މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރު ނިމޭއިރު ރާއްޖޭގެ ކަރަންޓް އެކައުންޓްގެ ދަރަނި 11 ޕަސެންޓް މަތިވެ ގައުމީ އުފެއްދުންތެރިކަން، ޖީޑީޕީގެ ނިސްބަތުން ކަރަންޓް އެކައުންޓްގެ ދަރަނި 28 ޕަސެންޓަށް އަރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުއްވައިދެއްވުމުގެ ގޮތުން މަޖިލީހަށް ރައީސް ވަހީދު އިއްވެވިރިޔާސީ ބަޔާނުގައި ރާއްޖޭގެ މާލީ އަދި އިގްތިސޯދީ ހާލަތަށް އަލިއަޅުވާލައްވަމުން ވިދާޅުވީ މިއަހަރު އެކަނިވެސް 3.086 ބިލިއަން ރުފިޔާއިން ރާއްޖެ ދަރަނިވެރި ވާއިރު މިދިޔަ އަހަރު 26 ޕަސެންޓްގައި ހުރި ކަރަންޓް އެކައުންޓުގެ ދަރަނި މި އަހަރު ނިމޭއިރު 28 ޕަސެންޓަށް އަރާނެ ކަމަށެވެ.

"މީގެ މައިގަނޑު ސަބަބަކީ، 2012 ވަނަ އަހަރު ރާއްޖެއަށް އިމްޕޯޓް ކުރެވޭނެ ކަމަށް ލަފާކުރެވޭ ނިސްބަތް އިތުރުވެ، މިކަމަށް ކުރެވޭ ހޭދަ ވެސް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވުން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސޯދުވަނީ ނުރައްކާތެރި ހާލަތެއްގައި ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދައުލަތަށް ލިބޭ އެއްޗަކަށް ވުރެ ހަރަދުތައް އެތައް ތަނަކުން ބޮޑުވެފައިވާ ކަމަށެވެ. ތަފާސް ހިސާބުތަކަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ މިދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ދައުލަތުގެ ޖުމްލަ ދަރަނި 9.9 ބިލިއަން ރުފިޔާއިން 13.3 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި 23.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

"ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު މިއަދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ޚަރަދުތައްވަނީ އެތައް ތަނަކުން މައްޗަށް ގޮސްފައި،" ރައީސް ވިދާޅުވި އެވެ.

އިގްތިސޯދީ މަސައްކަތަކުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި އިގްތިސޯދުގައި އެ ވިޔަފާރިވެރިންގެ ބައިވެރިވުން އިތުރު ކުރަން ޖެހިފައިވާ ކަމަށެވެ. ޖީޑީޕީގެ ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް އަދާކުރާ މަސްވެރިކަމަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ ދޮށީގެ މަސްވެރިކަމުގައި ބާނާ މަހަށް މިހާރަށްވުރެ ބޮޑު އަގެއް ހޯދައި ދިނުމަށް އެ މަސްވެރިކަމަށް "މެރިން ސްޓިވަޑްޝިޕް ކައުންސިލުގެ ސެޓްފިކެޓް" ހޯދައިދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ބޭރުގެ ބާޒާރުގައި، މަހުގެ އަގު ހުރި މިންވަރަށް ބަލައި، އެންމެ ރަނގަޅު އަގު، މަސްވެރިންނަށް ހޯދައިދިނުމަކީ، ސަރުކާރުގެ އެއް އަމާޒު،" ރައީސް ވިދާޅުވި އެވެ.

ދަނޑުވެރިކަމާ ގުޅޭގޮތުން ވިދާޅުވީ ދަނޑުވެރިކަން ތަރައްގީކުރުމަށް ބޭނުންވަނީ ތައުލީމާއި ތަޖުރިބާ އާއި ހުނަރު ދަނޑުވެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން ލ. ގަމުގައި ދަނޑުވެރިކަމުގެ ދިރާސާއާއި ތަމްރީނުކުރާނެ ހާއްސަ ސްކޫލެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ފަތުރުވެރިކަމަށް ދިމާވެފައިވާ ހާލަތުން އިންޑަސްޓްރީ ސަލާމަތް ކުރުމަށް ޓޫރިޒަމް އެޑްވައިޒަރީ ބޯޑެއް އުފެއްދުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ޓްރެވަލް އެޑްވައިޒަރީގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރުކޮސްފައިވާ ކަމަށާއި ނަމަވެސް އެ ހާލަތު ބަދަލުވަމުން އަންނަ ކަމަށެވެ.

"ބައެއް ޤައުމުތަކުން ޓްރެވަލް އެޑްވައިޒަރީ ނެރުމުގެ ސަބަބުން މިވޭތުވެދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޙާލަތު، ބޭރުގެ ފަރާތްތަކަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަށްޓަކައި ކުރި މަސައްކަތްތަކުގެ ސަބަބުން މިހާރު މި ސިނާޢަތަށް ހަމަޖެހުން ލިބެމުންދާކަން ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.

އަދި މިއަހަރުވެސް ރާއްޖެއަށް ލިބޭ ހިލޭ ލޯނުއެހީތަކާއި އެހެނިހެން ވެސް އެހީތަށް ހިފަހައްޓާނޭ ކަމުގެ ޔަގީންކަން ރައީސް ގައުމަށްދެއްވި އެވެ. އެކަމަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމަށް ވިދާޅުވި އެވެ.

މިއީ ފެބުރުއަރީ ހަތް ވަނަ ދުވަހު ރައީސްކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ރައީސް ވަހީދު ގައުމަށްދެއްވި ފުރަތަމަ ރިޔާސީ ބަޔާނެވެ. މިބަޔާން މަޖިލީހުގައި މިއަދު ދެއްވާފައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު އެމަނިކުފާނުގެ ކުރިފުޅުމަތިން ދެ ފޫޓެއްހާ ހިސާބުގައި ތިއްބަވައިގެން ކެނޑިނޭޅި ހޯބޯލަވަވަމުން ދަނިކޮށް ގިނަ ވަގުތުތަކުގައި ހިނިފުޅުވަޑުވައި އިންވައިގެން އަޑުހަރުކޮށެވެ.