ސައުތު އެފްރިކާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ މޯލްޑިވިއަނުން ސައުތު އެފްރިކާއަށް ދެ ދަތުރުކޮށްފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ކުރަމުންދަނީ ދާއިމީގޮތެއްގައި ކުރާ ދަތުރުތަކެއް ނޫން ކަމަށާއި ދާއިމީގޮތެއްގައި ދަތުރުތައް ފެށުމާ ގުޅޭގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި މަސް ނިމުމުގެ ކުރިން އެގްރީމެންޓްގައި ސޮއިކުރެވޭނެ ކަމަށް،" ޖެނިފާ ވިދާޅުވިއެވެ.

ހުއްޓިފައިވާ ބައެއް އިންޓަނޭޝަނަލް ދަތުރުތައް އަލުން ފެށުމަށް ވެސް މޯލްޑިވިއަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމަށް އަލުން ދަތުރުތައް ފެށުމަށް ވެސް އެ އެއާލައިނުން އަންނަނީ ތައްޔާރުވަމުންނެވެ.

މީގެއިތުރުން މާލެއިން އިންޑިއާގެ ޗެންނާއީ އަށާއި ބަންގްލަދޭޝްގެ ޑާކާއަށް މި މަސް ތެރޭގައި ދަތުރުތައް ފެށުމަށް ވެސް އެ އެއާލައިނުން އަންނަނީ ތައްޔާރުވަމުންނެވެ.