19 Mar 2012, 16:47
ދެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
މިގޮތުން އައްޔަން ކުރެއްވި ދެބޭފުޅުންނަކީ، މިނިސްޓާ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާގެ ނައިބުގެ މަގާމަށް ގދ. ހޯނޑެއްދޫ ފިނިފެންމާގޭ ހުސައިން ސިރާރު އެވެ. އަދި މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ނައިބުގެ މަގާމަށް ހުޅުމާލެ 10213 އަބްދުލްލަތީފް މުހައްމަދެވެ.
މީގެއިތުރުން ރައީސް ވަހީދު ވަނީ ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކ. ކާށިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވުމަށްޓަކައި ރައީސް އޮފީހުގެ ސްޕެޝަލް ޓްރޭޑް ރެޕްރެޒެންޓެޓިވްގެ މަގާމުން އަބްދުﷲ ޖާބިރު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، އެމަނިކުފާނުގެ އިސްތިއުފާ، ގަބޫލުފުޅު ކުރައްވާފަ އެވެ.
އިސްތިއުފާ ގަބޫލުކުރައްވައި ޖާބިރަށް ރައީސް ފޮނުއްވި ސިޓީފުޅުގައި ވަނީ ރައީސް އޮފީހުގެ ސްޕެޝަލް ޓްރޭޑް ރެޕްރެޒެންޓެޓިވްގެ މަގާމުގައި ހުންނަވައިގެން، ޖާބިރު ކޮށްދެއްވާފައިވާ ހިދްމަތްތަކަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައިވެ އެވެ.