ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ރޭ ރެފްރީއަކަށް ހުރި، ސިމޯން މާސިނިއަކްއާ މެދު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ހިތްހަމަ ނުޖެހިއްޖެއެވެ.

ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ރޭ ރެއާލްގެ ދަނޑުގައި ޗެލްސީ މޮޅުވި ނަމަވެސް، އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެން މުބާރާތުގެ ސެމީއަށް ދަތުރުކުރީ ރެއާލްއެވެ.

ރޭގެ މެޗުގައި ޗެލްސީން ތިން ލަނޑު ޖަހައި ލީޑު ނަގައި، އެގްރިގޭޓުން ކުރި ހޯދާފައިވަނިކޮށް، ރެއާލުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައި ނަތީޖާ އަނބުރާލައި ޗެލްސީ ކަޓުވާލާފައެވެ.

މެޗަށްފަހު ޓުޗެލް ބުނީ ރެފްރީގެ ފަރާތުން ފެނުނު އަމަލުތަކަކީ ބަަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރެފްރީ ހުރީ ރެއާލްގެ ކޯޗާއެކު ހީ ސަމާސާ ކުރަން ކަމަށެވެ.

"އަހަރެން ރެފްރީއަށް ޝުކުރު އަދާ ކުރަން ދިޔައިރު، އޭނާ ހުރީ އިދިކޮޅު ޓީމުގެ ކޯޗާއެކު ހީ ސަމާސަ ކުރަން،" ޓުޗެލް ބުންޏެވެ.

އޭނާ ބުނެފައިވަނީ އެއީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. އަދި އެގޮތަށް ރެފްރީއަކު އިދިކޮޅު ޓީމުގެ މީހަކާއެކު ހީ ސަމާސާ ކުރަން ހުރުމަކީ ހުތުރު ކަމެއް ކަމަަށް ވެސް ޓުޗެލް ބުންޏެވެ.

މީގެ އިތުރުން މެޗުގައި މާކޮސް އެލޮންސޯ ޖެހި ގޯލް ބަލައިނުގަތުމަށް ވީއޭއާރުން ނިންމުމުން ވެސް ޓުޗެލް ހުރީ އެކަމާ ހިތްހަމަ ނުޖެހިފައެވެ.

"އަހަރެން ނުދެކެން ގޯލް ޖެހި ތަނެއް. އެކަމަކު، ރެފްރީ އަމިއްލައަށް އައިސް ވީއޭއާރު ނުބެލީމާ އަހަރެން މި ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި،" ޗެލްސީއާއެކު އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓުޗެލް ބުންޏެވެ.

ޓުޗެލް ވަނީ މެޗުގައި ޗެލްސީގެ ކުޅުންތެރިންގެ ފަރާތުން ފެނުނު މޮޅު ކުޅުމަށް ވެސް ތައުރީފުކޮށްފައެވެ. އަދި ޗެލްސީގެ ހުރިހާ ކުޅުންތެރިންނާ މެދު ވެސް އޭނާ ފަހުރުވެރިވާ ކަމަށް ޓުޗެލް ބުންޏެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ރެއާލް ބައްދަލުކުރާނީ މިރޭ މެންޗެސްޓާ ސިޓީއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއެެވެ.