެހީތެރިވެދޭ އެންޒައިމްތަކެވެ. އެހެންކަމުން އެލޯ ވެރާއަކީ ބޮލުގެ ހަންގަނޑަށް ޖެހޭ ބަލިތަކަށް އޮތް ހައްލެކެވެ.
އެލޯ ވެރާއަކީ ބޮލުގެ ހަންގަނޑު ހިކި، ބޮލުގައި ފަންގަލް އިންފެކްޝަން އުފެދުމުން ދުރުހެލިކޮށްދޭ އެއްޗެކެވެ. އެހެންކަމުން ބޮލުގައި ހަންފޮޅުމުގެ މައްސަލަތައް ކުރިމަތިވާ މީހުން އެލޯ ވެރާ ބޭނުންކުރުމުން މި މައްސަލަތަކަށް ލުޔެއް ލިއްބައިދެއެވެ.
އެލޯ ވެރާ އަކީ ކޮންޑިޝަަނާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. އެލޯ ވެރާއިން ހަންގަނޑު މޮއިސްޗަރައިޒް ކޮށްދޭފަދައިން އިސްތަށިގަނޑުވެސް މޮއިސްޗަރައިޒް ކޮށްދެއެވެ. ގަވައިދުން އިސްތަށިގަނޑުގައި އެލޯވެރާ ބޭނުންކުރުމަކީ އިސްތަށިގަނޑު ވަރުގަދަކޮށްދީ ހަންފޮޅުން ހުއްޓުވައިދޭނެ ކަމެކެވެ.
ދުވަސްވުމުގެ ސަބަބުން ހަންގަނޑުގައި ރޫ ޖެހޭނަމަ އެލޯވެރާ ބޭނުން ކުރާށެވެ. ސަބަބަކީ އެލޯ ވެރާ ޖެލްގައި ވިޓަމިން ސީ އަދި ބީޓާ-ކެރޮޓީން އެކުލެވިގެން ވާތީއެވެ. މި މާއްދާތަކުން ހަންގަނޑު ކުރަކިވެ، ހަންގަނޑުގައި ރޫ ޖޭހުމުން ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން އެލޯ ވެރާ ބޭނުންކުރުމުގެ ސަބަބުން ހަށިގަނޑުގައި ކޮލަޖަން އުފައްދާ މިންވަރު އިތުރުވެގެންދެއެވެ.
ހަމުގެ އެކި ބަލިތައް ތަހައްމަލް ކުރަމުންދާ މީހުން އަލޯ ވެރާ ޖެލް ބޭނުންކުރުމުން އެ ބަލިތަކަށް ލުޔެއް ލިބިދެއެވެ. އަދި އެލޯ ވެރާއަކީ މޫނުގައިވާ ޖަރާސީމުތައް ސާފުކޮށްދޭ އެއްޗެކެވެ. އެލޯ ވެރާގައި ޕޮލިސެކަރައިޑްސް ހިމެނެ އެވެ. މި މާއްދާއަކީ މޫނު ހިރުވާ، މޫނު ރަތްވުންފަދަ ކަންކަމުން ދުރުކޮށްދޭ އެއްޗެކެވެ.
އެލޯ ވެރާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި އެލޯވެރާ ގަހުން އެލޯ ވެރާ ޖެލް ހޯދާނެގޮތް އެނގުން މުހިންމެވެ. އެގޮތުން ގޭގައި އެލޯ ވެރާ ގަހެއް ހުރިނަމަ، އެ ގަހުގައިވާ އެލޯ ވެރާ ފަތް ގަހުގެ ބުޑުން ކަނޑާލާށެވެ. މި މަސައްކަތް ކުރާ ވަގުތު ފަތްތަކުގައިވާ ކަށިތަކަށް ހާއްސަ ސަމާލުކަމެއްދޭށެވެ.
އެއަށްފަހު، ތޫނު ވަޅިއެއް ބޭނުންކޮށްގެން ފަތްތަކުގެ އަރިމަތީގައިވާ ކަށިތައް ވަކިކުރާށެވެ. ދެން އެލޯ ވެރާ ފަތުގެ މެދުން ދެބަޔަށް ފަޅިކުރުމަށްފަހު، ފަތުގެ އެތެރޭގައިވާ އެލޯ ވެރާ ޖެލްކޮޅު ކަހާ، ވަކިން ތައްޓަކަށް އަޅައިގެން ބޭނުންކުރާށެވެ.