19 Mar 2012, 15:37
ގާނޫނު އަސާސީ މުގުރާލުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދައުލަތުން ނުދޭނެ ކަމަށާއި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކިބައިން މިއަދު ފެނުނީ ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ ހިތްވަރު ކަމަށް ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ދިޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އާޒިމާ ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތައް ނަގެހެއްޓުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް ދައުލަތުން ކުރާނެ ކަމަށާއި ގާނޫނޫގެ ވެރިކަން ދަމަހައްޓަން ރައީސް ކުރައްވާ މަސައްކަތްޕުޅު ރައީސުލް ޖުމްހޫރިއްޔާ ޑރ، މުހައްމަދު ވަހީދުގެ ކިބައިން ރައްޔިތުން ނަށް މިއަދު ފެނިވަޑައިގެންފި ކަމަށެވެ.
"ހިތްވަރު ގަދަ ކަމާ ކެތްތެރި ކަމުގެ ނަމޫނާ މިސާލެއް [ރައީސް ވަހީދު] އެ ދެއްކެވީ. ރައްޔިތުންތެ ކުރިމަތީގައި ހުރިހާ ކަމެއް ފެނިގެން އެދިޔައީ،" އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވި ފުލުހުންނާއި ސިފައިންގެ ކިބައިން އަނިޔާވެރިކަމެއް ނުފެނި ކެތްތެރިކަމާއި އެކު އެކިކަންކަމުގައި އުލުއްވާތަން ދިވެހި ރައްޔިތުންގެ ލޮލުގެ ކުރިމަތިން ފެނިގެން ގޮސްފައިވާ ކަމަށާއި ސަރުކާރުން ދައްކާ މަޑުމައިތިރި ސިޔާސަތަކީ އެއްގޮތަކަށްވެސް ސަރުކާރުގެ ބަލިކަށިކަން ނޫންކަމަށާއި އެއީ ސިޔާސީ ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.
"އަޅުގަނޑުމެންގެ މަޑުމައިތިރި ކަމަކީ އަލުގަނޑުމެންގެ ބަލިކަށި ކަމެއްނޫން. އަޅުގަނޑުމެންގެ މަޑުމައިތިރިކަމަކީ އަޅުގަނޑުމެން ސިޔާސީ ހައްލު ހޯދުމަށްޓަކައި މިހާހިސާބަށް ކުރި މަސައްކަތް،" އާޒިމާ ވިދާޅުވިއެވެ.
ރައީސް ޑރ ވަހީދު މިއަދު ދެއްވި ރިޔާސީ ބަޔާނަށް އަލިއަޅުވާލައި އާޒިމާ ވިދާޅުވީ ގައުމުގެ ހާލަތަށް ބަލައި މުހިންމު ސިޔާސަތުތަކެއް ހާމަކުރެއްވި ކަމަށާއި އެގޮތުން ތައުލީމާއި ސިއްހަތާއި އަދި އިންތިހާބާއި ގުޅޭ ވާހަކަތައް ވެސް ރައީސް ގެ ހިތާބުގައި އަލިއަޅުވާލެއްވިކަމަށާއި އެ ރިޔާސީ ބަޔާނަކީ ދިވެހި ރައްޔިތުން ބަލައިގަންނަ ރިޔާސީ ބަޔާނަކަށް ވާނެ ކަމަށެވެ.
އާޒިމާ ވިދާޅުވީ ސިޔާސީ ގޮތުން ގައުމަށް ދިމާވެފައިވާ ހަލަބޮލިކަން ހައްލުކުރެވޭނީ ސިޔާސީ ޕާޓީތައް ވާހަކަދައްކައިގެން ގައުމުގެ މަސްލަހަތު އިސްކޮށްގެން ކަމަށާއި ނަމަވެސް މިއަދު އެމްޑީޕިގެ ހަރަކާތްތަކުން ދޭހަކޮށްދެނީ ގައުމުގެ މަސްލަހަތަށް އިސްކަން ނުދެއްވައި އެމީހުން ގެ ވިސްނުން ހުރިގޮތަށް ކަންކަންކުރަމުން ގެންދާތީ ކަމަށެވެ.
"ގާނޫނީ ގޮތުން އިންތިހާބެއް ބާއްވަން ޖެހޭ އެއްވެސް ސަބަބެއްނެތް. ގާނޫނު އަސާސީގައި ބުނާގޮތުން އިންތިހާބެއް ބާއްވަން ޖެހޭ އެއްވެސް ހާލަތަކަށް ނާދޭ. އެހެންނަމަވެސް ސިޔާސީ ގޮތުން ހައްލެއް ހޯދުމަށް ސަރުކާރުން ބޭނުންވާތީ އެކަމަށް ފުރުސަތު މިދެނީ މިފުރުސަތަށް ހުރަސްއަޅަނީވެސް ހައްލުނުގެނެވެނީ ވެސް ގައުމުގެ ހަމަޖެހުން ނުގެނެވިގެން މިއުޅެވޭނީވެސް ހަމަ އެމްޑީޕިގެ ވިސްނުންހުރި ގޮތުން އެމްޑީޕީކަންތައް ކުރާގޮތުން،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ގައުމުގައި ހަމަނުޖެހުން އުފައްދައި މީހުންގެ މުދަލަށް ގެއްލުންދީ މުދާ އަންދައިގެން އެބޭނުންވާ ކަންކަން ހާސިލްނުކުރެވޭނެކަން މިއަދުވެސް އެގިހާމަވެގެން ދިޔަކަމަށެވެ.
ރައީސް ވަހީދު މިއަދު ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވިޔަ ނުދިނުމަށް އެމްޑީޕީން ކުރި މުޒާހަރާގައި ފުލުހުންނާއި ސިފައިންނައި އަދި ދައުލަތާއި އަމިއްލަ ބައެއް ފަރާތްތަކުގެ މުދަލަށް ގެއްލުން ދީ ވަނީ ހަމަޖެހުން ހިންގަފައެވެ.