16 Apr 2022, 10:27
"ބްރަދަރ..." ޒިވިއަން ގޮވައިލީ އުނދަގުލުންނެވެ.
އެހާ ކުއްލިގޮތަކަށް ހަގީގަތް ހާމަކުރުމުގެ ވަގުތު ޖެހުމުން، ޒިވިއަންއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި، އައިޒަކް ކުއްލިއަކަށް ޒިވިއަންގެ ގައިގައި ބައްދައިލިއެވެ.
********
"އަހަރެމެން މިހެން ކިހާ ދުވަހަކު އުޅޭނީ؟..." އަސަރުން ފުރިގެންވީ ރާގަކަށް އައިޒަކް ސުވާލުކުރިއެވެ.
ޒިވިއަންއަށް ވާހަކައެއް ނުދެއްކުނެވެ. އެތައް ދުވަހަކު ބޭނުންވެފައި ހުރި ބޭބެގެ ލޯބި ލިބުމުން ހިތުގައި ޖެހިފައި ރުއިން ނޫން ކަމެއް ނުކުރެވުނެވެ. އައިޒަކްގެ ދެލޮލުން ކަރުނަ އައި ނަމަވެސް، އޭނާ ހިތްވަރު ކުރިއެވެ. ޒިވިއަންގެ ބުރަކަށީގައި މަޑުމަޑުން ޖަހާލަޖަހާލާ އޭނާ ހުއްޓެވެ. މާޒީ ހަނދާން ނައްތާލާފައި ކޮއްކޮ އާއިއެކީ މުޅީން އައު ދިރިއުޅުމެއް އުޅެން އޭނާ ހުރީ ތައްޔާރަށެވެ.
ކޮންމެ އިންސާނަކީވެސް ކުށް ކުރެވޭނެ މީހެކެވެ. އައިޒަކްގެ އާއިލާގައި ހަމައެކަނި ދިރިހުރި މީހަކީ ޒިވިއަންއެވެ. ވީއިރު، ގޮތުގައި ހިފަހައްޓައިގެން އަމިއްލަ ހިތަށް ތަދުކުރަން މުޅި އުމުރު ދުވަހު ހުންނަންވީ ކީއްކުރަން ހެއްޔެވެ؟ ހަމަ ޔަގީނުންވެސް އައިޒަކްމެންގެ މަންމަ ދުނިޔޭގައި ހުރިނަމަ، ޒިވިއަންއަށް މަޢާފުދޭނެތާ ކިތަންމެ ދުވަހެކެވެ. މަންމަގެ ދުނިޔޭގައި އައިޒަކަށް ދެއްކި ރިވެތި އާދައަކީވެސް މަޢާފުކުރުމުގެ ރިވެތި ސިފައެވެ. ވީއިރު، އިރަމް ބުނިހެން، މަޢާފުނުކޮށް ހުއްޓައި، އައިޒަކް ފަހުން ހިތާމަކުރަން ޖެހިދާނެ ދުވަހެއް އަތުވެދާނެއެވެ.
"ބްރަދަރ، ސޮރީ...." ޒިވިއަންއަށް ވާހަކަ ދެއްކުނީ އުނދަގުލުންނެވެ.
********
އައިޒަކްގެ ކެބިންގައި ދެކޮޅަށް ހިނގަހިނގައި ހުރި މާކިންގެ އަތުގައި ފައިލެއް އޮތެވެ. އޭނާގެ މޫނުން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. އޭނާގެ ކަޅުކަންގަދަ ދެބުމަ ކައިރިކޮށްލާފައިވާއިރު، ދޭތެރެއަކުން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލައެވެ. އައިޒަކާއި ގުޅޭތޯ މާކިން ހުއްޓާނުލައި މަސައްކަތް ކުރަމުން ދިޔައެވެ. އައިޒަކްގެ ފޯނު ނިވާލާފައި އޮތުމުން، މާކިންއަށް ގޮތް ހުސްވިއެވެ.
ފައިލު ގެންގޮސް އައިޒަކްގެ މޭޒުމަތީގައި ބާއްވާފައި މާކިން އެނބުރީ ކެބިންއިން ނުކުންނާށެވެ. ހަލުވި ފިޔަވަޅުތަކެއްގައި ކެބިންގެ ތެރެއަށް ވަދެގެން އައި ވިޝްކާ ލައިގަތީ، މާކިންގެ ގައިގައެވެ. ގަމީސް ރަނގަޅުކޮށްލުމަށްފަހު، މާކިން ވިޝްކާއަށް ބަލައިލަމުން ލޯ އަޅައިލިއެވެ. އެއާއި ޚިލާފަށް ވިޝްކާގެ މޫނުން ފެނުނީ ތަފާތު އަސަރެކެވެ. މާކިންގެ މަދަދަށް އެދޭ ފަދައަކުން އޭނާ އެ މޫނަށް ބަލަން ހުއްޓެވެ.
"ޒެކް ނެތް... ހޯދަން ބޭނުމިއްޔާ، މާދަމާ އާދޭ..." މާކިން ވާހަކަ ދެއްކީ ރުންކުރު ގޮތަކަށެވެ.
މާކިން ދާން ހިނގައިގަތުމުން ވިޝްކާ މާކިންގެ އަތުގައި ހިފެހެއްޓިއެވެ.
"ވަޓް؟..." މާކިން އަތް ފޮޅުވައިލިއެވެ.
"އަހަރެން މިއައީ މާކިން ހޯދަން..." ވިޝްކާ ޖެހިލުންވެފައި ހުރެ ބުންޏެވެ.
"ކީއްކުރަން އަހަރެން ހޯދަނީ؟..." މާކިންގެ އަޑުގައި ޝައުޤުވެރިކަމެއް ނެތެވެ.
"މާކިންގެ ހެލްޕެއް ބޭނުންވާތީ..." ދެވަނަ ވިސްނުމަކަށް ނުގޮސް، ވިޝްކާ ބުނެލިއެވެ.
"އަހަރެންގެ؟..." މޭގައި އަތް ޖައްސައިލަމުން މާކިން އަހައިލީ ޖެއްސުމުގެ ރާގަކަށް ހިނިގަނޑެއް ޖަހައިލަމުންނެވެ. "ކޮންމެސް އެހެން މީހަކު ހޯދާ... އޯކޭ..."
މާކިން އަނެއްކާވެސް ދާން ހިނގައިގަތެވެ. ކެބިންގެ ދޮރު ހުޅުވައިލަން އުޅުމުން، ވިޝްކާ ދޮރުގައި ލެނގިލައި، އެކަމަށް ހުރަސް އެޅިއެވެ.
"މާކިން... އައި އޭމް ސީރިއަސް..." އާދޭހުގެ ރާގަކަށް ވިޝްކާ ބުނެލިއެވެ.
"ވިޝްކާއަށް އެނގޭނެ އަހަންނަކީ ޒެކްއަށް ވަފާތެރި މީހެއްކަން..." ވިޝްކާގެ އަމަލުތަކުން މާކިންއަށް ނެގުނީ މުޅީން ގޯސް މާނައެކެވެ.
"އެހެންވެއޭ އަހަރެން މާކިންގެ ކައިރިއަށް މިއައީ..." ވިޝްކާ ބުނެލިއެވެ. "ޒެކްއަށް ދެރަގޮތެއްވާން އަހަރެންވެސް ބޭނުން ނުވާތީ..."
"ނޭނގުނު ތިބުނި އެއްޗެއް..." މާކިންގެ މޫނުން ޝައުޤުވެރިކަމެއް ނުފެނުނެވެ.
"ޒެކްއަށް ދެރައެއް ލިބޭތަން ބަލަން ރީތިކޮށް ހުންނާކަށް އަހަރެން ބޭނުމެއް ނޫނޭ މިބުނީ..." ވިޝްކާ ބުނެލިއެވެ.
މާކިން ވިސްނައިލިއެވެ. ދެ ފިކުރެއްގައި ހުރެފައި ވިޝްކާއަށް ފުރުސަތު ދޭން އޭނާ ނިންމިއެވެ. ދެމީހުން އެކުގައި އޮފީހުން ނުކުމެގެން ގޮސް، ޖެހިގެން ހުރި ކެފޭއަށް ވަނެވެ.
"އަހަންނަކަށް ނޭނގެ ވާހަކަ ފަށާނެ ކޮޅެއް... އެކަމަކު، މި ލިޔުންތައް ފެނުނީމަ ވާންއުޅޭގޮތް މާކިންއަށް ކޮންމެސް ވަރަކަށް އެނގޭނެ ކަންނޭނގެ..." ވިޝްކާ އޭނާގެ ދަބަހުން ނެގި ލިޔުންތައް މާކިންގެ ކައިރިއަށް ޖައްސައިލިއެވެ. "ތީ ޒިވިއަންގެ މެޑިކަލް ރިޕޯޓްތަކެއް..."
މާކިން ހައިރާންވެފައި އެއްފަހަރު ވިޝްކާއަށް އަނެއް ފަހަރު ލިޔުންތަކަށް ބަލައިލިއެވެ.
"ކިހިނެއް ވިޝްކާއަށް މި ލިޔުންތައް ލިބުނީ؟..." މާކިން ސުވާލުކުރިއެވެ.
މާކިންގެ މޫނުމަތީގެ އަސަރުތައް ހުރިގޮތުން، އެ ލިޔުންތައް އޭނާއަށް މާކުރިންވެސް ފެނިފައިވާކަން ވިޝްކާ ދެނެގަތެވެ. އެކަމަކު، އޭނާއަށް މުހިއްމީ އައިޒަކަށް ހަގީގަތް އެންގުމެވެ.
"ޒެކްއަށް މިކަން އެނގޭތަ؟..." ވިޝްކާ އަހައިލިއެވެ.
"އަހަރެން މިއެހީ ކިހިނެއްހޭ ވިޝްކާއަށް މި ލިޔުންތައް ލިބުނީ؟..." މާކިން ތަންކޮޅެއް ހަރުކަށި ރާގަކަށް ސުވާލުކުރިއެވެ.
އޭނާއަށް ވިޝްކާގެ ގޮތް އެނގެއެވެ. އެ ލިޔުންތައް ބޭނުންކޮށްގެން ވިޝްކާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އަމިއްލަ އުފަލެއް ހާސިލުކުރުމަށް އެހެން މީހެއްގެ ހިތް ކަތިލައިލަންވެސް އޭނާ ފަހެއް ނުޖެހޭނެއެވެ. އެއީ މާކިންއަށް ވިޝްކާ ދަސްވެފައިވާ ގޮތެވެ.
"ދޮންބެ ދިނީ..." ވިޝްކާ އިސްޖަހައިލިއެވެ.
މާކިން ފުންމައިގެން ތެދުވިއެވެ. ވިޝްކާ ދިޔައީ ސިއްސައިގެންނެވެ.
"އޯހް.... މިހާރު ދެމީހުންވެގެން ކޮން ކަމެއް ރާވާލީ؟..." މާކިން ނުރުހިފައި އަހައިލިއެވެ.
"މާކިން... އަހަރެން ބުނެފީމެއްނު..." ވިޝްކާއަށް ބުނެވުނީ އެހިސާބަށެވެ. މާކިން ވާހަކަ ދައްކަން ފެށިއެވެ.
"ބުނަން ވާހަކައެއް... ކަލޭމެން އެންމެންވެގެން ޒެކްއަށް ކުރާ ޖެއްސުން ހުއްޓާލަން އުޅޭ... މީ މަޖާކަމެއް ނޫނޭ... މީ މީހެއްގެ ދިރިއުޅުން... ވިސްނާލަބަލަ... މިކަހަލަ ކަމެއް ކަލޭމެންގެ ގާތް މީހަކަށް ދިމާވެއްޖެއްޔާ، ކަލޭމެން ތިގޮތަށް ލިޔުންތައް ހިފައިގެން އެކި މީހުންގެ ކައިރިއަށް ދާނަންތަ؟... ނާޒާއިޒު ފައިދާ ނަގަން މަސައްކަތް ކުރާނަންތަ؟..." މާކިން ހިތްހަމަނުޖެހުނު ވަރުން ތަނުގައި ތިބި އެހެން މީހުންނަށް ވިސްނައިލުމެއްނެތި ވާހަކަ ދައްކަމުން ދިޔައީ ނުހަނު ބާރަށެވެ.
"މާކިން... އެންމެން އެ ބަލަނީ..." ވިޝްކާ ތަންކޮޅެއް މަޑުން ބުނެލިއެވެ.
"މިހާރު ލަދުގަނޭތަ އެންމެން ބަލާތީ؟... ވިޝްކާ ފެށި ކަމެއް މީ... މިކަން ނިންމަންވެސް ޖެހޭނީ ވިޝްކާ..." މާކިން ދާން ހިނގައިގަތެވެ.
"މިކަމުގެ އަޑީގަ ހުރީ ކާކުކަން އަހަންނަށް އެނގޭ... ދޮންބެ އުޅެނީ ކޮންމެސް މީހަކާ ގުޅިގެން...." މާކިން ހުއްޓުވުމަށް ވިޝްކާ ބުނެލިއެވެ. "ދޮންބެގެ ފޯނުން އެމީހަކަށް ބައިވަރު ފޮޓޯވެސް ފޮނުވާފަ ހުރި... އަހަންނަށް އެނގޭ ދޮންބެއާ އެމީހާއާ ބައްދަލުކުރާ ތަނާ ގަޑިވެސް..."
ވިޝްކާ އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލީ މާކިން އެ ވާހަކަތައް އަޑު ނާހައި ހިނގައިދާނެތީ އެކަމުގެ ބިރަށެވެ. އޭނާ އުއްމީދުކުރި ފަދައިން މާކިން އެނބުރި ވިޝްކާގެ ކައިރިއަށް ދިޔައެވެ. ވިޝްކާއަށް ހަމަޖެހުމެއް ލިބުނީ ދެނެވެ.
"ކާކު؟..." މާކިން ސުވާލުކުރިއެވެ. "ކާކު އެއީ؟... ބުނޭ..."
********
މާލެ އާދެވުމާއިއެކު އެންމެން ލޯންޗުން ފައިބަން ފެށިއެވެ. އައިޒަކާއި ޒިވިއަން ފިޔަވައި އެހެން އެންމެން ފޭބިއެވެ. އައިޒަކް ފައިބާނެ އިރެއްގެ އިންތިޒާރުގައި އިރަމް މަޑުކޮށްލައިގެން ހުއްޓެވެ. ޒިވިއަންގެ ހަގީގަތް އެނގުނު ފަހުން، އައިޒަކްގެ މިޒާޖަށް އައިސްފައިވާ ބަދަލުން އިރަމްގެ ހިތަށް ތަދުވަނީއެވެ. އެހެން މީހުންގެ ކުރިމަތީގައި ހަމަޖެހިގެން ހުރިކަމަށް ދައްކަން މަސައްކަތް ކުރިޔަސް، އެތެރެއިން އައިޒަކްގެ ހިތް ފުނޑުފުނޑުވަމުންދާނެކަން އިރަމްއަށް އެނގެއެވެ. އައިޒަކްގެ ކައިރީގައި ހުންނަން ބޭނުންވި ނަމަވެސް، އެވަގުތަށް އައިޒަކް އެންމެ ބޭނުންވާނީ ޒިވިއަން އާއިއެކުގައި ވަގުތު ހޭދަކުރުންކަން އެނގޭތީ، ދުރުގައި ހުންނަން އިރަމްގެ ހިތް އެދުނީއެވެ.
"ހިނގާ ފައިބަން..." ޒިވިއަން އެދުނެވެ.
އަވި އައިނު ދަށުން ކަރުނަތައް ފޮހެލުމަށްފަހު އައިޒަކް ތެދުވިއެވެ. ޒިވިއަންގެ ގައިގައި ހިފަހައްޓާލައިގެން ލޯންޗުން ފައިބަން އޭނާ ދިޔައެވެ. ޒިވިއަންގެ ފޮށި ގެންގޮސް ކާރަށް އަރުވާފައި ޒިވިއަންގެ ކައިރީގައި ކާރަށް އެރުމަށް އޭނާ އެދުނެވެ. ޒިވިއަން އެއްވެސް ކަމެއް ކުރަންވެސް އައިޒަކް ބޭނުންނުވާ ކަހަލައެވެ. ދެކޮޅުހަދަން އުޅެފައިވެސް، އައިޒަކްގެ މޫނުމަތިން ފެނުނު ހިތާމައިގެ އަސަރުން، ޒިވިއަންއަށް އެކަން ކުރާކަށް ނުކެރުނެވެ.
ކާރު ދުއްވަން އައިޒަކް އިންއިރު، އިރަމް އާއި ޒިވިއަން ތިބީ ފަހަތު ޝީޓުގައެވެ. ތިން މީހުންގެ މެދުގައިވީ ހިމޭންކަމެވެ. އެކަކުވެސް ބުނާނެ އެއްޗެއް ނޭނގިފައި ތިބި ކަހަލައެވެ. އައިޒަކް ކާރު ހުއްޓައިލީ އޭނާ ކުރިން އުޅުނު ގޭގެ ކުރިމައްޗަށެވެ. ޒިވިއަންގެ ފޮށިތަކާއި އައިޒަކްގެ ފޮށިވެސް ބާލާފައި، ހުރިހާ ފޮށްޓެއް ގެއަށް ވައްދާ ހެދީވެސް އޭނާއެވެ. ޒިވިއަން އެއްޗެއްގައި ހިފަން އުޅުނަސް، އައިޒަކް އެކަމެއް މަނާކުރެއެވެ.
"ދެން ޒިވިއަން ހުންނާނީ މިގޭގަ..." އައިޒަކް އަމުރުކުރިއެވެ.
އައިޒަކް ޒިވިއަންއަށް ގޭގެ ތަންތައް ދައްކާ ނިމެންދެން އިރަމް ސޯފާގައި އިށީނދެލައިގެން އިނެވެ. ހަގީގަތް އެނގުނު ފަހުން، އައިޒަކް އިރަމް އާއި ދުރުވެއްޖެހެން އޭނާއަށް ހީވިއެވެ. އެއީ އިރަމް އައިޒަކަށް ހަގީގަތް ސިއްރުކުރީމައި ހެއްޔެވެ؟ ނޫނީ، އިރަމްއަށް ހީވާ ހީވުމެއް ހެއްޔެވެ؟ އަމިއްލަ ނަފުސަށް ވިސްނައިދިނުމުގައި އިރަމް ކާމިޔާބު ހޯދިއެވެ. އެވަރުގެ ހަގީގަތެއް އެނގުމުން، ކޮންމެ އިންސާނަކަށްވެސް ބަދަލުތަކެއް އަންނާނެއެވެ. އެއީ ހާލަތާއި ވަގުތާއިއެކީ ބަދަލުވާނެ ކަންކަމެވެ. އިރަމް ޖެހޭނީ ކެތްތެރިވާށެވެ.
"އަހަރެން އިންތިޒާރުކުރާނަން..." އިރަމް ހިތާއިހިތުން ބުނެލިއެވެ.
އިރަމް އުފާވީ، ޒިވިއަންގެ ހަގީގަތް އެނގުނު ނަމަވެސް، ހިތާމަތައް އެއްފަރާތްކޮށްފައި، ޒިވިއަންއަށް އަޅާލުމުގައި އައިޒަކް ނަމޫނާ ދެއްކީމައެވެ. ކޮންމެ މީހަކު އެހާ ހިތްވަރުގަދައެއް ނުވާނެއެވެ.
********
ރޭގަނޑުގެ ވަގުތެވެ. މާކިން އާއި ވިޝްކާ ތިބީ ރެސްޓޯރެންޓެއްގައެވެ. މޭޒުމަތީގައި ހޫނު ދެ ކޮފީތަށި ހުއްޓެވެ. ދެމީހުން އިންތިޒާރުކުރަމުން ދިޔައީ އިދާން އެތެރެއަށް ވަންނާނެ ވަގުތަކަށެވެ.
ގިނަ އިރުތަކެއްނުވެ، އިދާން އެތެރެއަށް ވަންތަން ފެނުނެވެ. ވިޝްކާއަށާއި މާކިންއަށް ދެމީހުންގެ މޫނަށް ބަލައިލެވުނީ އެކުއެކީގައެވެ. ރެސްޓޯރެންޓްގެ ވަށައިގެން އޭނާ އެކި ދިމަދިމާއަށް ނަޒަރު ހިންގައިލިއެވެ. ވިޝްކާ އާއި މާކިން ތިބީ، އިދާންއަށް ނުފެންނާނޭހެން ތަނބެއްގެ ނިވަލުގައި ހުރި މޭޒެއްގެ ކައިރީގައެވެ.
މާކިން ތެދުވަން އުޅުމުން ވިޝްކާ އެކަން މަނާކުރިއެވެ.
"އަހަންނަށް ކަމަކަށް ވައުދުވެދީ..." ވިޝްކާ އެދުނެވެ. "ދޮންބެ ކިތަންމެ ގޯހަސް، އަހަރެން ބޭނުމެއް ނޫން ދޮންބެއަށްވެސް ދެރަގޮތެއް ވާކަށް..."
މާކިން ބޯ ޖަހައިލިއެވެ. އިދާންގެ ފަހަތުން ވިޝްކާ އާއިއެކު އޭނާ ހިނގައިގަތެވެ. ދެމީހުން ސިހުނީ އިދާން ގޮސް ހުއްޓުނު މޭޒުގެ ކައިރީގައި އިށީނދެލައިގެން އިން މީހަކު ފެނުމުންނެވެ.
(ނުނިމޭ)