އެފްއޭއެމް ވެޓަރަންސް ލީގުގައި އިއްޔެ ހަވީރު ކުލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ތާވަލްގެ ދެ ވަނަ މަގާމަށް ޖެހިލައިފިއެވެ.

ޓާފް އެެއް ނަންބަރު ދަނޑުގައި ކުޅުނު މި މެޗު ދަ ގްރާންޑޭން ކާމިޔާބުކޮށްފައިވަނީ 4-0ގެ ނަތީޖާއަކުންނެވެ.

މިއަަދުގެ މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ދަ ގްރާންޑޭން ލީޑު ނަގާފައިވަނީ ޙަސަން ޝަރީފް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުނީ 1-0އިން ދަ ގްރާންޑޭ ކުރީގައި އޮވެގެންނެވެ.

ދަ ގްރާންޑޭގެ ފަހު ތިން ލަނޑު އެ ޓީމުން ޖަހާފައިވަނީ މެޗުގެ ދެ ވަނަ ހާފުގައެވެ. ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ޒައީމެވެ. ތިން ވަނަ ލަނޑު ޢަބްދުލް ހަފީޒް ކާމިޔާބުކޮށްދިންއިރު، ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ޝަކީބެވެ.

މެޗުން މޮޅުވެ ދަ ގްރާންޑޭން ދެ ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓު ހޯދައިގެންނެވެ. އެއް ވަނައިގައި އޮތް ހުޅުމާޅެ ވެޓަރަންސް ކުލަބަށް ވެސް ލިބެނީ ނުވަ ޕޮއިންޓެވެ. އެ ޓީމަށް ކުރި ލިބެނީ ފައިދާ ތިން ގޯލުންނެވެ. ތިން ވަނައިގައި އޮތް މޯލްޑިވްސް ސޮކަ މޭޓްސްއަށް ލިބެނީ ދެ މެޗުން ހަ ޕޮއިންޓެވެ.

މި މުބާރާާތަކީ ކުރީގެ ކުޅުންތެރިންނަށް ޚާއްޞަކޮށްގެން ރަމަޟާން މަހު ކުރިއަށް ގެންދާ މުބާރާތެކެވެ. މި ފަހަރުގެ މުބާރާތް މި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. މި އަހަރުގެ މުބާރާތް އިންތިޒާމް ކުރަނީ އެފްއޭއެމާ ގުޅިގެން ކްލަބް އިވެންޓްސްގެ ފަރާތުންނެވެ.

މުބާރާތް ރޭވިފައިވަނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދަަތުރުކުރާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.