ކީރިތި ޤުރުއާނުގައިވާ ތަފާތު މުޢުޖިޒާތްތަކުގެ ތެރެއިން އެއްކަމަކީ، އެ ޤުރުއާނުގައިވާ ބަޔާންކޮށްދެއްވުމުގެ މުޢުޖިޒާތެވެ. ޙުކުމްތަކާއި، ވަޢުޡާއި، ނަސޭހަތް ބާވައިލެއްވުމުގައި ލަފުޒުތައް ބޭނުންކުރައްވާފައިވާ ގޮތުގެ ފުރިހަމަކަމެވެ. ކީރިތި ޤުރުއާނާމެދު ފުންވިސްނުމަކުން ވިސްނައިފި މީހަކު އަޖައިބުވާހައި ފުރިހަމަކަން އެ ޤުރުއާނުން ފެންނާނެތެވެ. އަމިއްލައަށް ވިސްނުމުގެ ކުޅަދާނަކަން ނެތްނަމަ، އިލްމުވެރިން މި ރޮނގުގައި ކޮށްފައިވާ މަސައްކަތްތަކަށް ބެލުމުންވެސް، އެއިން މިންވަރެއް ދެނެގަނެވޭނެއެވެ. ރޯދަ މަހަކީ މިފަދަ ކަންކަމާމެދު ވިސްނައިލަން ލިބޭ ރަނގަޅު ފުރުސަތަކަށް ހަދަމާ ހިނގާށެވެ!

މާތްﷲ ވަޙީކުރައްވާފައި ވެއެވެ. قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ (ނޫރު: 30) މާނައީ: "މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް (އެބަހީ: ޖިންސީގުނަންތައް) ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!"

މި އާޔަތުގައި، ފަރުޖުތަކަށް ރައްކާތެރިވުމަށް އެންގެވުމުގެ ކުރިން، ބެލުންތައް ތިރިކުރުމަށް އަންގަވާފައިވުމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟ ޖަވާބަކާ ހަމައަށް ދިއުމުގެ ކުރިން އެއްކަމެއް ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. އާޔަތުގައި އެވަނީ ޙަރާމް ބެލުންތަކުން ރައްކާތެރިވާން ޖެހޭ ވާހަކައެވެ. އެއީ ޒިނޭ ކުރުން ނުވަތަ ބަދު އަޚުލާގީ އަމަލެއް ހިންގުމުގެ ނިޔަތުގައި ބަލާ ބެލުމެވެ. އެއްވެސް ހާލެއްގައި އާންމު އުސޫލުން އެކަކު އަނެކަކާ ދިމާލަށް ބަލައިލާ ބެލުމުގެ ވާހަކައެއްނޫނެވެ. ޒިނޭ ކުރުން ނުވަތަ ބަދު އަޚުލާގީ އަމަލެއް ހިންގުމުގެ ނިޔަތުގައި އެކަކު އަނެކަކަށް ބެލުމަކީ ޙަރާމް ކަމެކެވެ.

ކަމެއް ކުރުމުގެ އެންމެ ފުރަތަމަ މުޤައްދިމާއަކީ (އެބަހީ: އެކަމަކަށް ފަށައިގަތުމަށް ފުރަތަމަ ކުރާކަމަކީ) ބެލުމެވެ. އެހެންކަމުން، ކަމެއް ފެއްޓުމުގެ އެންމެ ފުރަތަމަ ފިޔަވަޅުކަމުގައިވާ "ބެލުމަށް" ރައްކާތެރިވުމަށް އެވަނީ އަންގަވާފައެވެ. އެކަން އެވަނީ މަނާކުރައްވާފައެވެ. އަދި ހަމަ އެއާ ވިދިގެން، ފަރުޖުތަކަށް ރައްކާތެރިވުމަށް އަންގަވާފައިވުމުން ދޭހަ ކޮށްދެނީ، ނުބައިކަމަކަށް މަގުފަހި ވެދާނެކަމެއް ކުރުންވެސް މަނާ ކުރައްވާފައިވާކަމެވެ. ކަމެއް މަނާވެފައިވުމުން، އެކަމަކަށް މަގުފަހިކޮށްދޭ ކަންތައްތަކާ ދުރުވެގެން ހުރުމަކީ، އެ މަނާކުރެވިފައިވާ ކަންތަކާ މީހާ ދުރުކޮށްދޭނެ ކަމެއްކަން ކަށަވަރެވެ.

މާތްﷲ ވަޙީކުރައްވާފައި ވެއެވެ. "مَّن يَشْفَعْ شَفَاعَةً حَسَنَةً يَكُن لَّهُ نَصِيبٌ مِّنْهَا وَمَن يَشْفَعْ شَفَاعَةً سَيِّئَةً يَكُن لَّهُ كِفْلٌ مِّنْهَا"(ނިސާ: 85) މާނަ: "ހެޔޮ ޝަފާޢަތަކުން ޝަފާޢަތްތެރިވާ މީހާޔަށް އޭގެ (ދަރުމައިން) ބައެއްވެއެވެ. އަދި، ނުބައި ޝަފާޢަތަކުން ޝަފާޢަތްތެރިވާ މީހާޔަށް އޭގެ (ފާފައިން) ބައެއްވެއެވެ." މިއާޔަތުގައި، ހެޔޮ ޝަފާޢަތާ އެކުގައި ބަޔާންކުރައްވާފައިވަނީ النَّصِيْب އެވެ. އަދި ނުބައި ޝަފާޢަތާ އެކުގައި ބޭނުންކުރައްވާފައިވަނީ الكِفْل އެވެ. ގިނަ ތަފުސީރު އިލްމުވެރިން ވިދާޅުވާގޮތުގައި މި ދެކަލިމައިގައިވެސް ވަނީ އެއްމާނައެކެވެ. އެއީ "ބައެއް" ނުވަތަ "މިންވަރެއް" މި މާނައެވެ. އެހެންނަމަވެސް الكِفْل ގިނައިން ބޭނުންކުރެވެނީ الشَّر އެބަހީ ނުބައި ކަންތަކާ ގުޅުވައިގެންނެވެ. ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި މި ދެ ކަލިމަ ބޭނުންކުރެވޭ ގޮތުން މާނައިގައި ތަފާތެއްވެއެވެ. އެގޮތުން النَّصِيْب ނަމަ އެ އޮންނަ "މިންވަރަށް" އިތުރުކޮށްދެއެވެ. އަދި الكِفْل އަކީ ހަމަ އެ އޮތް "މިންވަރަށް" އޮތުމެވެ. ﷲ ތަޢާލާ، ހެޔޮ ޝަފާޢަތާއެކު النَّصِيْب ބޭނުންކުރައްވާފައި އެވަނީ ހެޔޮކަމުގެ ޖަޒާ ދިހަ ގުނައަށް އިތުރުވެގެންދާ ކަމަށްޓަކައެވެ. އަދި ނުބައި ޝަފާޢަތާއެކު الكِفْل ބޭނުންކުރައްވާފައި އެވަނީ ނުބައިކަމުގެ ޖަޒާއަކީ ފަށްފަށްވެގެންދާ އެއްޗަކަށް ނުވާތީއެވެ. ނުބައިކަމަކަށް ކަނޑައަޅުއްވާނީ ނުބައި އެންމެ ޖަޒާއެކެވެ.

ވީމާ އާޔަތުން ލިބޭ ދޭހައިގެ މިސާލަކީ:

ތިބާ އެހެން މީހަކަށް ހެޔޮ ރަނގަޅު ކަމަކަށް ޝަފާޢަތްތެރިވިއެވެ. އެބަހީ: އެކަމަށް އޭނާއަށް މަގު ދެއްކިއެވެ. ނުވަތަ މަގު ފަހިކޮށްދިނެވެ. އަދި އޭނާ އެ ހެޔޮކަންތައް ކޮށްފިނަމަ އެކަމުން އޭނާއަށް ލިބޭ ސަވާބުން ބައެއް ތިބާއަށްވެސް ލިބޭ ހުއްޓެވެ. އަދި އެ ސަވާބުގެ މިންވަރު (ނަޞީބު) ދިހަ ގުނައަށް (އަދި މިއަށްވުރެވެސް އިތުރުވެގެންވާކަމަށް ދަލީލުތައް ވޭ) އިތުރުވެގެން ވެއެވެ. ހަމަ މިގޮތަށް، ތިބާ އެހެން މީހަކަށް ނުބައި ކަމަކަށް ޝަފާޢަތްތެރިވިއެވެ. އެބަހީ: އެކަމަށް އޭނާއަށް މަގު ދެއްކިއެވެ. ނުވަތަ މަގު ފަހިކޮށްދިނެވެ. އަދި އޭނާ އެ ނުބައި ކަންތައް ކޮށްފިނަމަ އެކަމުން އޭނާއަށް ލިބޭ ފާފައިން ބައެއް (ކިފްލު) ތިބާއަށްވެސް ލިބޭ ހުއްޓެވެ. އެހެންނަމަވެސް އެ ފާފަ ލިޔުއްވޭނީ އެންމެ ފާފައެއްގެ ގޮތުގައެވެ. އަންޢާމު ސޫރަތުގެ 160 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ސަވާބު ހުށްޓެވެ. އަދި ނުބައިކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެފަދަ ކަމެއްގެ ޖަޒާ މެނުވީ، އެމީހަކަށް ނުލިބޭހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ."