13 Apr 2022, 12:29
ކޮމްޕިޓެންސީ ސްޓޭންޑާޑް ފޯ ވޭސްޓް ޓު ވެލްތް, އެންވަޔަރަމެންޓް މިނިސްޓަރު އާމިނަތު ޝައުނާ މިއަދު އިފްތިތާހުކޮށްދެއްވައިފިއެވެ.
ކޮމްޕިޓެންސީ ސްޓޭންޑާޑް ފޯ ވޭސްޓް ޓު ވެލްތަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އަމާޒު ހިފާފައިވާ ފަދައިން ކުންޏަކީ އޭގެން ނަފާ ލިބޭ ވަޞީލަތެއްގެ ގޮތުގައި މެނޭޖުކުރުމަށްޓަކައި، އެމަސައްކަތް ރާވައި ހިންގާނެ ފަންނީ މީހުން އުފެއްދުމަށް ބޭނުންވާ މިންގަނޑެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ކުންޏަކީ އާމްދަނީ ލިބޭނެ ވަސީލަތަކަށް ހެދުން ކަމަށެވެ. މިގޮތުން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި މެނޭޖް ކުރުމަށް ހުނަރުވެރި ދިވެހިން އުފައްދަން ޖެހޭ ކަމަށް ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ މިއަދަކީ، ދެމެހެއްޓެނިވި ގޮތުގައި ކުންޏާއި ވަޞީލަތްތައް މެނޭޖުކޮށް، އިސްރާފު ކުޑަކޮށް، އުކާލެވޭ ތަކެތިން ނަފާ ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި ކުރިއަށް އެޅޭ ވަރަށް މުހިންމު އަދި ބޭނުންތެރި ފިޔަވަޅެއް ކަމަށެވެ.

ކޮމްޕިޓެންސީ ސްޓޭންޑާޑް ފޯ ވޭސްޓް ޓު ވެލްތް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަދައްކަވަނީ-- ފޮޓޯ/ މިނިސްޓްރީ
ކުނީގެ މައްސަލައަކީ ހަމައެކަނި މެޝިންތައް ގާއިމްކޮށްގެން ހައްލުވާނޭ މަސައްކަތެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިއީ ގޭބިސީއާ ހަމައިން ފެށޭނެ މަސައްކަތެއް ކަމަށެވެ.
"އެއީ ގޭބިސީއާ ހިސާބުން ފެށޭ ކަމެއް. ގޭގައި އުފެދޭ ކުނި ބައިކޮށްގެން ނެރެ، ކައުންސިލްތަކުން ނުވަތަ ވެމްކޯއިން އެ ކުނި ގަވާއިދުން ގެބިސީތަކުން ކަލެކްޓްކޮށްގެން، ކުނި ކޮށީގައި އެތަކެތި ބަހައްޓައިގެން ކުދިކޮށް، މުގުރައި އަދި ރަށުން ބޭރު ކުރެވެންދެން ބެހެއްޓޭނެ އިންތިޒާމް ހުންނަންޖެހޭ. އަދި ބަދިގެ ކުންޏާއި ފަތްކުނި މެނޭޖް ކުރާނެ ގޮތްތަކެއްވެސް ހުންނާންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މި މައްސަލައަކީ ރައްޔިތުންނާއި، ކައުންސިލްތަކާއި، ވެމްކޯ އަދި ސަރުކާރުގެ އިދާރާތައް އެއްކޮށް މަސައްކަތްކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮމްޕިޓެންސީ ސްޓޭންޑާޑް ފޯ ވޭސްޓް ޓު ވެލްތު މިންގަނޑު އެކުލަވައިލައިފައިވަނީ ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކުގައެވެ.
މި މިންގަނޑާ އެއްގޮތަށް މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ބޭނުންވާ ވަޞީލަތްތައް ހިމެނޭ ތަމްރީނު ޕެކޭޖެއް ވެސް ވަނީ އެކުލަވައިލައިފައެވެ. މި ވަޞީލަތްތަކުގެ ބޭނުންކޮށްގެން އުކާލެވޭ ކުނިން ނަފާ ހޯދުމުގެ ކަންތައްތައް ރަށްރަށުގައި ވިލަރެސް ކުރާނެ މީހުން ތަމްރީނުކުރުމުގެ މަސައްްކަތް ކުރެވިގެންދާނެއެވެ.