19 Mar 2012, 16:12
ފަނޑިޔާރުންނަށް ހަމަލާދިނުން ހުއްޓުވަން ސަލާމަތީ ބާރުތަކާއި ގާނޫނު އަސާސީން ހަވާލުކޮށްފައިވާ ޒިންމާ ފަސްޖެހުމެއް ނެތި އަދާކުރަން ސުޕްރީމް ކޯޓުން ގޮވާލައިފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނަނީ ފަނޑިޔާރުންނަށް ހަމަލާދީ ބިރު ދެއްކުމަކީ ފަނޑިޔާރުންގެ މިނިވަންކަމަށް ހުރަސްއެޅި ފަނޑިޔާރުންގެ ޒިންމާ އަދާ ކުރުމަށް ހީނަރުކަމެއް އަތުވެދާނެ ކަމެއްކަމަށް އެ ކޯޓަށް ފާހަގަކުރެވޭ ކަމަށެވެ.
އެހެންކަމުން ފަނޑިޔާރުންގެ ގާނޫނުން ފަނޑިޔާރުންނަށް ކަށަވަރުކޮށްދީފައިވާ ސަލާމަތާއި ރައްކާތެރިކަން އެ ބޭފުޅުންނަށް ފޯރުކޮށްދިނުމުގައި އެއްވެސް ފަސްޖެހުމެއް ނެތި އަދާކުރަމުން ގެންދިޔުމަށް ސަލާމަތީ ބާރުތަކަށް އެ ކޯޓުން ގޮވާލާކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވެއެވެ.
"ފަނޑިޔާރުންގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި ފަނޑިޔާރުންނަށް ކަށަވަރުކޮށްދީފައިވާ ސަލާމަތާއި ރައްކާތެރިކަން އެބޭފުޅުންނަށް ފޯރުކޮށްދިނުމުގައި ގައުމީ ސަލާމަތީ ބާރުތަކުން އަޅަންޖެހޭ ފިޔަވަޅުތައް ފަސްޖެހުމެއް ނެތި އަޅަމުން ގެންދިޔުމަށް ސްޕްރީމް ކޯޓުން ގޮވާލަމެވެ،" އެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން އަދުލު އިންސާފަކީ އެންމެންގެ ހައްގަކަށްވީ ހިނދު އިންސާފު ގާއިމް ކުރެވޭފަދަ ވެއްޓެއް ގާއިމްކޮށް، އެކަން ކަށަވަރުކޮށް ދިނުމަކީ ހުރިހާ ރައްޔިތުންގެ ޒިންމާއެއްކަމަށް އެ ކޯޓަށް ފާހަގަ ކުރެވޭތީ ފަނޑިޔާރުންނަށް އެ ބޭފުޅުންގެ ޒިންމާއާއި ވާޖިބު ރަނގަޅަށް އަދާކުރެވޭފަދަ މާހައުލެއް ގާއިމްކުރުމުގައި ހުރިހާ ރައްޔިތުން ވެސް އެއްބާރުލުން ދިނުމަށް ސުޕްރީމް ކޯޓުން ވަނީ ގޮވާލާފަ އެވެ.
ފަނޑިޔާރުންނަށް ހަމަލާދިނުމުގެ އިތުރުން ފެބުރުއަރީ އަށްވަނަ ދުވަހު ރާއްޖޭގެ ބައެއް ކޯޓުތަކުގައި ހުޅުޖަހައި އަންދާލައި، އެތަންތަނުގައިވާ ރައްޔިތުންގެ ހައްގުތަށް ހިމެނޭ ލިޔުންތައް ނައްތާލައި ހިންގި ޖަރީމާތަކަކީ ޝަރުއީ ނިޒާމަށް އެކަމުން ފޫނުބެއްދޭވަރުގެ ހީނަރުކަމެއް ގެނުވި ކަމެއް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވެއެވެ.
އަދި އެކަމަކީ ޖުޑީޝަރީގައި މަސައްކަތް ކުރާ ފަރާތައް ބިރުވެރިކަމުގެ ތެރެއަށް ވައްޓާލުމަށް ހިންގާފައިވާ ޖަރީމާއެއްކަމަށް ސުޕްރީމް ކޯޓުން ވަނީ ސިފަކޮށްފައެވެ.
"... މާރޗް 16 ވީ ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ކާރުކޮޅުގައި އިންނަވަނިކޮށް އެ ކާރުކޮޅަށް ދީފައިވާ ހަމަލާއާއި މާޗް އަށެއްގައި ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ލަތީފަށް ހަމަލާދީ މާރާމާރީ ހިންގާ ހަށިކޮޅަށް ގެއްލުންދީފައިވާ ހާދިސާއާއި،ޖެނުއަރީ 20 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި މަގުމަތިން ބަޔަކު މީހުން ދިމާކޮށް އެބޭފުޅާގެ ހުރުމަތާއި ރައްކާތެރިކަމަށް އަރައިގަނެ ހިންގި އަމަލާއި ފެބްރުއަރީ އަށްވަނަ ދުވަހު ރާއްޖޭގެ ބައެއް ޝަރުއީ ކޯޓުތަކަށް އަންދާލާ އެތަނުގައިވާ ރައްޔިތުންގެ ހައްގުތަށް ހިމެނޭ ލިޔުންތައް ނައްތާލާ، ބައެއް ކޯޓުތައް ބަންދުކޮށް ހިންގި ޖަރީމާތަކަކީ ޝަރުއީ ނިޒާމަށް އެކަމުން ފޫނުބެއްދޭވަރުގެ ހީނަރުކަމެއް ގެނެސް ޝަރުއީ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތައް ބިރުވެރިކަމުގެ ތެރެއަށް ވައްޓާލުމަށްޓަކައި ހިންގާފައިވާ ޖަރީމާއެއް ކަމުގައި ސުޕްރީމް ކޯޓުން ދެކެމެވެ،" ސުޕްރީމް ކޯޓުގެ ބަޔާނުގައި ވެއެވެ.