19 Mar 2012, 16:35
މާލޭގައި ފަހަކަށް އައިސް ހިނގާ ކޮންމެ ސިޔާސީ ހަމަނުޖެހުމެއްގައި އެންމެ ފުރަތަމަ ހަމަލަދޭ އެއް ތަނަކަށް މިހާރު ވާނީ މީޑިއާގެ ކޮންމެވެސް އެއް ފަރާތަކަށެވެ. މިއަދުވެސްވީ އެހެނެވެ. ހަމަނުޖެހުންތައް މާލޭތެރޭ މިއަދު ވެސް ބޮޑުވި ވަގުތު އެމަންޒަރުތައް ދުރައްދަކަމުން ދަނިކޮށް ވީޓީވީ ދޮށަށް އެމްޑީޕީއަށް ސަޕޯޓުކުރާ ބަޔަކު އެއްވެ ޕޭމަންޓު ގަލުން ތަޅާ އެ ސްޓޭޝަންގެ ބޭރުގައި ޖަހާފައި ހުރި ބިއްލޫރިތައް ތަޅާލައި ވީޓީވީގެ ތެރޭ ހުރި ބައެއް އިކުއިޕްމަންޓްތަކާއި ކެމެރާތަކަށް ސުންނާފަތި ކުރުމުގެ ސަބަބުން އެ ޗެނަލްގެ ސިގުނަލް ވަނީ 30 މިނެޓަށް ކެނޑިގެން ގޮސްފަ އެވެ.
މިދިޔަމަހުގެ ހަވަނަ ދުވަހުގެ ރޭ ވެސް އެމްޑީޕީގެ ސަޕޯޓަރުން ނުކުމެ ވިލާ ޓީވީގެ ބިއްލޫރިތައް ތަޅާލައި އެތަނުގައި އަލިފާން ރޯކޮށްލާފައި ވަނިކޮށް ސިފައިންގެ ހިމާޔަތުގައި އޮތް ވީޓީވީ އަށް މިއަދު ހަމަލާދީ އެ ސްޓޭޝަން ސުންނާފަތި ކޮށްލާފައިވަނީ ޝީލްޑް އެޅި ސިފައިންގެ ފަސް މީހަކު ވީޓީވީ ދޮށުގައި ފޯރިމަރަމުން ދަނިކޮށެވެ. އަދި އެތަނުން އެއް ސިފައިންގެ މީހަކަށް އަނިޔާވެގެން ވީޓީވީ އެތެރެއަށް ވަތް މަންޒަރު ވެސް ވަނީ ފެނިފަ އެވެ.
ވީޓީވީގެ ސިގުނަލް މެދުކެނޑުމަށް ފަހު އަލުން ސިގުނަލް ދޫކުރުމަށް ފަހު އެތަނަށް ހަމަލާ ދޭ މަންޒަރުތައް ދައްކުވައިދޭ ވީޑިޔޯ ފުޓޭޖްތަކެއްވަނީ އާއްމުކޮށްފައެވެ. އެފުޓޭޖްތަކުން ފެންނަގޮތުގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު އެމްޑީޕީގެ ދިދަ ހިފައިގެން ތިބެ، ވީޓީވީ ވަށައިގެން ގާއުކައި ބިއްލޫރިތަށް ތަޅާ މަންޒަރު ފެނެ އެވެ.
ވީޓީވީއަށް ގާއުކައި ހަމަލާ ދިންއިރު ދިވެހި ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ އިންނެވީ ވީޓީވީގެ ސްޓޫޑިއޯގެ ތެރޭގައެވެ. އައްބާސް ވިދާޅުވީ ވީޓިވީގެ ބިއްލޫއްރިތައް ތަޅާލައި އެކި އެކިހަމަނުޖެހުން އުފައްދާ ފަރާތްތަކާއި މެދު ސަރުކާރުން ފިޔަވަޅު ނާޅައި ދޫނުކުރާނެ ކަމަށާއި އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ހިންގާފައިވަނީ ޓެރެރިޒަމްގެ އަމަލެއް ކަމަށެވެ.
"ތަންތަނުގައި ހުޅުޖަހާ ރޯކޮށް ތަންތަނަށް ހަމަލާދީ ހަދަމުން ދާއިރު އެފަދަ ފަރާތްތައް ހައްޔަރު ނުކޮށް ވަނީ ބިރަކުންނޫން މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ،" އައްބާސް ވިދާޅުވި އެވެ.
ވީޓިވީގެ ސިގުނަލް އަލުން އަނބުރާ އައުމުން އެ ސްޓޭޝަނުން ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި ވާހަކަ ދެއްކި ޕްރެޒެންޓަރު ޝިފްޒާ މުސްތޮފާ ބުނީ މުޒާހަރާގެ ބައިވެރިން ވީޓިވީ އާއި ދިމާކޮށްލައި އެތަން ސުންނާފަތިކޮށްލައި، ނޫސްވެރިން ނަފްސާނީ ގޮތުން ބޮޑުބިރުވެރި ކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކަމަށެވެ.
"މިތަން ވަނީ ސުންނާފަތިކޮށްލާފައި. މިތަނުގައި ބޭނުންކުރާ ސާމާނުތަކަށް ވެސް ބޮޑެތި ގެއްލުތަކެއް އެމީހުން ދީފި. މީގެކުރިން ވެސް ވަނީ މިތަނުގައި އަލިފާން ރޯކޮށްލާފައި،" ޝިފްޒާ ވިދާޅުވި އެވެ.
ވީޓީވީ އަށް ހަމަލަދިނުމުގެ އިތުރުން މުޒާހަރާގެ ބައެއް ބައިވެރިން ވަނީ އެމަންޒަރު ކަވަރު ކުރަމުންދިޔަ ބައެއް ނޫސްވެރިންގެ ކެމެރާތައް ވެސް ހަލާކުކޮށްލާ ނޫސްވެރިންނަށް ހުރަސް އަޅާފަ އެވެ.
ވީޓީވީ ދޮށަށް އެއްވި މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކޮށްފައިވަނީ ފުލުހުންނާއި ސިފައިންގެ ފައުޖެއް އެސަރަހައްދަށް ގޮސް ކަރުނަގޭސް ޖެހުމަށް ފަހު ގައެވެ.
ވީޓީވީ އަށް ހަމަލަދީ އެތަން މިއަދު "ފުނޑުފުނޑު" ކޮށްލިއިރު މީގެ ކުރިން ވެސް ބައެއް ޓީވީ ޗެނަލްތަކަށް މުޒާހަރާކުރާ ފަރާތްތަކުން ހަމަލަދީ ބިއްލޫރިތައް ތަޅާލައިފައި ވެއެވެ.