މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރާ އަހަރު ކަމަށްވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން އާދަޔާ ޚިލާފު ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް ވެސް މި އަހަރު ޚާއްސަ އިނާމު އެރުވިދާނެ ގޮތްތަކެއް ކަނޑައެޅުއްވުމަށް އިސްކަންދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންނެވިއެވެ.

ރައީސް މިކަމަށް އެދިވަޑައިގެންފައިވަނީ ޚާއްސަ އިނާމާބެހޭ ކޮމިޓީގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ ކޮމިޓީ އަލުން އެކުލަވައިލައްވައި، އެ މަނިކުފާނު އެ ކޮމިޓީއާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސް ދެއްކެވި ވާހަކަފުޅުގައި، މުއްދަތު ހަމަވެގެންދިޔަ ކޮމިޓީގެ މެންބަރުން ކޮށްދެއްވި އިޚްލާސްތެރި މަސައްކަތްޕުޅުތަކަށް ޓަކައި އެ ކޮމިޓީގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ޚާއްސަ އިނާމާބެހޭ ކޮމިޓީގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ޚާއްސަ އިނާމާބެހޭ ކޮމިޓީ އަލުން އެކުލަވައިލެއްވިއިރު، ކުރިން ކޮމިޓީގައި ހިމެނިވަޑައިގެންނެވި ފަސް ބޭފުޅަކު ކޮމިޓީގައި ވަނީ ހިމަނުއްވާފައެވެ.

ކޮމިޓީގެ ޗެއާޕާސަނަކަށް ހަމަޖެއްސެވީ، ޑޮކްޓަރު އިބްރާޙީމް ޒަކަރިއްޔާ މޫސާއެވެ. ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ޑޮކްޓަރު ޢަބްދުލްޢަޒީޒް ޔޫސުފާއި، ޑޮކްޓަރު އަޙްމަދު އަލިމަނިކާއި، ޢާއިޝަތު ޝާހީނާއި، މަރްޔަމް ޝިފްޒާނެވެ.

ކޮމިޓީއަށް އަލަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ، ޑޮކްޓަރު ޢަބްދުލްމުޙްސިން މުޙައްމަދާއި، އަލްއުސްތާޛާ ޢާއިޝަތު ސަމާޙެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ޚާއްސަ އިނާމު ދެއްވުމުގައި މިހާތަނަށް އަމަލުކުރައްވަމުން ގެންދެވި އުސޫލުތަކާ ބެހޭގޮތުން އިތުރަށް ކޮމިޓީގައި މަޝްވަރާ ކުރައްވައި، ގެންނަވަންޖެހޭ އިތުރު ބަދަލުތައް ގެންނެވުމަށް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޚާއްސަ އިނާމާބެހޭ ކޮމިޓީގެ ޗެއާޕާސަން ޑޮކްޓަރު އިބްރާޙީމް ޒަކަރިއްޔާ މޫސާ ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އިތުބާރާއި ޔަޤީންކަން އެގޮތުގައި ދަމަހައްޓަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ރައީސް ދެއްވި އިރުޝާދާ އެއްގޮތަށް މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ޚާއްސަ އިނާމާބެހޭ ކޮމިޓީގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ޚާއްސަ އިނާމަކީ، އިލްމާއި، ހުނަރާއި، އުފެއްދުންތެރިކަމުގެ ގޮތުން ހިތްވަރާއެކު ހޯދާ ކާމިޔާބީތަކަށް ޤައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ.

މި އިނާމު ދެއްވުމުގެ މަޤްސަދަކީ، ރާއްޖެއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހުނަރާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ހިތްވަރާއެކު އިލްމީ ގޮތުން މަތީ ވަނަތަކާއި ޝަރަފު ހާސިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލުކޮށް، އެފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރުދީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން މިސްރާބު ކުރުމުވެ.