18 Apr 2022, 10:09
"ދެމިގެންވާ ރަގަޅު އަމަލުތައް ފަދައިން ދެމިގެންވާ ފާފަތައް ވެއެވެ. ސޯޝަލް މީޑިއާއަށް ލާފައިވާ ފޮޓޯތަކާއި ލަވަތައް އަދި ވީޑިއޯތައްވެސް ނަގާ ރަމަޟާން މަހު ރަގަޅު ތައުބާއަކުން ތައުބާވެ ފާފަ ފުއްސެވުމަށް އެދުމަށް އަދިވެސް ތިބާއަށް ވަގުތު އޮވެދާނެއެވެ."
***
"ދަރިފުޅާ.."ޒެފްރީނާ ދޮރު ލައްޕާލައިފިއެވެ.
"ޔެސް މަންމާ..." މިގަޑީގައި މަންމަ އައުމުން ހިތުގައި ސުވާލު އުފެދިގަތްއިރު މަންމަގެ ރަތްވެފައިވާ ދެލޮލުން އެހިތުގެ އިހުސާސްތައް ކިޔާދީފިއެވެ.
"މިވާހަކަ ފަށާނީ ކިހާ ހިސާބަކުން ކަމެއްވެސް ނޭގޭ...." ޒެފްރީނާގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. އަސްލަން މަންމަ ގަޔާއި ކައިރިކޮށްގެން ގެނެސް އެނދުގައި ބޭންދިއެވެ. ވަރަށް އޯގާތެރިކަމާއެކު މަންމަގެ ލޮލުގައިވާ ކަރުނަތިކި ފޮހެލަދިނެވެ. އިތުރު އެއްޗެއް ނުބުނެވުނީސް ހުއްދަހޯދުމެއް ނެތި ދޮރު ހުޅުވާލާފައި އެތެރެއަށް ދެމިގަތީ ޚައިރާއެވެ. ނިދަން ތައްޔާރުވެ ކެހެރި ފިޔާތޮށި ޕިޖާމާއެއް ލާފައި ހުރިއިރު އޭނަގެ މޫނަށްވެސް އެކުލަ އަރާފައިވިއެވެ. އޭނަގެ ނިދުމުގެ ބައިވެރިޔާ "ޓެޑީބެއާ" އުރާލައިގެން ހުރިއިރު އިސްތަށިގަނޑުވެސް އޮތީ ދޫކޮށްލާފައެވެ. އަސްލަން އޭނަ ދިޔުމަށް އަތުން އިޝާރާތްކޮށްލުމުން ބޯ ހޫރައިލިއެވެ.
"މަންމަ ބުނެގެން މިއައީ..."
"ދަރިފުޅު މިތާ އިށީދެބަލަ.." ޒެފްރީނާ އޭނަގެ ގާތުގައި އެނދުގައި އަތް ޖައްސައިލިއެވެ.
"މިތާ އިށީދެލަންތަ މަންމާ.." ކަންބޮޑު ހުނުމަކަށްފަހު ކުޑަދޮރު ކައުޗް ޓިޝޫއަކުން ސާފުކޮށްލުމަށްފަހު ޚައިރާ އިށީނެވެ." މަންމަ ރޮނީ ކީއްވެތަ؟ ސަމްތިން ބޭޑް ހެޕެންޑްތަ؟ ބައްޕަވެސް ފޯނު ނުނަގާ. އައި ކޯލްޑް ހިމް......"
"ބައްޕަ ވިޔަފާރި ދަތުރެއްގައި ބިޒީވާނެއްނު..." ޒެފްރީނާގެ ލޮލުގައި ތާޒާ ކަރުނަ ގިނަވިއެވެ.
"އެންމެންވެސް އެބަޔެއްގެ ކަންތައްތަކުގައި އަވަދިނެތި ކަން ނޭގޭ އުޅެނީ."ޒެފްރީނާގެ ކަރުނަތަކުން ކުޑަކޮށް އުދަގޫވި ނަމަވެސް މަންމައާއި އޭނަގެ އޮތް ގުޅުން އެހާ ކައިރިއެއް ނޫނެވެ. ސަބަބަކީ މަންމަ ދުވަހަކުވެސް އެކުދިންނަށްޓަކާ ގާތުގައި ނެތުމެވެ. އަވަދިނެތި " ކެރިއާ" ބިނާކުރަން މަންމަ މަސައްކަތްކުރުމުން އެ ގުޅުމުގައި ނުފެންނަ ފާރެއް ލެވިފައިވިއެވެ. ނަމަވެސް މަންމަގެ އެ ހިތާމައިގާ އޭނަގެ ހިތް ބައިވެރިވިއެވެ." ސޯ މަންމާ. ވަޓް ހެޕެންޑް. ކީއްވެ މަންމަ މިގަޑީގައި މި ރޫމަށް އަންނަން ބުނީ؟ ދެރަވާ ޚަބަރެއް އަހާނެ މޫޑެއް ނެތް. އައި ފީލް ސަމްތިން ބޭޑް އިޒް ހެޕެނިން..."
"މަންމަ މިއުޅެނީ ރާއްޖެދާން.."
އެ ޚަބަރުން އުފާކުރަންވީ ކަމެއް ރޯންވީކަމެއް ނޭގުނަސް އެ ޖުމްލައިގެ ފަހަތުގައި އޮތް ސަބަބު ދެނެގަންނަން ސުވާލުގެ ބެލުކަމުން ބަލަން އިނދެވުނެވެ.
"ޕޭރެންޓުން ދޫކޮށްލާފައި މިކޮޅަށް އައިގޮތަށް ޒަމާންވެއްޖެ. އެމީހުން ވަކިވެގެންދާނީ ކޮންއިރަކުކަމެއް ނޭގޭ. އޭގެ ކުރިން ބައްދަލުކޮށް މާފަށް އެދެން ބޭނުން. އެކަމަކު އެ މަސައްކަތް އެހާ ފަސޭހަ ނުވެ ހިނގައިދާނެ. އެކޮޅުގައި މަޑުކުރަން ޖެހޭނީ ކިހާ ދުވަހަކުކަމެއް ނޭގޭ. މަންމަ ދީނާއި އާއިލާވެސް ދޫކޮށްފައި މިކޮޅަށް ބަދަލުވީ. މިހާރު މަންމަ ބޭނުން ދީން އުނގެނި މައިންބަފައިންނަށް ޚިދުމަތް ކޮށްދޭން........"
"ކީކޭ؟" އަސްލަންއާއި ޚައިރާއަށް އެއްފަހަރާ ކިޔާލެވުނެވެ.
"މަންމަ އެލީސާގެ މަތިން ހަނދާން ނެތުނީތަ؟ މުސްލިމުންނަށް މާފުކޮށް އެ ދީނަށް ވަންނަން އުޅޭއިރު މަންމަ އެ ދުވަސް.....ހައު ކުޑް ޔޫ..." ޚައިރާގެ ލޮލުން ރުޅިވެރިކަމުގެ ކަންޏެއް ފައުޅުވިއެވެ.
" އެންމެން އެއް ތަރާދަކުން ކިރާކަށް ނުޖެހޭނެ ދަރިފުޅު. މުސްލިމުންގެ ތެރޭގައިވެސް އެކި ވައްތަރުގެ މީހުން އުޅޭ. އެލީސާ މަރުވީ ނިރުބަވެރިބަޔެއްގެ އަތްދަށުން. އެކަމަކު ކާފަމެންނަކީ އެފަދަ ޖަމާއަތަކަށް ނިސްބަތްވާ ބަޔެއްނޫން. ކުށެއްނެތް އިންސާނުންގެ ފުރާނަ ދުއްވައިލާނެ ބަޔެއްނޫން. މަންމަގެ އާއިލާއަކީ ދީނަށް ލޯބިކުރާ ޚުލްގު ރަގަޅު އެންމެންގެ ގަދަރާއި އިހުތިރާމް ލިބިފައިވާ މުއްސަދި އާއިލާއެއް. މަންމަދެކެ އިންތިހާއަށް ލޯބިވި. ނަމަވެސް އެމީހުންގެ ގުރުބާނީއާއި ލޯބި ހަނދާން ނައްތާލާފައި ދިރިއުޅުމުގެ އެހެން ފިޔަވަޅެއް އެޅުނީ. އެކަމުގެ ސަބަބުން މަންމައަށް ލޯބި ދެދަރިން ލިބިއްޖެ. އެކަމަކު މައިންބަފައިންވެސް ގެއްލިއްޖެ. އެހެންވެ އެކުރެވުނު ކުށުން އަރައިގަނެ މައިންބަފައިންގެ ރުހުން ހޯދަން މިއަދު މަންމަ ނިންމައިފިން..............." ޒެފްރީނާ ޓިޝޫއަކުން ކަރުނަތައް ފޮހެމުން ދިޔައެވެ.
"ތިއީ ރަގަޅު ނިންމުމެއް އެކަމަކު އަޅުގަނޑުވެސް ރާއްޖެދާން ބޭނުން....."
"ފަހުން. ދަރިފުޅާ.އަދި ފަހުން. ކަންތައް ވާނެގޮތް އަދި އެނގެނީއެއްވެސް ނޫން...." ޒެފްރީނާ ހިނިތުންވެލިއެވެ." ހަމަޔަކަށް އެޅުނީމަ ގެންދާނަން."
"ކީއްވެ މަންމަ ރޮނީ؟ އުފާވާންވީމަ. މަންމަ ތި ދަނީ ފެމިލީ ކައިރިއަށް..." ޚައިރާ އޭނަގެ ބެއާ ގެނެސް މޭގައި ޖައްސާ ބާރުކޮށްލިއެވެ. ފިނިވެގެން އުޅޭފަދަ ގޮތަކަށް ދެއަތްތިލަ އުގުޅައިލިއެވެ.
ޚައިރާ އެ ސުވާލުކުރުމުގެ ކުރިންވެސް އަސްލަންގެ ހިތުގައި ޝައްކުގެ އޮއިވަރެއް ހިނގައިގަތެވެ. އޭނަ ނުތަނަވަސްވެ މާޔޫސްކަން އިތުރުވިއެވެ. މަންމަގެ ކަރުނަތަކުން ހިތަށް އުދަގޫވިއެވެ. މަންމަގެ އެ ކަރުނައިގެ ފަހަތުގައި އެހެން ސިއްރެއްވާނެކަން އޭނަގެ ސިކުނޑި ދެނެގެންފިއެވެ. ބައްޕައާއި ދެމީހުންގެ މައްސަލައެއް ޖެހުނީހެއްޔެވެ؟
***
އެރޭ ޒެފްރީނާ މާކް ކްރޯފޯޑަށް ގުޅައިގެން ފޯނުން ދެމީހުންގެ ދޭތެރޭ ވަރުގަދަ ހަގުރާމައެއް ހިނގިއެވެ. މާކް އާއި އެދެމީހުންގެ އަރައިރުން ދުވަހަކު ނުދާ ހިސާބަކަށް އެރޭ އެ ކުޑަ ވަގުތުކޮޅު ދިޔައެވެ. މާކްގެ ދުލުން ވަރި އެލަފުޒު އެރޭ ނޫނީީ ފަހަރެއްގައިވެސް ބޭރުވިކަމެއް ނޭގެއެވެ. އޭނަގެ ނިންމުމަކީ އޭނަ އަންނައިރު ޒެފްރީނާ އޭނަ ފެންނަ ހިސާބުގައި ނެތުމެވެ. ދަރިންގެ ހައްގުގައި މަޖުބޫރުވެގެން ހުއްޓަސް އަބަދު ލޯތްބަކީ އަބަދު ހިތުގައިވީ "ނަތާލީ" ކަމުގައި ބުނެ ޒެފްރިނާގެ ހިތް ހާސް އެތިކޮޅުތަކަށް ފުނޑުކޮށްލީ ރަހުމުގެ ކަންފުޅެއްނެތިއެވެ. ދުވަހަކު ބޭނުންނުކުރާފަދަ ހުތުރު ބަހުރުވައެއްވެސް ބޭނުންކުރިއެވެ. ޒެފްރީނާގެ ލޮލުން ކަރުނަ ނުހުއްޓުނު ސަބަބުތަކުގެ ތެރޭގައި އެކަންވެސް ހިމެނުނެވެ. ކެތްތެރިވާންވެސް ނޭގުނީއެވެ.ކެތްތެރިކަމަކީ މުއުމިނުންގެ ރީތި ސިފައަކަށްވިޔަސް އޭނަ އޭގެ ތެރޭގައިވެސް ނުހިމެނުނެވެ.
***
ހާރިސް ގެއަށް ވަންނަމުން ދޮރުމަތީގައި ހުރެ ސިއާރާގެ މެސެޖަށް ޖަވާބެއް ދިނެވެ. އިސްތިޚާރާކުރުމަށް އޭނަ އެދުނެވެ. ސިއާރާ އެދުނީ އިސްތިޚާރާ ކުރާނެ ގޮތް ބުނެދިނުމަށެވެ. ހާރިސް އެނަމާދުކުރާނެގޮތާއި ދުޢާކުރާނެގޮތް ބުނެދިނުމަށްފަހު ދޮރު ހުޅުވައިލިއެވެ. ސަލާމް ގޮވައިލިއެވެ. އޭނަގެ ބައްޕައާއި އެރިކް ބޮޑުކޮޓަރީގެ ސޯފާއެއްގައި އިންތިޒާރުގައި ތިއްބެވެ. އަނދަމުން ދިޔަ އަލިފާނުގެ އޮރެންޖް އަލިން އަރާމު ހޫނަކާއި އަލިކަމެއް ފާއްދާލާފައިވިއެވެ.
"ދަރިފުޅު ހާދަ ލަސްވީ؟" ޖަހާންގީރު ޝަކުވާގެ ރާގަކަށް ބުނެލިއެވެ.
"އަޅުގަނޑުގެ ވަޒީފާ....."
އެރިކް އޭނަގެ ބައްޕަ ގާތުގައި ހާރިސް "ހައްދުފަހަނަޅާ" ގޮސް ރަތް ރޮގު ހުރަސްކުރާ ހިސާބަށް ދާކަމަށް ބުނަން އުޅެފައިވެސް ހިންދިރުވައިލިއެވެ. ހާރިސް ރުޅި އަރުވައިފިއްޔާ ދެން އަމަލުކުރާނެ ގޮތެއްވެސް އެނގެނީއެއްނޫނެވެ. ބޯ ހަރުކަމެއް ދެއްވާފައިވާ ކުއްޖެކެވެ.
"ބައްޕަ ވަރަށް ފަޚުރުވެރިވޭ. އެރިކްއަށްވުރެ އެންމެ ތަންކޮޅެއްވެސް ދެރަ ވަޒީފާއެއްނޫން. އިންފެކްޓް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ އިންޝާﷲ.."
ހާރިސް ބައްޕަގެ ގާތު އިށީނެވެ. ފޯނު އެއްފަރާތުގައި ބޭއްވީ ހުރިހާ ސަމާލުކަމެއް ބައްޕައަށް ދިނުމަށެވެ.
"ބައްޕަ މިފަހަރު މިކޮޅަށް އައީ ފަހަރެއްގައިވެސް މިފަދަ ކަމަކަށް އުއްމީދުކޮށްގެނެއް ނޫން. ނަމަވެސް ﷲ ޖައްލަ ޖަލާލުހޫ ގެ ރޭއްވެވުމުގެ ހިކުމަތެއް ބައްޕަގެ ސިކުނޑިއަކުން ނުވިސްނޭނެ. މަންމަގެ ބޭވަފާތެރިކަމުގެ ވާހަކަ ދައްކައިގެން ތިކުދިންގެ ހިތުގައި ނަފްރަތުގެ އޮށް އިންދުނީތީ ހިތާމަކުރަން. މުޝްރިކަކަށްވިޔަސް މައިމީހާއަށް ހެޔޮކޮށް ހިތަށް ދީން ބާރު އަޅާފައިވޭ. ދަރިފުޅުމެންގެ މަންމަ ވަރަށް ގާތުގައި އެބަ ދިރިއުޅޭ...." ޖަހާންގީރު އަތްތިލަ މޮޑެލަމުން ވާހަކަދެއްކިއެވެ.
"ނަތާލީ؟" ހާރިސް ބުމަ ކައިރިކޮށްލިއެވެ.
"އަޅުގަނޑުވެސް އެ ނަން ކިޔާ މީހެއް ވިއްޔާ އެމީހެއްގެ މޫނުން މަންމަ ފެނޭތޯ މަސައްކަތްކުރަން..." އާރިކް ހީލިއެވެ.
"މަންމަ ނަން ބަދަލުކޮށްލައިގެން އުޅެނީ. ކެތްރީން....."
"ކެތްރީން؟ " ހާރިސްއާއި އާރިކްއަށް އެއްފަހަރާ ބުނެވުނެވެ. ދެމީހުންނަށްވެސް މިސިޒް ކެތްރީންއަކާއި ދިމާވެފައިވިއެވެ.
"އާނ.....އަދި އަންހެން ދަރިއަކުވެސް އެބަހުރި....."
ހާރިސް އޭނަ އެގެއްގައި ދިރިއުޅޭ ގޭގެ ވެރިޔާ މިސިޒް ކެތްރީންގެ މޫނު ހަނދާނަށް ގެނެވޭތޯ މަސައްކަތްކުރިއެވެ. އޭނަގެ މަންމަގެ ހުންނަނީ އަޅި ވައްތަރަކަށް ދާ ލޮލެކެވެ. އެ ކުލައިގެ ލޯ އިނގިރޭސިންގެ ތެރޭ މަދެއް ނޫނެވެ. ކެތްރީންއައި ދެތިންފަހަރު މުޑި އެރިޔަސް އޭނަގެ މޫނަށް ބަލައިލާނެ ފުރުސަތެއް ހާރިސްއަކަށް ނުލިބުނެވެ. ހާރިސްގެ ސިކުނޑި ދެން ދަތުރުކުރީ ސިއާރާއަށެވެ. ސިއާރާ ފެނުމާއެކު "ސިސްޓަރ ވައިބް" ހިތުގައި އުފެދިގަތްގޮތަށް ކޮއްކޯއޭ ކިޔާފައިވެސް ގޮވައިލެވުނެވެ. މުސްލިމް އުޚުތުންނަށް އާއްމުކޮށް އޭނަ ގޮވަނީ އުޚުތާގެ ނަމުންނެވެ. ނަމަވެސް ސިއާރާއާއި މުޚާތަބު ކުރެވުނީ ކޮއްކޮގެ ނަމުންނެވެ. އެކުއްޖާގެ ހުރީ މައުސޫމްކަމުން ފުރިފައިވާ ރީތި އަޅިލޮލެކެވެ. އެމޫނަށް ބަލައިލެވުމުން އެމޫނުން މަންމަގެ ސިފަ ފެންނާން ފެށިއެވެ. މަންމަގެ ޒުވާން ދުވަސްވަރުގެ ފާޑު ފެނުނެވެ.
އެރިކްވެސް އިނީ ވިސްނުމެއްގައެވެ. މޫނުގައި އަތްއެޅިއެވެ. އަސްލަންގެ އަވަށްޓެރިޔާ ކެތްރީން އޭނަގެ އަތުގައި ހިފެހެއްޓިއިރުވެސް އޭނައަށް ބަލައިނުލެވުނެވެ. އެއީ ހަމަ އޭނަގެ މަންމަހެއްޔެވެ؟
"މަންމަ މިހުރިހާ ދުވަހުވެސް އުޅުނެއްނު...."
"އާނ. މަންމަ ހުރިތަންވެސް ބައްޕަ ހޯދިން. އެކަމަކު ދަރިފުޅުމެން ގާތުގައި ބުނާކަށް ބޭނުމެއްނުވި. އެކަމަކު މިއަދު ހިތަށް އެރީ ހާރިސްފަދަ ސޯލިހް ދަރިންތަކެއް ލިބުމުން ދަރިންގެ މަންމަ އިސްލާމްވެއްޖެއްޔާ ހާދަ ރަގަޅޭ. ހާރިސް ވީ ދީނުގެ އިލްމުވެރިއަކަށް. މަންމައަށް ދީން އުގަންނާ ދީ ޖަންނަތުގައި މަންމައާއެކު ވުމަށްވުރެ ބޮޑު އުފަލެއް ދަރިފުޅުމެންނަށް ލިބޭނެތަ؟" ޖަހާންގީރު ސުވާލުކުރިއެވެ.
***
ސިއާރާ ނިދީ އިސްތިޚާރާ ނަމާދުކޮށްލައިގެންނެވެ. ހޭލެވުނީ ދަންވަރު ކުއްލިއަކަށެވެ. އެހާ އަވަހަށް އިސްތިޚާރާގެ ޖަވާބު ލިބިދާނެކަމަކަށް އޭނަ އުއްމީދެއްނުކުރެއެވެ. ހާރިސް ބުނީ އެންމެން އުއްމީދުކުރާ ފަދައިން ކޮންމެހެން ހުވަފެނުން ޖަވާބު ނުލިބި ހިނގައިދާނެ ކަމުގައެވެ.އެކަމަކު އެއީވެސް ވެދާނެ ކަމެއްކަމުގައެވެ. އޭނައަށް އެއީ ހަމަ "މިރެކްލް"އެކެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ އޭނަގެ ގާތުގައި އަސްލަންގެ ގޯސް ވާހަކަ ބުނެދިނީ ހުދު އަހެއްގެ މަތީގައި ހުދު ހެދުން އަޅައިގެން ތިބި ބަޔެކެވެ. ހުދު ޖުއްބާތައް ވަޔާއި ވިހުރެމުން ދިޔައިރު ހައިބަވަންތަކަން އުތުރި އަރައެވެ. ޝަޚުސިއްޔަތު އެހާ ވަރުގަދައެވެ.
"އަސްލަންގެ މަކަރުވެރިކަމުން އޮޅުވައިލަންވެގެން އުޅެނީ. އޭނައަކީ މުސްލިމެއް ނޫން. ތި ކައިވެނި ހުއްޓާލާ.."
ސިއާރާ ހޭލެވުނުއިރު އަތުން ހީބިހި ނަގާފައި ހުއްޓެވެ.
ވަށައިގެން ހޯދާ ބަލައިލެވުނެވެ. ނަމަވެސް ކުޑަދޮރުން ބޭރުން ފެންނަނީ އަޖައިބެއްފަދަ ހިމޭންކަމެކެވެ.
"ސުބުހާނަﷲ. އެފެނުނީ ކޮންފަދަ ހުވަފެނެއްތަ؟ ހާދަ ރިއަލް ކޮށޭ. އެފެނުނީ ކޮންބަޔެއްތަ؟ މިއީ އިސްތިޚާރާ ޖަވާބުތަ؟ ހަގީގަތުގައި އަސްލަން އަހަންނަށް ދޮގުހެދީތަ؟ ހާރިސް ކައިރީ ބުނަންވީބާ......ޝޭޚު ކައިރިން ލަފާ ހޯދާނީ. މި ހުވަފެނުގެ ތައުބީރު އޭނައަށް އެނގޭނެ. ގޫގުލް އިން ބުނާގޮތުން އެހާ ކްލިއާ ޖަވާބެއް ނުލިބޭނެ ނަމަވެސް އަހަންނަށް މި ލިބުނީ އިސްތިޚާރާ ޖަވާބު ބާ........" ސިއާރާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. ހިތުގެ ކަނެއްގައި ރޯވި އުއްމީދުގެ ހުޅުކޮޅު ކަނި ޖަހަން ފެށުމުން މޭގައި ބާލީސް ޖައްސާ ބާރުކޮށްލެވިއްޖެއެވެ. ކުޑަދޮރުން ފެންނަމުން ދިޔަ އަސްލަންގެ ގަނޑުވަރު ލޯބީގެ ހިމާޔަތެއް ކަމުގައި ދެކެވުނު ދުވަހަކަށްފަހު މިހާރު އެތަން ފެނުނީ ބިރުވެރި ކިއްލާއެއް ފަދައިންނެވެ. ހަގީގަތުގައި އަސްލަންއަކީ މަކަރުވެރިއެއް ހެއްޔެވެ؟ ރީތި މޫނެއްގެ ނިވަލުގައި ފިލާ އެހެރީ އިފުރީތެއް ހެއްޔެވެ؟ އޭނަގެ ވާހަކަތަކުން އެ ދުވަހު އިޚުލާސްތެރިކަން ނޫން އެއްޗެއް ސިއާރާ ނުދެކެއެވެ.
***
ޒެފްރީނާ އަސްލަންގެ ގައިގާ ބައްދާލައިގެން އިރުކޮޅެއްވާންދެން ހުރިއިރު ލޯ ކަރުނުން ފުރުނެވެ. އެއަށްފަހު އަސްލަން ގަޔާއި ދުރުކޮށްލުމަށްފަހު ދަރިފުޅުގެ އަތުގެ މުލައްދަނޑީގައި މަޑުމަޑުން ހިފަހައްޓައިލިއެވެ." ދަރިފުޅުމެން ގާތުގައި މަންމަ މިވާހަކަ ނުބުނަން ހުރީ. ޚައިއަށް އެނގިއްޖެއްޔާ އެކުއްޖާއަށް ޝޮކެއް ލިބިދާނެ. އެހެންވެ ޚައިއަށް އެނގުން މުހިއްމެއްނޫން. ދަރިފުޅާ. ސިއާރާއަކީ ބައްޕަގެ ދަރިއެއް..ބައްޕައާއި ކެތްރީންގެ އެފެއާއެއްގެ ދިރިހުރި ނިޝާނެއް. ދަރިފުޅަށް މިކަމުން އަސަރުނުކުރާނެކަން އެނގޭ. އެރެންޖް މެރިޖަކަށް ވުމުން ދެކުދިންވެސް ގަބޫލުނޫން ކަމުގައި މަންމައަށް ހީވި."
އަސްލަންއަށް ލިބުނު ޝޮކުން އެސްފިޔަ ޖަހައިލަން ނޭގި އިނދެވުނެވެ. އެތެރެ އެތެރެއިން ހަޅޭއްލަވައިގަނެވުނެވެ. މަސްހުނި އިހުސާސްތަކުން ބަސްހުއްޓިފައި އިނދެވުނެވެ."މަންމައަށް އެނގޭ ބައްޕަގެ ބޭވަފާތެރިކަމުން ދަރިފުޅަށް އަސަރުކުރާނެކަން. އެކަމަކު ބައްޕައަށް މާފުކޮށްދެއްޗޭ. "
އަސްލަންއަށް ވިސްނުނީ މަންމަގެ ހިތް ހަލާކުވާނެ ވަރާއި މަންމަ ގެއިން ދާން ޖެހުނު ހަގީގީ ސަބަބަކީ އެއީކަމެވެ. ބައްޕައާއިމެދު ހިތުގައި ޝަކުވާ ހިނގައިގަތްއިރު މިސިޒް ކެތްރީންއާއިމެދު ނަފްރަތާއި ފޫހިކަމެއް އުފެދުނެވެ. އަންހެނުންނަކީ ހަގީގަތުގައި ނުބައި ބަޔަކީއެވެ. ދެމަފިރިއެއްގެ ދެމެދަށްވަދެ އެތައް ބަޔެއްގެ ދިރިއުޅުން ހަލާކުކޮށްލައިފިއެވެ.
***
އަސްލަން ކާރުން ފޭބިއިރު ސިއާރާ ގެއިން ނިކުންނަނީއެވެ. ކަޅު ކޯޓާއެކު ތޮތްޕަކުން ނިވާވެގެން ހުރިއިރު އެ ދޮންމޫނު ފެންނަލެއް ތާޒާކަމުން އަސްލަންއަށް ބަލަން ހުރެވުނީއެވެ. އެސްފިޔަ ޖަހައިލަންވެސް ހަނދާނެއްނުވިއެވެ. ސިއާރާގެ ފިޔަވަޅުތައް ހުރީ އޭނައާއި ދިމާލަށެވެ.
"ސީރިޔަސްކޮށް މިއީ އަހަރެންގެ ސިސް؟ ޚައި ފަދައިން؟ ކީއްވެ އެގޮތަށް ފީލް ނުވަނީ؟ ކޮއްކޮއަކާއި ހިތާވެގެން އުޅުމަކީ އެންމެ ރަގަޅުކަމެއް ނޫނަސް ގައިމު ނުލިބޭ އެއްޗެއް ހޯދުމަކީ މަގޭ މިޒާޖުގައި ހުރިކަމަކަަށް ވާތީ ބޭނުންވެއްޖެ. ބާޒާރުގައި އަގުހެޔޮކޮށް ލިބެން ހުންނަ އެއްޗެއްސަށް މަގޭ އިންޓެރެސްޓެއްނެތް. ފޮބިޑަން ފުރުޓް ޓޭސްޓްސް ގުޑް ކަން ނޭގެއެއްނު..........." އަސްލަންގެ ހިތަށް އެތައް އެއްޗެއް އެވަގުތުކޮޅު އަރާފޭބިއެވެ. ސިއާރާ ހުއްޓުނީ އޭނަގެ ދިމާ ކުރިމަތީގައެވެ.
"އަހަރެންނަށް ހުވަފެނެއް ފެނިއްޖެ. އިސްތިޚާރާކުރީމަ ނެގަޓިވްކޮށް ޖަވާބު އައީ...."
ސިއާރާ އެބުނި އެއްޗެއް އަސްލަން އަށް ދޭހައެއްނުވިއެވެ. އިސްތިޚާރާގެ ނަން އަލަށް އެހުމުން އެނަން ދެވަނަފަހަރަށް ކިޔަން ނޭގުނުތާ ހުވަފެނަކާއި އެ ބުނި ނެގަޓިވް ޖަވާބަކާއި ގުޅުވައިގަތްގޮތެއް ނޭގުމުން ސިއާރާގެ ލަފުޒުތައް ނޭގި ބުމަ އަރުވައިލެވުނެވެ.
"ކީކޭ ތިބުނީ"
"ހުވަފެނުގައި މީހަކު ބުނީ އަސްލަންގެ ނިޔަތް ރަގަޅެއް ނޫނޭ. ކައިވެނި ނުކުރާށޭ..." ސިއާރާގެ ލޮލަށް ބަލަން ހުރެފައި އަސްލަންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މަންމަ އެހެން ބުންޏަސް އަޅާނުލާ އެގުޅުން ކުރިއަށް ގެންދަން ނިންމިތަނާ ސިއާރާގެ ޖަވާބު ކަންފަތަށް އިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. އެލަފުޒުތައްވީ ކަންފަތްމަތީ ޖެހި ތަފާލަކަށެވެ. ޖީބަށް ޖަހާލައިގެން ހުރި އަތް މުށްކެވުނެވެ.
"ސިއާރާ، ހުވަފެނަކުން ހަޔާތުގެ ޑިޒިޝަނެއް ނުނެގޭނެ. އަހަރެން ސިއާރާ ދޫކޮށެއްނުލާނަން. ސިއާރާގެ މަންމަ ބައްޕައަށް ވައުދުވިއެއްނު. އެ ވައުދު ކޮންމެހެންވެސް ފުއްދާނަން...................." އަސްލަން ފާޑަކަށް ހީލިއެވެ.
"ސޮރީ އަސްލަން..އެއީ ޑްރީމެއްނޫން. ހަގީގަތް. އިސްތިޚާރާގެ ޖަވާބަކީ ސަމާސާއެއްކަމަށް އަހަރެން ނުދެކޭނަން."
ސިއާރާގެ ދެކޮޅުހެދުންތަކުން އަސްލަންގެ ހިތުގައި ސިއާރާ އަމިއްލަ ކުރުމުގެ އެދުން ބޮޑުވިއެވެ. ނަމަވެސް ރުޅިވެރިކަމާއި ބާރުގެ ބޭނުންކޮށްގެން ސިއާރާ ހައްތަހާ ދުރަށް ގޮސްދާނެއެވެ. ސިއާރާ އޭނަގެ ގާތަށް ގެނެވޭނީ އެހެން އުކުޅަކުންނެވެ. އެކަމަކު ކޮންމެގޮތެއް ހަދާފައިވެސް ސިއާރާ ހާސިލުކުރަން ހިތާއި ސިކުނޑިވެސް ބާރު އެޅިއެވެ. އެއީ އޭނަގެ ހައްގެކޭ ހިތް ބުނާފަދައެވެ. ސިއާރާއަކީ "ޑަބަލްއެޖެންޓް" އެކެވެ. ނިރުބަވެރިއެކެވެ. އޭނަ ޖަލުގެ ގޮޅިއަކަށް ލައިފިއްޔާ ލިބޭނެ އަދަބު މާ ބޮޑުވާނެއެވެ.
"އޯކޭ ދެން. ސީ ޔޫ އެރައުންޑް"
އަސްލަން އެހާ ފަސޭހައިން އެއްބަސް ވެ ކާރަށް އަރާ ދުއްވާލުމުން ބަލަން ހުރެފައި ސިއާރާވެސް ކާރަށް އެރިއެވެ.
***
ސިއާރާ ކާރަށް އަރާފައި އަނގަމަތީ އަތް އަޅައިލެވުނެވެ. އޭނަ އަސްލަން ގާތު އިސްތިޚާރާގެ ވާހަކަ ދައްކައިގެން އޭނައަކީ މުސްލިމެއްކަމަށް ހާމަކުރެވިއްޖެއެވެ. އަސްލަންއަށް އިސްތިޚާރާއޭ ބުނުމުން މާނަ ނޭގުނީ އޭނަ "ފޭކް" މުސްލިމަކަށް ވީމަހެއްޔެވެ؟ އަސްލަން ހަގީގަތުގައިވެސް އޭނައަށް އޮޅުވައިލަން މުސްލިމަކަށް ހެދެންވީ އޭނަގެ ހަގީގަތް ކޮންމެވެސް ގޮތަކުން އެނގުނީހެއްޔެވެ؟ އެކަމަކު ކިހިނެއް ހެއްޔެވެ؟ އެތައް ސުވާލެއް ބޮލުތެރޭ އެނބުރެން ފެށިއެވެ.
***
އަސްލަންގެ މަންމަ ނެތުމުން މަންމަގެ ކެއްކުން މަތިން ހަދާންވިއެވެ. ޚާދިމާއިން ކައްކާއިރު ކެއުމުގެ ރަހަ ތަފާތެވެ. އޭނަ ކާކޮޓަރިއަށް ވަންއިރު ނާސްތާ ތައްޔާރުކޮށްފައި ހުއްޓެވެ. ބައްޕަވެސް ނެތުމުން އެކަނިމާ އެކަނި އިނދެ ނާސްތާކުރަން ފެށިތަނާ ޚައިރާ ވަނެވެ. ނޫކުލައިގެ ޖިންސަކާއިއެކު ސްވެޓަރެއްލައިގެން ހުރިއިރު ކުޑަކޮށް މޭކަޕްކޮށްލާފައެވެ. މުޅިތަނުގައި އަގުބޮޑުު ސެންޓެއްގެ މީރުވަސް ހިފާލައިފިއެވެ.
"މޯނިން ޚައި. ކޮންތަނަކަށް ދާން؟ޑޭޓަކަށް؟"
"ޝޮޕަށް. އައި ޑޯންޓް ޑޭޓް......."
"ކީއްވެތަ؟ ކިހާ އޮޑް ތި އޭޖް ކުއްޖަކު ހުހަށް ހުރީމަ...." އަސްލަން ދިމާކޮށްލިއެވެ. ޚައިރާ ކަޅި އަޅާލާފައި ދިގު މޭޒުގެ އެންމެ ކޮޅުގައި އިށީދެ ފްރޮސްޓީއެއް ކާން ފެށިއެވެ. އަސްލަން ބުނީ ފްލޫ ޖެހިދާނެކަމަށާއި ފިނީގައި އެހާ ފިނި އެއްޗެހި ނުކެއުމަށެވެ. ޚައިރާ ހަދާގޮތެއް ބަލަން އެއިން ދެ ސަމުސާވަރު ކައިލިއެވެ. "އޯސީޑީ އެޓޭކެއް" ވަގުތުން އައެވެ. ޚައިރާ ވަގުތުން ހިތްހަމަނުޖެހިފައި އެތަށި ދުރުކޮށްލުމަށްފަހު އޮމްލެޓެއް ތައްުޔާރުކުރަންފެށިއެވެ.
"ޑިއުޓީއަށް ދާ މަގުމަތީގައި ޚައި ފިހާރައަށް ގެންގޮސްދެއްޗޭ....."
"އޯކޭ..."
"ދޮންބެ މެރީކުރަން ތިއުޅޭ ސިއާރާއާއި ދެމީހުންގެ ގުޅުން ކިހިނެއްތަ؟ " ޚައިރާ ކުއްލިއަކަށް އެހިއެވެ.
"ހޫމް. ސިއާރާއަކީ ޚައިގެ ފަހަރި. އެއީ ޔަގީންކަމެއްނު.." އަސްލަން ބުމަ އަރުވައިލިއެވެ.
"އަހަރެމެންގެ ނެއިބާގެ ގޭގެ މަތީބައިގާ ދިރިއުޅެނީނު މިސްޓަރ ހާރިސް. ޚައި ދެކުނިން ދެމީހުން ވާހަކަދައްކަން ތިއްބާ......"
"ވަޓް؟" އަސްލަން ސިހުނެވެ. މިއީ އޭނައަށް އުދަގޫކުރުވަނި ޚަބަރެކެވެ. އަޅާނުލާ ހުރެވޭވަރަށްވުރެ އޭނަގެ ސިކުނޑިއަށް ގޯނާކޮށްފިއެވެ. ބުމަވެސް ވަގުތުން ކައިރިކޮށްލެވި ތަށީގައި ބާރަށް ހިފަހައްޓައިލެވުނެވެ.
"ސިއާރާ އޭނައާއި ކައިރިވެލާ ފޯނުން އެއްޗެއްވެސް ދެއްކި....."
"ކޮން ވާހަކައެއް އެދެމީހުން ދެއްކީ؟" އަސްލަންގެ ސިކުނޑި އޭގެ އެންމެ ފުރިހަމައަށް ހޭލައިގަތެވެ.
"ބެލްކަންޏަކަށް އަޑެއް ނީވޭ. ތިހާ މޮޅުއިރުވެސް ބައެއްފަހަރު އެހާ މޮޔަ ސުވާލުކުރަނީ ކީއްވެތަ؟" ޚައިރާވެސް ރުޅި އަންނަގޮތްވިއެވެ.
"ޔަގީން އެ ހާރިސްއަކާއި ސިއާރާގެ ގުޅުމެއް އެބައޮތް." ޚައިރާގެ ވާހަކަ އާއެކު އަސްލަންގެ ހިތުގައި އުފެދިގަތް އުދަގޫ އިހުސާސްތަކަށް ދޭނެ ނަމެއް ނޭގުނަސް ހާރިސް އެ މަންޒަރުން ބޭރުކޮށްލަން އަސްލަން ބޭނުންވިއެވެ. ސިއާރާ ކުއްލިއަކަށް މުސްލިމަކަށްވެ އެ މިސްކިތަށް ދާންވީ އެނޫން ކޮންކަމަކާހެއްޔެވެ؟ ހާރިސްއަކީ ރީތި ފިރިހެނެވެ. އަންހެންކުދިން ހިތްކިޔާފަދަ ރީތިކަމަކާއި އަޑެއް ދެއްވާފައިވެއެވެ. އެރިކްގެ ކޮއްކޮއެއްކަން އެނގުމުން ހާރިސްގެ ފުރާނައާއި ކުޅެލަން ނުކެރުނަސް ކުރެވޭނެ ކަންތައްތައް ހުންނާނެ ނޫންހެއްޔެވެ؟
އަސްލަން ކެއުން ހުއްޓާލާފައި ތެދުވެ ނެޕްކިންއިން އަނގަމަތި ފޮހުނެވެ.
"ކޮން އިރަކުން މެރީކުރަނީ؟"
އަސްލަން ޖަވާބެއް ނުދީ ބާރަށް ހިނގާލާފައި ދާން ފެށުމުން ޚައިރާ ލޯ ހަނިކޮށްލިއެވެ. އޭނަގެ އުފަލަކީ އަސްލަންއާއި ސިއާރާ އަވަހަށް ކައިވެނިކުރުމެވެ. ހާރިސްއާއި ސިއާރާގެ އެއްވެސް ގުޅުމަކަށް އޭނަގެ ހިތް ގަބޫލެއްނޫނެވެ. ނަމަވެސް އެދެމީހުން ވާހަކަދައްކަން ތިއްބާ ފެނުނުފަހުން ޚައިރާގެ ހިތަށް ބިރުވެރިކަން ވަދެ އެއްފަހަރުވެސް އެ މަންޒަރު ލޮލުގެ ކުރިމަތިން ފިލައިގެން ދިޔައީއެއް ނޫނެވެ. އޮމްލެޓް ތައްޔާރުކޮށްގެން ސައިބޯން ތައްޔާރުވިތަނާ ޚާދިމާއަކު ކިބިއްސެއް އެޅުމުން ޚައިރާ ވަގުތުން ނޭވާ ހިފަހައްޓާލައިގެން ކާކޮޓަރިން ނުކުތީ އެވެ. ކޮޓަރިއާއި ހަމަވީއިރު ނޭވާ ކޮޅުން ލައިފިއެވެ. ޚައިރާއަށް ބާރު ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އަސްލަންއަށް ވީނުވީއެއް ނޭގި ކޮޓަރިން ނިކުމެވުނެވެ.
"ޚައި....ކިހިނެއްވީ؟"
ނުނިމޭ