ހުޅަނގު އައްސޭރި (14 އެޕްރީލް 2022) : އިސްރާއީލު ސިފައިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކަށް އަރައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށްލައިފިއެވެ.

މިއާއެކު ފަލަސްތީނު މީހުން މެރުމަށް އިސްރާއީލު ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވުމަށް ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިން ބައިނަލްއަގްވާމީ މުޖްތަމައަށް ވަނީ ގޮވާލާފައެވެ.

ފަލަސްތީނުގެ ސަރުކާރުން އިސްރާއީލުގެ މިޖަރީމާތައް ބައިނަލްއަގްވާމީ ފަރާތްތަކުގެ ސަމާލުކަމަށް ގެނަސްފައި މިވަނީ އިސްރާއީލުން ފާއިތުވި 24 ގަޑީއިރު ތެރޭގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމްކޮށްލުމުގެ އިތުރުން މަސްޖިދުލްއަގްސާގައި އިސްރާއީލު ގެ ހަރުކަށި ޔަހޫދީން ހިންގާ އެތަނުގެ ހުރުމަތް ކެނޑުގެ އަމަލުތަކާ ގުޅިގެންނެވެ.

ފަލަސްތީނުގެ ރިޔާސީ ތަރުޖަމާން ނަބީލު އަބޫ ރުދައިނާ ވިދާޅުވީ އިސްރާއީލު ސިފައިން މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ގޯނާކޮށް ހުޅަނގު އައްސޭރީގެ ސަރަހައްދު ތަކުގައި ހިންގާ މީހުން މެރުމުގެ ޖަރީމާތަކުގެ ސަބަބުން ފަލަސްތީނުގެ ޖަމާއަތްތަކާއި އިސްރާއީލާ ދެމެދު ބޮޑު ހަނގުރާމައެއް ފެށުމަކީ ވަރަށް ގާތްކަމެއް ކަމަށެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އިސްރާއީލުން ޝަހީދުކޮށްލި ފަސް މީހުންގެ ތެރޭގައި ފަލަސްތީނުގެ 14 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ ކުއްޖެއްގެ އިތުރުން ފަލަސްތީނުގެ ގާނޫނީ ވަކީލަކުވެސް ހިމެނެއެވެ. މި ފަސް މީހުން ވެސް ޝަހީދުކޮށްލާފައިވަނީ އިސްރާއީލު ސިފައިން އެ މީހުންގެ ބޮލަށާއި މެއަށް ބަޑިޖަހައިގެންނެވެ. މީގެއިތުރުން އިސްރާއީލުން ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ 20 މީހުންވެސް ވަނީ ޒަޚަމްކޮށްލާފައެވެ.

ހަރުކަށި ޔަހޫދީން އަގްސާގެ ހަރަމްފުޅުގެ ތެރޭގައި ބަކަރި ކަތިލަން ތައްޔާރުވަނީ

މި ރޯދަމަސް ފެށުނު ފަހުން އިސްރާއީލުވަނީ ހުޅަނގު އައްސޭރީގެ ޖެނީން ރެފިއުޖީ އަވަށަށް ދިން އުދުވާނީ ހަމަލާތަކެއްގައި ދެ ދުވަހެއްގެ މަތިން ފަލަސްތީނުގެ ހަ މީހުން ޝަހީދުކޮށްލާފައެވެ. މީ ހަ މީހުންގެ ތެރޭގައި ފަލަސްތީނުގެ ހަ ކުދިން ގެ މަންމައަކުވެސް ހިމެނެއެވެ.

ކުރިން ޝަހީދުކޮށްލި މި ހަ މީހުންނާއި ފާއިތުވި 24 ގަޑީއިރު ތެރޭގައި ޝަހީދުކޮށްލި ފަސް މީހުންނާއެކު އިސްރާއީލު ސިފައިންވަނީ މި ރޯދަމަސް އައިފަހުން ފަލަސްތީނުގެ 11 މީހުން ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި ދެ އަންހެނުންނާއި ފަސް ކުޑަކުދިން ހިމެނެއެވެ.

އަނެއްކޮޅުން އިސްރާއީލުގެ ހައްދު ފަހަނަޅާފައިވާ ހަރުކަށި ޔަހޫދީންވަނީ މާތްވެގެންވާ މަސްޖިދުލް އަގްސާގެ ހަރަމްފުޅުގެ ތެރެއަށްވަދެ ފަލަސްތީނު މީހުންގެ އަޅުކަމަށް ހުރަސްއެޅުމަށްޓަކައި ބަކަރި ކަތިލުމުގެ މަސައްކަތްތަކެއްވެސް ފަށާފައެވެ.

ބަކަރި ކަތިލަނީ ޔަހޫދީންގެ ދީނީ ކަމެއްގެ ތެރެއިންކަމަށް އިސްރާއީލުގެ ސިފައިން ބުނެއެވެ. މިކަން މަސްޖިދުލް އަގްސާގެ ހަރަމްފުޅުގެ ތެރޭގައި ކުރުމުގެ ފުރުސަތު ހަރުކަށި ޔަހޫދީންނަށް ދެނީ އިސްރާއީލުގެ ސިފައިންނާއި ފުލުހުންނެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ ޖަމާއަތްތަކުންވަނީ އަގްސާގެ ހަރަމްފުޅުގެ ތެރެއަށްވަދެ ބަކަރި ކަތިލުންފަދަ ކަންކަން ކުރުމުގެ ފުރުސަތު ހަރުކަށި ޔަހޫދީންނަށް ނުދޭނެކަމަށް ބުނެ އިސްރާއީލަށް އިންޒާރުކޮށްފައެވެ. މިކަންކުރާނަމަ އިސްރާއީލަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުން ވަނީ ދީފައެވެ.

މި އިންޒާރާއެކު އިސްރާއީލު ވަނީ އަގްސާގެ ހަރަމްފުޅުގެ ތެރޭގައި ހަރުކަށި ޔަހޫދީން ހިންގާ ބަކަރި ކަތިލުމުގެ ކަންތައް ހުއްޓުވާފައެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުން އަގްސާގައި އަޅުކަން ކުރުމަށް އިސްރާއީލުން އަޅަމުން ގެންދާ ހުރަސްތައް އަދިވެސް ނައްތާލާފައެއް ނުވެއެވެ. އަދި އިސްރާއީލު ހުޅަނގު އައްސޭރީގައި ކުރިޔަށްގެންދާ ފަލަސްތީނު މީހުން މެރުމުގެ އުދުވާންވެސް ހުއްޓާލާފައެއް ނުވެއެވެ.