16 Apr 2022, 15:17
އޮރެންޖަކީ ހަމައެކަނި ކާލަން މީރު މޭވާއެއް ނޫނެވެ. މި މޭވާއަކީ އޭގެ ރަހައާއި އެއްވަރަށް ހަށިިގަނޑަށާއި ހަންގަނޑަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ.
މޫނުގައި ބިހި ނެގުމަށް މަގުފަހިކުރާ ބެކްޓީރިއާއަށް ކިޔާ ނަމަކީ ޕްރޮޕިއޮނިބެކްޓޭރިއަމް އެވެ. މި ބެކްޓީރިއާގެ ސަބަބުން މޫނު ދުޅަވެ، ރަތްވާގޮތްވެއެވެ.
ސިޓްރިކް އެސިޑް ގިިނަ އަދަދަކަށް އެކުލެވިގެންވާ އޮރެންޖަކީ އޭގެ ތޮށީގެ ބޭނުން ވެސް އެކި ގޮތްގޮތަށް ކުރެވޭ މޭވާއެކެވެ. އެގޮތުން އޮރެންޖުގެ ތޮށިިން މޫނު ރީތިކުރުމަށް ބޭނުންކުރާ ފޭސްމާސްކު ހަދައެވެ.
އޮރެންޖު ތޮށީގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވެއެވެ. އާންމު ގޮތެެއްގައި މޫނުގައި ބިހި ނަގަނީ ފްރީ ރެޑިކަލްތަކުގެ ސަބަބުންނެވެ. ވިޓަމިން ސީއަކީ މޫނުގައިވާ ފްރީ ރެޑިކަލްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފައިވާ މާއްދާއެކެވެ.
މޫނުގައިވާ ބިހިތައް ފިލުވުމުގެ އިތުރުން މޫނުގައިވާ ލަކުނުތައް ފިލުވުމަށްވެސް ވިޓަމިން ސީ އެހީތެރިވެދެއެވެ. މީގެ އިތުރުން ކޮލާޖަން އުފައްދާ މިންވަރު އިތުރުކޮށްދީ ހަންގަނޑު އޮމާންކޮށްދެއެވެ.
އޮރެންޖުން ފޭސް މާސްކް ތައްޔާރު ކުރާނެގޮތް:
އެންމެ ފުރަތަމަ ދޮންވެ ފައްކާވެފައިވާ ތާޒާ އޮރެންޖެއްގެ ދިޔަ ފެލާށެވެ. އެއަށްފަހު ތާފަނާ ފެންފޮދަކުން މޫނު ދޮވެލާށެވެ. ދެން އޮރެންޖުގެ ދިޔަ މޫނުގައިވާ ލަކުނުތަކުގައި އުނގުޅާލާށެވެ. ފަނަރަ މިނެޓަށްފަހު ފިނި ފެނުން މޫނު ދޮވެލާށެވެ. ހަފުތާއަކު ތިން ފަހަރު އޮރެންޖުގެ ދިޔަ ބޭނުންކުރުމުން މޫނު އަލިވެ، މޫނުގައިވާ ލަކުނުތައް ފިލާނެއެވެ.
ބާރުގަދަ ކެމިކަލްތައް އެކުލެވޭ ކްރީމްތައް އުނގުޅުމުގެ ބަދަލުގައި މޭވާ ފަދަ ގުދުރަތީ މާއްދާތައް މޫނުގައި ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.