15 Apr 2022, 20:30
ސްރީލަންކާއަށް އެހީވާން ކުރެވެން ހުރި ހުރިހާ ކަމެއް މިހާރު ކުރަމުންދާ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޖާއޯ ލީޖިއަން ވިދާޅުވީ އެގައުމާއި ލަންކާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުންތައް ގާއިމު ކުރި ފަހުން ދެ ގައުމުން ވެސް ދަނީ އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވަމުން ކަމަށެވެ.
"ލަންކާގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އެހީތެރިވުމަށް ޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ޗައިނާއިން ދަނީ ކުރަމުން، އަދި އެގޮތުގައި ކުރިއަށް ދާނެ،" ޖާއޯ ވިދާޅުވިއެވެ.
އިގުތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ ލަންކާއިން ވަނީ ޗައިނާއިން 2.5 ބިލިއަން ޑޮލަރުގެ އެހީއަކަށް އެދިފައެވެ. އެއީ ޖުލައި މަހުގެ ކުރިން ޗައިނާއަށް ދައްކަން ޖެހޭ ލޯނަކަށް ފައިސާ ދެއްކުމަށް ދަރަންޏަށް ނަގާ އެއް ބިލިއަން ޑޮލަރާއި އެގައުމަށް ބޭނުންވާ މުދާ ގަތުމަށް 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީއެއްގެ ގޮތުގައެވެ.
ލަންކާއަށް އެ ފައިސާ ދިނުމަށް ޗައިނާއިން ވިސްނަމުންދާ ކަމަށް، ޗައިނާއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިދިޔަ މަހު ވިދާޅުވި ނަމަވެސް އެ ފަައިސާ ދޭނެ ކަމުގެ ޔަގީންކަން ޗައިނާއިން އަދި ރަސްމީކޮށް ނުދެއެވެ.
ލަންކާގައި ތަކެތީގެ އަގު އުފުލި، ކަރަންޓުގެ ޚިދުމަތަށް ބުރޫ އަރާ، ކާބޯތަކެތި ލިބުން ދަތިވުމުގެ ސަބަބުން އެގައުމުގެ ރައްޔިތުން ދަނީ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވަމުންނެވެ. ނަމަވެސް އެގައުމުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އާއި ބޮޑުވަޒީރު މަހިންދަ އިސްތިއުފާ ދެއްވާނެ ކަމުގެ އިޝާރާތެއް އަދި ނުދެއްވައެވެ.