ރަމަޟާންމަހުގެ މިހާތަނަށް އެދެވޭ ގޮތުގައި ހޭދަ ނުކުރެވުނު މީހުންނަށް ވެސް ފަހު ދިހައަކީ ރަނުގެ ފުރުސަތެއްކަން ހަނދާން ކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުބާ، ރަމަޟާން މަހުގެ ފަހު ދިހައެއްގެ މާތްކަމަށް އަލިއަޅުވާލައިފިއެވެ.

މި ބަރަކާތްތެރި ވެގެންވާ ރަމަޟާން މަހުގެ ކޮންމެ ރެއަކުވެސް، މާތް ﷲ ގެ އަޅުތަކުންގެ ތެރެއިން ބަޔަކު ނަރަކައިން މިންޖު ކުރައްވާނެކަމަށް ރިވާވެގެންވާ ކަމަށް ޚުތުބާގައި ބުންޏެވެ.

އެހެންކަމުން، މި ބަރަކާތްތެރި ވެގެންވާ ރޭތަކާއި ދުވަސްތަކު، ސުވަރުގެ ހޯދުމަށް އެއްބަޔަކު އަނެއްބަޔަކާ ވާދަ ކުރުމަށް ޚުޠުބާގައި ގޮވާލިއެވެ.

"މި މައްސަރުގެ ޘަވާބާއި ދަރުމައަށް އެންމެ ދަހިވެތިވާންވީ ވަގުތު ކުރިއަށް އޮތީ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޅި އަހަރުގެ އެހެން ވަގުތުތަކުގައި، އަޅުކަމުގައި މަޝްޢޫލުވެ ވަޑައިނުގަންނަވާ މިންވަރަށް، ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި، އަޅުކަމާއިގެން މަޝްޢޫލުވެ ވަޑައިގަންނަވާ،" ޚުޠުބާގައި ބުންޏެވެ.

އެހެންކަމުން، އެބައެއްގެ ޞިއްޙަތާއި ހާލަތު ތަންދޭ އެންމެ މަތީ ދަރަޖަ އަކަށް، މި ދުވަސްތައް އަޅުކަމުގައި ހޭދަކުރުމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

މީގެ އިތުރުން ޚުޠުބާގައި ބުނީ، އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް، ރަމަޟާން މަހުގެ ފަހު 10 ގައި ލައްވާފައިވާ ކަމަށެވެ. އެއީ ލައިލަތުން ޤަދްރި ވިލޭރޭއެވެ.

"އެއްހާސް މަހަކީ ގާތްގަނޑަކަށް 83 އަހަރު. އަހަރެމެންގެ ތެރެއިން އެއްވެސް މީހަކު، 83 އަހަރު، ކޮންމެ ދުވަހަކު ހުރިހައި ވަގުތެއްގައި އަޅުކަމުގައި ހޭދަކުރެވޭނެތޯއެވެ؟ އަހަރެމެން 83 އަހަރު ދުނިޔޭގައި ދިރިއުޅުނު ކަމުގައި ވިޔަސް އެ މުއްދަތުގައި މަދު އިންސައްތައެއް މެނުވީ، އަހަރެމެންނަށް އަޅުކަމުގައި ހޭދައެއް ނުކުރެވޭނެ،" ޚުޠުބާގައި ބުންޏެވެ.

އެހެންކަމުން، ލައިލަތުލް ޤަދްރި ވިލޭރޭގެ މާތްކަން ލިބިގަތުމަށް ޚުޠުބާގައި ވަނީ ހަނދާން ކޮށްދީފައެވެ.

ޚުޠުބާގައި ބުނީ، ލައިލަތުން ޤަދްރި ވިލޭރޭ އަޅުކަމުގައި ދެމިތިބި ކޮންމެ ބަޔަކަށް ފާފަ ފުއްސެވުން އެދި މަލާއިކަތް ބޭކަލުން ދުޢާ ކުރައްވާނެ ކަމަށާއި، އެއީ ފަތިސް ވުމަށް ދާންދެން އަމާންކަން ލިބިގެންވާ ރެއެއް ކަމަށެވެ.

މުޅި ކާއިނާތުގައި ހިނގާނެ ހުރިހާ ކަމެއް ވަނީ ލަވްޙުލް މަޙްފޫޛްގައި ލިޔުއްވާފައި ކަމަށާއި، ނަމަވެސް ކުރިއަށް އޮތް އަހަރުގައި ހިންގާނެ ކަންކަން، ކޮންމެ އަހަރެއްގެ ލައިލަތުލް ޤަދްރި ވިލޭރޭ ކަނޑައަޅުއްވާނެ ކަމަށް ޚުޠުބާގައި ބުންޏެވެ.

ލައިލަތުލް ޤަދްރި ވިލޭރޭ، ﷲ އަށް މުނާޖާ ދަންނަވައި، ދުނިޔެއާއި އާޚިރަތުގެ ހެވަށް އެދުމަށް ޚުޠުބާގައި ހަނދާން ކޮށްދިނެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ހެޔޮ ޢަމަލު ކުރުން ގިނަކޮށް، ލައިލަތުލް ޤަދްރި ވިލޭރޭގެ ސަވާބު ލިބިގެންފި މީހަކަށް އެ ލިބުނީ، އެމީހެއްގެ ޙަޔާތުގައި ލިބޭނެ އެންމެ މަތިވެރި ހެޔޮ ނަސީބު ކަމަށް ޚުޠުބާގައި ބުންޏެވެ.

މާތް ﷲ އަށް އެއްކައުވަންތަ ކުރާ ހާލު، އެ އިލާހުގެ ޙަޟުރަތުގައި ސަވާބާއި ދަރުމައަށް އެދިގެން އަޅުކަން ކޮށްފި މީހާއަށް، އޭނާގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސަވާނެ ކަމުގެ އުފާވެރި ޚަބަރު، މާތް ނަބިއްޔާ ދެއްވާފައި ވާކަމަށް ޚުޠުބާގައި ބުންޏެވެ.