15 Apr 2022, 19:43
"ސަން ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ 14 ވަނަ ދުވަހު މި ގެނެސްދޭ ޑިޝްއަކީ ފުށްޖެހި ކަވާބެވެ. ރޯދަ ވީއްލާ ގަޑީގައި ސުފުރާމަތި ފަޅުފިލުވާލަން ކަވާބު ވަރަށް ރަނގަޅުވާނެއެވެ.
ބޭނުންވާނެ ތަކެތި (މަސްގަނޑަށް):
1 ދަޅު މަސް
- 1 ލުނބޯ
- 1 އިންޗީގެ އިނގުރުކޮޅެއް
- 1 ސައިސަމުސާ ރީނދޫ
- ހިކަނދިފަތެއް
- ގިތެޔޮމިރުސް
- 1 ފިޔާ
- 1 ކާށިކިބަ
- ރަހަލާވަރަށް ލޮނު
ބޭނުންވާނެ ތަކެތި (ފުށްގަނޑަށް):
ދޮޅު ޖޯޑު ފުށް
- 2 ޖޯޑު ފެން
- 1 ބިސް
- ރަހަލާވަރަށް ލޮނު
- ކުލަ ހިފާވަރަށް ރީނދޫ
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ފިޔާ، ލޮނު، ހިކަނދިފަތް އަދި މިރުސް އަޅައި މޮޑެލާނީއެވެ. އެއަށްފަހު އިނގުރާއި ރީނދޫ އަޅައި އެއްކޮށްލާނީއެވެ.
އެއަށްފަހު އަޅާނީ މަސްދަޅާއި ހުންޏެވެ. މީރުވާނީ މަހަށްވުރެ ހުނި މަދުވީމައެވެ.
މަސްގަނޑު ރަނގަޅަށް މޮޑެލެވުމުން، މަސްގަނޑުން ގުޅަ ހަދާނީއެވެ.
އެއަށްފަހު ފުށްގަނޑު ތައްޔާރު ކުރާނީއެވެ. ފުށްގަނޑު މޮޑުމަށްޓަކައި، ފުށާއި ފެނާއި ބިސް އަދި ރީނދޫ އަދި ލޮނު އަޅައި ރަނގަަޅަށް ފުށްގަނޑު އެއްކޮށްލާނީއެވެ. ފެނުގެ ބަދަލުގައި ކިރުވެސް އެޅިދާނެއެވެ.
ފުށްގަނޑާއި މަސްގަނޑު ތައްޔާރު ވުމުން، ފުށްގަނޑު ތެރެއަށް ގުޅަ ކޮޅު އެޅުމަށްފަހު، ތެލުލާނީއެވެ.
މިހާރު ހުންނާނީ ފުށްޖެހި ކަވާބު ތައްޔާރުކޮށް ނިމިފައެވެ.
ސަން ބަދިގެ 2022ގެ ޓައިޓްލް ސްޕޮންސާ: އެސްޓީއޯ
ލޮކޭޝަން ޕާޓްނާ: ށ. ފުނަދޫ ކައުންސިލް
ގްރެފިކްސް: ޢަލީ ޝާހިން
ވީޑިއޯ އަދި އެޑިޓިން: ޢަލީ ޝާމިން، މުޙައްމަދު ޝަފީއު
ޓްރެވަލް ޕާޓްނާ: ހޯޕް ޓްރެވަލްސް
ރެސިޕީ ތައްޔާރުކުރީ: ނާދިރާ ޙަސަން
'ސަން ބަދިގެ' ޑިޝްތައް ތައްޔާރު ކޮށްފައި ވަނީ ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހީތެރިކަމާއެކުގައެވެ.