ރާއްޖޭގެ އަމިއްލަ ޓީވީ ސްޓޭޝަނެއްކަމަށްވާ ވީޓީވީއަށް އެމްޑީޕީގެ ސަޕޯޓަރުން މިއަދު ދިން ހަމަލާ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކުށްވެރިކޮށްފި އެވެ.

އެމްޖޭއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ "ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާ ޖަލްސާއަށް ހުރަސްއެޅުމަށް އެމްޑީޕީގެ ސަޕޯޓަރުން މަގުތަކުގައި ހިންގާ ހަމަނުޖެހުންތަކުގައި ވީޓީވީއަށް ދިން ޓެރަރިސްޓް ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ" ކަމަށެވެ.

އެބަޔާނުގައި އަދި ބުނަނީ އެމްޑީޕީގެ ސަޕޯޓަރުންގެ ހަމަލާގައި ވީޓީވީގެ ބިއްލޫރިތައް ތަޅާލާފައިވާ ކަމަށާއި އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބިރުދައްކައި ހަދާފައިވާ ކަމަށް ވީޓީވީން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެހެން ނޫސްތަކުގެ ބައެއް ނޫސްވެރިންނަށާއި ފޮޓޯގްރާފަރުންނަށް ހުރަސްއަޅައި، މައުލޫމާތު ހޯދުމަށް ހުރަސްއަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"ނޫސްވެރިން އެމީހުންގެ ވާޖިބު އަދާކުރުމަށް އެއްވެސް ފަރާތަކުން ހުރަސް އެޅުމަކީ މި ޖަމިއްޔާއިން ބަލައިގަންނާނޭ ކަމެއް ނޫންކަމުގައި ދަންނަވަމުން، މިއަދު އެމްޑީޕީގެ ސަޕޯޓަރުން ހިންގި މިޖަރީމާތައް ކަމާ ބެހޭ މުއައްސަސާތަކުން އިންސާފުވެރިކަމާ އެކު ތަހުގީގުކޮށްދެއްވާ ގާނޫނީ ފިޔަވަޅު އަޅުއްވައި ދެއްވުން އެދެމެވެ " އެމްޖޭއޭގެ ބަޔާނުގައި ވެއެވެ.
ސޯސަން މަގަށް މިއަދު އެއްވި އެމްޑީޕީގެ ސަޕޯޓަރުންގެ ބަޔަކު ވީޓީވީގެ އިމާރާތަށް ގާއުކައި އެތަނުގެ ހުރިހާ ބިއްލޫރިތަކެއްހެން ވަނީ ތަޅާލާފަ އެވެ.