17 Apr 2022, 11:08
މުސްލިމުން ދަތުރު ކުރަން އެންމެ ރަނގަޅު ފަސް މަންޒިލުގެ ތެރޭގައި މެލޭޝިއާ ހިމެނިއްޖެއެވެ.
މުސްލިމުންނާ ގުޅުން ހުރި މާކެޓްތަކާ ބެހޭ ގޮތުން ދިރާސާތައް ކުރާ ދީނާރު ސްޓޭންޑާޑުން ނެރުނު ސްޓޭޓް އޮފް ދަ ގްލޯބަލް އިސްލާމިކް އިކޮނޮމީ (އެސްޖީއައިއީ) ރިޕޯޓް 2022ގައި ވާގޮތުން މުސްލިމުންނާ އެންމެ ރައްޓެރި ފަތުރުވެރިކަމުގެ ދާއިރާތައް އޮންނަނީ މެލޭޝިއާގެ އިތުރުން ސައުދީ އަރަބިއާ، ތުރުކީ، ޔޫއޭއީ އަދި އީރާނުގައެވެ.
އެ ރިޕޯޓާ ގުޅިގެން މެލޭޝިއާގެ ޓޫރިޒަމް އާޓްސް އެންޑް ކަލްޗާ މިނިސްޓްރީން ބުނީ ކޮވިޑްގެ ބަލިމަޑުކަމަށްފަހު އެގައުމު އޮތީ ފަތުރުވެެރިންނަށް މަރުހަބާ ކިޔަން ތައްޔާރަށްކަމަށެވެ. އަދި މުސްލިމް ޓޫރިޒަމާއި ހޮސްޕިޓާލިޓީ ސާވިސް ހަރުދަނާ ކުރުމަށް އެގައުމުން ގައިޑްލައިންތަކެއް އެކުލަވާލަލެވިފައިވާނެ ކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ހީނަރުކަމަށްފަހު، މިދިޔަ އަހަރު ދަތުރުފަތުރުކުރުމަށް މުސްލިމުން ހޭދަކުރި މިންވަރު ވަނީ 75.9 ޕަސެންޓު އިތުރުވެފައެވެ. އަދި މުސްލިމުން ފަތުރުވެރިކަމަށް ހޭދަކުރި މިންވަރު 102 ބިލިއަން ޑޮލަރަށް އެރިއެވެ.
މީގެ އިތުރުން، މި އަހަރު ޓޫރިޒަމަށް މުސްލިމުން ހޭދަކުރާ މިންވަރު 154 ޕަސެންޓު އިތުރުވެ، 154 ބިލިއަނަށް އަރާނެ ކަމަށް އެސްޖީއައިއީ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.
ހަމައެއާއެކު، 2025 ވަނަ އަހަރުގެ ކުރިން އެ އަދަދު 189 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
އެސްޖީއައިއީ ރިޕޯޓަކީ ދުބާއީގެ އިކޮނޮމީ އެންޑް ޓޫރިޒަމް ޑިޕާޓްމެންޓުގެ އެހީގައި، އިސްލާމިކް އިކޮނޮމީ ނިއުސް އެންޑް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ސަލާމް ގޭޓްވޭއާ ގުޅިގެން ދީނާރުސްޓޭންޑާޑުން ކޮންމެ އަހަރަކު ނެރޭ ޕަބްލިކޭޝަނެކެވެ.