ރަމަޟާން މަސް އައުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވައެވެ. إِنَّ هَذَا الشَّهْرَ قَدْ حَضَرَكُمْ، وَفِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حُرِمَهَا فَقَدْ حُرِمَ الخَيْرَ كُلَّهُ، وَلَا يُحْرَمُ خَيْرَهَا إِلَّا مَحْرُومٌ (އިބުނު މާޖާ: 1644) މި ހަދީސްގައި އެކުލެވިގެންވާ މާނައަކީ: "ހަމަކަށަވަރުން މި (ރޯދަ) މަސް ތިޔަބައިމީހުންނާ ބައްދަލުކޮށްފިއެވެ. އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް މި މަހުގައި ވެއެވެ. އެ ރޭގެ ހެޔޮކަމުން މަހުރޫމު ވެއްޖެމީހާ، ހަމަކަށަވަރުން، ހުރިހައި ހެޔޮކަމަކުން މަހުރޫމު ވެއްޖެއެވެ. އަދި ހަގީގަތުގައިވެސް ހެޔޮކަމުން މަހުރޫމުވެއްޖެމީހާ މެނުވީ، އެރޭގެ ހެޔޮކަމުން މަހުރޫމު ނުވެތެވެ." ތަފާތު އިބާރާތްތަކުން މި ހަދީސް ރިވާވެގެން އައިސްފައިވެއެވެ. އަލްބާނީ އާއި އަލްމުންޡިރީ ވިދާޅުވެފައިވާ ގޮތުގައި މިއީ ޞައްޙަ ހަދީސެކެވެ.

މި ހަދީސްފުޅުގައި މައިގަނޑު ދެޚަބަރެއް އެކުލެވިގެން ވެއެވެ. ފުރަތަމަ ޚަބަރަކީ ރަމަޟާން މަހުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ވާކަމެވެ. އެރެޔަކީ ލައިލަތުލްޤަދްރިކަން ޤުރުއާނާއި ސުންނަތުން އެނގެއެވެ. ދެވަނަ ޚަބަރަކީ އެ ރޭގެ ހެޔޮކަމުން މަހުރޫމު ވެއްޖެމީހާ ހުރިހައި ހެޔޮކަމަކުން މަހުރޫމު ވެއްޖެ ކަމެވެ. މިހައި ހިސާބުން އުފެދޭ ސުވާލަކީ؛ "އެ ރޭ (އެބަހީ: ލައިލަތުލްޤަދްރި) ގެ ހެޔޮކަމުން މަހުރޫމު ވެއްޖެމީހާ، ހަމަކަށަވަރުން، ހުރިހައި ހެޔޮކަމަކުން މަހުރޫމު ވެއްޖެއެވެ." މިތަނުގައި އެވާ، "ހުރިހައި ހެޔޮކަމަކުން މަހުރޫމު ވެއްޖެއޭ" އެ އޮތް ބަސްފުޅުގެ މާނައަކީ ކޮބައިބާވައެވެ؟ ލައިލަތުލްޤަދްރި ވިލޭރޭ އަޅުކަމުގައި ދެމިނުހުރުމުގެ ސަބަބުން، އެރޭގެ ހެޔޮކަން ނުލިބުނު މީހާގެ ހުރިހައި ހެޔޮކަންތަކެއް ނެތިގެން ދަނީހެއްޔެވެ؟ އޭނާ ކޮށްފައިވާ ނުވަތަ ކުރަމުންދާ ހުރިހައި ހެޔޮ އަމަލުތަކެއް ބާތިލުވަނީ ހެއްޔެވެ؟

މަތީގައި ކުރެވުނު ސުވާލުގެ ޖަވާބުގައި އިލްމުވެރިން ވިދާޅުވެއެވެ. ހަދީސްގައި އެވަނީ ލައިލަތުލްޤަދްރި ވިލޭރޭ އަޅުކަމުގައި ދެމި ނުހުރި މީހާއަށް، އެ ރޭގައި އެކުލެވިގެންވާ އަދަދު ނުކުރެވޭހައި ގިނަ ހެޔޮކަން ނުލިބޭނެ ވާހަކައެވެ. އެއީ އެއްހާސް މައްސަރުގެ ހެޔޮކަމެވެ. އަދަދުން ބަލާނަމަ އެއްހާސް މައްސަރަކީ 83 އަހަރާއި ހަތަރު މަސްދުވަހެވެ. ދުވަހުން ބަލާނަމަ އެއީ 30,000 (ތިރީސްހާސް) ދުވަހެވެ. މިސާލަކަށް މީހަކު ދުނިޔޭގައި ހުންނަ އުމުރަކީ 83 އަހަރުކަމަށް ބަލާނަމަ، އޭނާގެ މުޅި އުމުރުގައި އަޅުކަން ކުރުމުން ލިބޭނެ ސަވާބު އެންމެ ރެޔަކުން އެބަ ލިބެއެވެ. އެ ރޭގައި އެކުލެވިގެންވާ ހެޔޮކަން ގެއްލިއްޖެނަމަ އެ ހުރިހައި ހެޔޮކަން އަނބުރައި ނުލިބޭނެއެވެ. މީހެއްގެ މުޅި އުމުރުގައި އަޅުކަން ކުރުމުން ލިބޭނެ ސަވާބު ގެއްލިގެން ދިއުމުން، އޭނާއަކީ ހުރިހައި ހެޔޮކަމަކުން މަހުރޫމުވެއްޖެ މީހެކޭ ނުބުނެވޭނެ ހެއްޔެވެ؟ އެހެންކަމުން، ހަދީސްގެ އެންމެ ފަހު އިބާރާތުގައިވެސް އެވަނީ އެކަން ތަކުރާރު ކުރައްވާފައެވެ. ".... އަދި ހަގީގަތުގައިވެސް ހެޔޮކަމުން މަހުރޫމުވެއްޖެމީހާ މެނުވީ، އެރޭގެ ހެޔޮކަމުން މަހުރޫމު ނުވެތެވެ."

ލައިލަތުލްޤަދްރި ވިލޭރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭ ތަކުން ރެއެއްގައިކަމަށް ޞައްޙަ ހަދީސްތަކުގައި އައިސްފައިވިޔަސް، އެއީ ސީދާ ކޮން ރެއެއްކަމެއް އަންގަވާފައެއް ނުވެއެވެ. އެއީ ވަރަށް މަތިވެރި ހިކުމަތަކަށްޓަކައެވެ. އެރޭ އެނގޭނަމަ އެހެން އެއްވެސް ރެޔަކު އަޅުކަން ނުކޮށް ސީދާ އެރޭގައި އަޅުކަން ކުރަން މީސްތަކުން އުޅެފާނެތެވެ. ވީމާ، އަޅުކަމުގައި ހީވާގިވެ އެކަމުގައި މީސްތަކުން ދެމި ތިބުމުގެ ފުރުސަތު ދެއްވުމަށްޓަކައި، އެ ރޭ ވަނީ ސިއްރުކުރައްވާފައެވެ. އެހެންކަމުން، ލައިލަތުލްޤަދްރީގެ ހެޔޮކަން ހޯދުމަށް އެދޭމީހާއަށް އެންމެ މޮޅު އިތުރުވެގެންވާ ގޮތަކީ ރަމަޟާން މަހުގެ ހުރިހައި ރެއެއްގައިވެސް އަޅުކަމުގައި ދެމި ހުރުމެވެ. ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޒިކުރުކުރުމާއި، ދުޢާ ކުރުން ފަދަ ހެޔޮ އަމަލުތައް ކުރުމުގައި ރަމަޟާން މަހުގެ ރޭތައް ހޭދަކުރުމެވެ.

ޚުލާޞާއަކީ:

- އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ރަމަޟާން މަހުގައި ވެއެވެ. އެއީ ލައިލަތުލްޤަދްރި ވިލޭރެއެވެ.

- އެރޭގެ ހެޔޮކަމުން މަހުރޫމުވެއްޖެ މީހާއަށް، އޭނާގެ މުޅި އުމުރުގައި އަޅުކަން ކުރުމުން ލިބޭނެ ސަވާބާ އެއްވަރުގެ ސަވާބު ގެއްލުނީއެވެ. ހުރިހައި ހެޔޮކަމަކުން މަހުރޫމުވުމޭ ބުނެވޭ ބަހުގެ މުރާދަކީ އެއީއެވެ.

- ލައިލަތުލްޤަދްރި ވިލޭރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭ ތަކުން ރެއެއްގައިކަމަށް ޞައްޙަ ހަދީސްތަކުގައި އައިސްފައިވިޔަސް އެއީ ސީދާ ކޮން ރެއެއްކަން އަންގަވާފައެއް ނުވެއެވެ.

- ލައިލަތުލްޤަދްރީގެ ހެޔޮކަން ހޯދުމަށް އެދޭމީހާއަށް އެންމެ މޮޅު އިތުރުވެގެންވާ ގޮތަކީ ރަމަޟާން މަހުގެ ހުރިހައި ރެއެއްގައިވެސް އަޅުކަމުގައި ދެމި ހުރުމެވެ.

- ރަމަޟާން މަހު ރޭގަނޑުގެ ވަގުތުގައި ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޒިކުރުކުރުމާއި، ދުޢާ ކުރުން ފަދަ ހެޔޮ އަމަލުތައް ކުރުމީ ލައިލަތުލްޤަދްރި އިޙްޔާ ކުރުމެވެ.