14 Apr 2022, 12:08
ލަންޑަން (14 އެޕްރީލް 2022): ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޓަކައި އިނގިރޭސިވިލާތުގައި ގައިދުރުކަން ބެހެއްޓުމާއި މީހުން ބޭރަށް ނުކުތުމާ އަދި އެއްތަނަކަށް އެއްވެއުޅުން މަނާކޮށްފައިވަނިކޮށް އެކަން ބޮލާލައި ޖެހުމަށްފަހު ގިނަ ބަޔަކު އެއްތަނަކަށް އެއްކޮށްގެން އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ޕާޓީކޮށް މަޖާކުރެއްވި މައްސަލަ ސާބިތުވެގެން ފުލުހުން އޭނާ ޖޫރިމަނާ ކޮށްފިއެވެ.
އިނގިރޭސި ފުލުހުން ބުނާގޮތުން މިކަން ތަހުގީގު ކުރުމުން އެނގުނީ ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފަށް ބޮޑުވަޒީރާއި އޭނާގެ ސަރުކާރުގެ ބައެއް އިސްވެރިން އަމަލު ކުރައްވާފައިވާ ކަމުގައެވެ. މިކުށުގެ އަދަބެއްގެ ގޮތުން ފުލުހުން ވަނީ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި އޭނާގެ އަނބިކަނބަލުން ކެރީ އަދި މާލީ ވަޒީރު ރިޝީ ސުނާކް ޖޫރިމަނާ ކޮށްފައެވެ.
ގަވައިދާ ޚިލާފަށް އުޅުއްވިކަން ސާބިތުވެ އެކަމާ ގުޅިގެން ޖޫރިމަނާ ވުމުން ލަދުވެތިވެފައިވާ ޖޯންސަން ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ގައިދުރުކަން ބެހެއްޓުމާއި މީހުން އެއްވެއުޅުން މަނާކޮށްފައިވިޔަސް ބަޔަކު އެއްތަނަކަށް އެއްކޮށްގެން ޕާޓީކޮށް މަޖާކޮށް އުޅުމަކީ މަނާކަމެއްކަން އެނގިވަޑައިގެންފައި ނުވާކަމުގައެވެ.
ނަމަވެސް މަގާމުގައި ދެމިހުންނެވޭނީ ޖޫރިމަނާގެ ފައިސާ ދައްކައިގެން ކަމަށްވާތީ އެކަން ކުރައްވާނެކަމަށް ޖޯންސަން ވިދާޅުވިއެވެ. މިމައްސަލާގައި އިނގިރޭސިވިލާތުގެ އާންމު ރައްޔިތުންވަނީ ޖޯންސަން ދެކެ ރުޅިއައިސް އޭނާގެ އިސްތިއުފާއަށް ގޮވާލާފައެވެ.
ސޯޝަލް މީޑިއާގައި އިނގިރޭސި ބައެއް އާންމުން ބުނެފައިވަނީ އިނގިރޭސިވިލާތުގައި މަނާކަންކަމާއި މަނާނޫންކަންކަން ނޭނގޭވަރުގެ ބޭފުޅަކު ބޮޑުވަޒީރުކަމުގައި ހުންނެވުމަކީ ގައުމަށް ލިބޭ ހުތުުރުކަމެއްގެ އިތުރުން ބޮޑު ޖޯކެއްކަމުގައެވެ.
އިނގިރޭސިވިލާތުގައި ކޮވިޑް ޖެހިގެން ލައްކައަކަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ޖޯންސަންއަކީ އެމީހުންގެ ފުރާނަތަކަށް އިހުތިރާމް ކުރައްވާ ބޭފުޅެއްނޫންކަމާއި ޖޯންސަން އަކީ އިންސާނީ އެއްވެސް އިހުސާސެއް ނެތް ބޭފުޅެއްކަން ޚުދު ޖޯންސަންގެ އަމަލުތަކުން އެނގުމަކީ ބޮޑުވަޒީރުކަމުގެ މަގާމަށް އޭނާ އަހުލުވެރި ނޫންކަމުގެ ހެއްކެއް ކަމަށްވެސް އާންމުންގެ އެތައްބަޔަކު ބުނެފައިވެއެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އިނގިރޭސި ރައްޔިތުން އެކަހެރިވެ ފުރަބަންދުގައި ގޭގައި ތިބެގެން ދަތިތަކާއި ނަފްސާނީ ވޭންތައް ތަހައްމަލް ކުރި ދުވަސްވަރު ގައުމުގެ ބޮޑުވަޒީރު އެއިން އެއްވެސް ކަމަކާ އަޅާނުލައްވައި އުފަލާއި ކުޅިމަޖަލުގައި މީހުން އެއްކޮށްގެން ވަގުތު ހޭދަކުރުމަކީ ދަށުފެންވަރުގެ ކަމެއްކަމަށް ބުނެ އިނގިރޭސި އާންމުންވަނީ ސޯޝަލް މީޑީއާގައި ޖޯންސަންއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މިމައްސަލައާ ގުޅިގެން ޖޯންސަންގެ މަގުބޫލުކަންވެސްވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ޚިޔާލުހޯދުމުގެ ސާވޭތައް ދައްކާގޮތުން މިމައްސަލާގައި ޖޯންސަން އިސްތިއުފާދެއްވަން ޖެހޭނެކަމަށް އިނގިރޭސި ރައްޔިތުންގެ ގާތްގަނޑަކަށް 57 ޕަސެންޓު މީހުން ދެކެއެވެ. އަދި ކޮވިޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާފައިވަނިކޮށް އެތައް ބަޔަކު އެއްކޮށްގެން ޕާޓީ ކުރުމަކީ ކުށެއްކަން ނޭންގޭކަމަށް ޖޯންސަން ވިދާޅުވުމަކީ ގަސްދުގައި އޭނާ ހެއްދެވި ބޮޑު ދޮގެއްކަމަށް އިނގިރޭސި ރައްޔިތުންގެ 75 ޕަސެންޓް މީހުން ދެކޭކަންވެސް ޚިޔާލުހޯދުމުގެ ސާވޭތަކުންވަނީ ހާމަވެފައެވެ.