19 Mar 2012, 17:14
ރައްޔިތުންގެ މަޖިލިސް ދޮށުގައި މިއަދު ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންނާ ސިފައިންނަށް އަނިޔާވެ، ފުލުހުންގެ ސަފުތައް ރޫޅާލަން މަސައްކަތް ކުރި މީހުންގެ ތެރެއިން 64 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީސް މިދައުރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާ ކުރިއަށް ދިޔަ ވަގުތު މަޖިލިސްކުރާގެ ސަރަހައްދަށް އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު އެއްވެ ހިންގި ހަމަނުޖެހުންތަކުގައި އަށް ފުލުހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު މާލެތެރޭގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ސިފައިންގެ ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން ބައެއް މީހުން އުކި ދުވާރު ގާތަކުން ޖެހި ސިފައިންގެ މީހެއްގެ ކަނާތު ކުޑަހުޅަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އިތުރު ސިފައިންގެ މީހެއްގެ އަތަށާއި، ސިފައިންގެ މީހެއްގެ ކަނދުރާއަށް އެކިވަރުގެ ޒަޚަމްތައް ލިބި ފަރުވާ ދެމުން އަންނަ އިރު އެކި ވަރުގެ އަނިޔާ ބައެއް ސިފައިންނަށް ވަނީ ލިބިފަ އެވެ.
ފުލުހުން ބުނީ މަޖިލިސް ސަރަހައްދުގައި މިއަދު ހިންގި ހަމަނުޖެހުންތަކުގައި ފުލުހުން ހައްޔަރު ކުރި 64 މީހުންނަކީ ސަލާމަތީ ސަފުތައް ފޫއަޅުވާލުމަށް މަސައްކަތްކޮށް ހަމަނުޖެހުން ހިންގި މީހުން ކަމަށެވެ. އަދި ހައްޔަރު ކުރި މީހުންގެ ތެރޭގައި ފުލުހުންނަށް އަމާޒުކޮށްގެން ޖިސްމާނީ އަނިޔާތައް ދޭން މަސައްކަތްކުރި މީހުންނާއި ވީޓީވީއަށް ގެއްލުންދިން ކަމަށް ބެލެވޭ މީހުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.
މިއަދު ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅޭ ގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވީ ފުލުހުންނަށް އަމާޒުކޮށް ހަމަލާދީ ފުލުހުންގެ ސަލާމަތީ ސަފުތައް ފޫއަޅުވާލައި ގަދަކަމުން ވަދެގަތުމަކީ ސުލްހަވެރި އެއްވުމެއް ކަމަށް އެއްވެސް ގޮތަކުން ކަނޑައެޅެން ނޯންނާނެ ކަމަށެވެ. އަދި މިއަދުގެ މުޒާހަރާތައް ވެސް ފުލުހުން ރޫޅާލާފައި ވަނީ ފުލުހުންނަށް ލިބިދީފައިވާ ޤާނޫނީ ބާރުގެ ދަށުން ތަނުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް ހާލަތާއި ގުޅޭ އެންމެ ކުޑަ މިންވަރުގެ ބާރުގެ ބޭނުންކޮށްގެން ކަމަށް ވެސް އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
އަހުމަދު މުހައްމަދު ވިދާޅުވީ މާލޭގެ މަގުތައް ހަލަބޮލިކޮށް ހުޅުޖަހައި ހަމަނުޖެހުންތަކެއް ހިންގާނެ ކަމަށް ފުލުހުން އުންމީދު ނުކުރި ނަމަވެސް މިއަދުގެ ހާލަތައް ފުލުހުން ތިބީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ.