14 Apr 2022, 15:27
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމާ ދެކޮޅަށް ނިކުންނައިރު، ސިޓީ އޮތީ އުނދަގޫ ހާލަތެއްގައި ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗަށް ފަހުއެވެ.
"މިއަދު އަހަރަމެން މި އުފާ ފާޅު ކުރަނީ ސިޓީގެ ތާރީޚުގައި ވެސް ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދިޔުމުން. އެކަމަކު ހަނދާން ނައްތާލައިގެން ނުވާނެ އަހަރަމެން ފާއިތުވި ތިން ދުވަހު ދަތުރުކޮށްފައި މި ތަނަށް މިއައިސް، މިހާރު އަނިޔާގެ ބައިވަރު މައްސަލަތައް އެބަހުރިކަން. އެހެންވީމާ ކުރިއަށް އޮތް ހަފްތާގައި ވާނެ ގޮތެއް ނޭންގޭ ބުނާކަށް،" ސިޓީގެ ކޯޗު ގާޑިއޯލާ ބުންޏެވެ.
މީގެ އިތުރުން ގާޑިއޯލާ ބުނެފައިވަނީ ސިޓީއަށް އަބަދު އެއް ލެވެލްއެއްގައި ނުކުޅެވޭނެ ކަމަށާއި، ސިޓީގައި ވެސް ތިބީ އިންސާނުން ކަމަށެވެ.
"އަހަރަމެންނަށް އަބަދު ހަތަރު ލަނޑު ނުވަތަ ފަސް ލަނޑެއް ނުޖެހޭނެ، އަހަރަމެންނަކި ވެސް އިންސާނުން. އަހަރަމެން އައި ލިވަޕޫލާއެކު އުނދަގޫ މެޗެއް ކުޅުމަށްފަހު. މިހާރު، އަހަރަމެން މި އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި،" ސިޓީއާއެކު މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލަށް ދިޔަ ގާޑިއޯލާ ބުންޏެވެ.
މުބާރާތުގެ ސެމީ ފައިނަލްގައި ސިޓީ ނިކުންނާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާ ދެކޮޅަށެވެ.