ދެހާސް ހަތްސަތޭކަ މީހުންގެ ސޮޔާއެކު އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލްގެ މަސަައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުންދާ އާމިނަތު ދީދީ (އާމިން ދައްތަ) މިނިވަންކުރުމަށް ގޮވާލާ ޕެޓިޝަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފިއެވެ.

އާމިން ދައްތަ މިނިވަންކުރުމަށް ހިންގާ ހަރަކާތުގައި އިސްކޮށްއުޅޭ ޒުވާނަކު ބުނީ އެ ޕެޓިޝަން މިއަދު ފުލުހުންގެ އިދާރާ އާއި ޖެންޑާ މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ޕެޓިޝަނުގައި ސޮއިކުރި އެންމެންގެ އާދޭސް އަޑުއައްސަވައި ނުހައްގުން ޖަލުގައި އަނިޔާ ލިބެމުންދާ އާމިން ދައްތަ ވަގުތުން ވަގުތަށް މިނިވަންކުރުން،" އޭނާ ބުންޏެވެ.

ޝަރަފުއްދީން ސްކޫލްގެ އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އާމިން ދައްތަ ހައްޔަރަކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އޭގެފަހުން ކޮންމެ ރެއަކު އައްޑޫ ސިޓީ ހިތަދޫގައި އަންނަނީ މުޒާހަރާކުރަމުންނެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާއާ ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ ތަހުގީގުން ސުވާލުކުރުމުން އެ އަނިޔާދިނީ ކާފަކަމަށް އެ ކުއްޖާ ބުނެފައިވާ ކަމަށް އާމިން ދައްތަގެ އާއިލާއިން ވަނީ ބުނެފައެވެ. އެ ކުއްޖާގެ ކާފަ ހައްޔަރުކުރުމަށް ގޮވާލައި އެގެކައިރީ މުޒާހަރާ ކުރަން ފެށުމުން މިހާރު އައްޑޫން ފުރުވާލާފައިވާ ކަމަށް މުޒާހަރާތައް އިންތިޒާމްކުރާ މީހުން އަންނަނީ ބުނަމުންނެވެ.

އެ ކުއްޖާގެ ކާފައަށް ބޮޑު ތުހުމަތެއް ކުރިޔަސް ފުލުހުން އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ނުބުނެއެވެ.

މިކަމާ ގުޅިގެން ކުރިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ އިތުރުން، އިތުރު މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކިލިބިފައި ނުވާކަމަށެވެ.

"އަޅުގަނޑުމެން މި ހާމަކުރާ މައުލޫމާތުތައް ދޮގުކުރާކަށް ފުލުހުންނަކަށް ނުކެރޭނެ. ސަބަބަކީ މިއީ ދެތު މައުލޫމާތަށްވީމަ. އަޅުގަނޑުމެން އަޖައިބު އަންތަރީސްވޭ ޖިންސީ ގޯނާ ކުރީ ކާފަ ކަމަށް ކުއްޖާ ބުނާއިރު ކަމާ ނުބެހޭ މީހަކު ޖަލަށްލައިގެން ނުހައްގުން އަނިޔާދޭތީ،" މުޒާހަރާގައި އިސްކޮށް އުޅޭ ޒުވާނަކު ބުންޏެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއް މީގެކުރިން ބާއްވާފައިވެއެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ވިދާޅުވީ އާމިން ދައްތައަކީ ދުވަހަކު ވެސް އެފަދަ ކަމެއް ކުރާނެ މީހެއް ނޫން ކަމަށެވެ. އަދި މައްސަަ ނިމެންދެން އާމިން ދައްތަ ގޭބަންދަށް ބަދަލުކުރުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.

އެ ދުވަހުގެ ކޮމިޓީ ބައްދަލުވުމަށްފަހު ރައްޔިތުންގެ މަޖިލީހުން މި މައްސަލާގައި އެއްވެސް ކަމެއް ކުރިކަން އެނގޭކަށް ނެތެވެ.