16 Apr 2022, 15:16
ޕްރިންސް ހެރީގެ ދެކަނބަލުން ވިންޑްސާ ކާސަލްގައި އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ އަރިހަށް ޒިޔާރަތް ކުރައްވައިފިއެވެ.
ރިޕޯޓްތަކުން ބުނާގޮތުގައި އެ ދެމަފިރިން ރާނީގެ އަރިހަށް ޒިޔާރަތް ކުރައްވާފައިވަނީ ބުރާސްފަތި ދުވަހުގައި އިންވިކްޓަސް ގޭމްސްގައި ބައިވެރިވުމަށް ނެދަލެންޑްސްއަށް ވަޑައިގެންނެވި މަގުމަތީގައެވެ.
މިއީ، ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން 2020 ވަނަ އަހަރު ޝާހީ އާއިލާއިން ވަކިވެ، އެމެރިކާގައި ދިރިއުޅުއްވަން ފެއްޓެވި ފަހުން އިނގިރޭސިވިލާތަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ.
އެ ދެމަފިރިން ޝާހީ އާއިލާއިން ވަކިވެވަޑައިގަތުމުން، ޝާހީ އާއިލާގެ މެންބަރުންނަށްދޭ ޕޮލިސް ސެކިއުރިޓީ ލިބުމުގެ ފުރުސަތު ހެރީ އާއި މޭގަންއަށް ވަނީ ގެއްލިފައެވެ. އަދި އެދެމަފިރިން އިނގިރޭސިވިލާތަށް ވަޑައިގަންނަވާއިރު އަމިއްލައަށް ޕޮލިސް ސެކިއުރިޓީއަށް ޚަރަދު ކުރުމުގެ ހުއްދަ ދޭން އެގައުމުގެ ސަރުކާރުން ވަނީ ދެކޮޅުހަދާފައެވެ.
އެހެންކަމުން ހެރީ ވަނީ އެ މައްސަލަ ކޯޓަށް ވެސް ހުށަހަޅުއްވާފައެވެ.
ހެރީ އާއި މޭގަން، ރާނީގެ އަރިހަށް ވަޑައިގެންނެވީ މިދިޔަ ފެބްރުއަރީ މަހު ރާނީއަށް ކޮވިޑް ޖެހި، ސިއްހީ ބައެއް މައްސަލަތައް ދިމާވި ފަހުންނެވެ.