19 Mar 2012, 15:24
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައި އެމްޑީޕީގެ މެންބަރުންގެ ހޯބޯލެވުމުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވަން މަސައްކަތް ކުރައްވެވީ ސިޔާސީ ހޫނުގަނޑެއްގެ ތެރޭގައި މާލޭ "ފިހިފައި" ވަނިކޮށެވެ. އެއާއެކު ކުއްލިއަކަށް ފެތުރުނު ހަބަރަކީ މާލޭގެ ނީލަން ފިހާރަ އާއި މައި ކުނިގޮނޑުގެ ބައެއްގައި އަލިފާން ރޯވެ ގަދަ އަލިފާނުން އަނދަމުން ދިޔަ ހަބަރެވެ. ރޯވެފައިވާ ހުޅުގަނޑު މާލެ މައްޗަށް އަރާފައިވާ ހަބަރެވެ. ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި އަބަދުވެސް އަލިފާނުގެ ހުޅުފަޅާރޯވަމުންދާ އެއްތަނަކީ މާލޭ ކުނިކޮށްޓާއި ނީލަން ފިހާރަ އެވެ. މިއަދު ވެސްވީ އެހެނެވެ. ނުރައްކާތެރި އެ ހާދިސާގައި މީހަކަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ ކުނިކޮށީގައި ރޯކޮށްލީ ބަޔަކު ގަސްތުގައި ކަމަށާއި އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އަދި އޭގެ ފަހަތުގައި ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެއީ އާންމުން ބިރުގަންނަވަން ރޯކުރި އަލިފާނެއް ކަމަށް އޭނާ ސިފަ ކުރެއްވެވި އެވެ.
ނީލަން ފިހާރައިގައި ރޯވެ ފެތުރުނު އަލިފާނުގައި ކުނިގޮނޑުގައި ވެސް ރޯވި ހާދިސާގައި ނިލަން ފިހާރައިގެ ފަސް ގުދަނުގެ ތެރެއިން ހަތަރު ގުދަން އެއްކޮށް ވަނީ އަނދާހުލިވެފަ އެވެ. މަންޒަރު ދުށް މީހަކު ބުނީ މިއަދު ހެނދުނު 10:50 ހާއިރު ނީލަން ފިހާރައިގައި ރޯވީ ނީލަން ފިހާރަ ތެރެއަށް ހަތަރު މީހަކު ވަދެފައި ނުކުތްތާ މާގިނައިރުތަކެއް ނުވަނީސް ކަމަށެވެ.
"ހެނދުނު އެމީހުން ނުކުމެގެން ދިޔަ ވަގުތު ނީލަން ފިހާރަ ކައިރީ ތިބޭނީ ބިދޭސީންތަކެއް އެކަނި. ހަމަ އެވަގުތު އަލިފާން ރޯވީ،" އެމީހާ ބުންޏެވެ.
ނީލަން ފިހާރައިގައި އަލިފާން ރޯވި ވަގުތު ތިބި ބިދޭސީންގެ ބައެއް މީހުން ބުނި ގޮތުގައި އަލިފާންގަނޑު ފުރަތަމަ ރޯވީ ނީލަންފިހާރައިގެ އެންމެ އެތެރޭގަ އެވެ. ދަގަނޑާއި ލަކުޑި މައިގަނޑަކަށް އޮންނަ، އަދި ގިނަ އަދަދެއްގެ ބާ މުދާ ހިމެނޭ ނީލަން ފިހާރަ އެތެރޭ ހުރި ލަކުޑި ފައްޗާ ޓިނާ ދަވާދު ފާޓާ ތަކުގައި އަލިފާންގަނޑުހިފާ ހުޅުފަޅައިގެން ގޮސް މެދުނުކެނޑި ބާރުގަދަ އަޑުފަށްގަނޑު އިވި ކުނިގޮނޑުގެ ބައެއްގައި އަލިފާން ރޯވި އިރު ހުޅުގަނޑު ހުރީ ބޯ ކަޅު ދުމާއެކު މާލެ މައްޗަށް އަރަ އެވެ. ރޯވި އަލިފާންގަނޑާއެކު އިވެން ފެށި ގަދަ އަޑުތައް އަލިފާން ކޮންޓްރޯލް ވަންދެން ވެސް އިވުނެވެ.
"ހީވަނީ ބަޑި ޖަހަމުން ދިޔައެހެން. ވަރަށް އަޑުފަށްގަނޑު ގަދަ، ވަރަށް ނުރައްކާތެރި ގޮތަކަށް އަލިފާން ހިފައި އަދި ފެތުރެމުން ދިޔައީ ވެސް،" އެ ސަރަހައްދަށް ދިޔަ ނޫސްވެރިޔަކު ބުންޏެވެ.
ނީލަން ފިހާރައިގެ ރޯވި ވަގުތު، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ނުކުމެ މަންޒަރު ބަލަން ތިބިއިރު، އެ ސަރަހައްދުގައި ތިބި ބިދޭސީން ނުކުމެ ވަނީ ނީލަން ފިހާރަ ބޭރުގައި އަތުރާފައި ލަކުޑި ފަތިތަކާ ގޮނޑިތައް ބޮލަށްލައިގެން ނެރެ ދުރައްޖައްސާ ކޮޅުކޮޅަށް ދުވަމުން ދިޔަ އެވެ. އަދި ބައެއް މުދާ ސަލާމަތް ކުރެވޭތޯވެސް ވަނީ މަސައްކަތްކޮށްފަ އެވެ. އަދި ވިލާ ގޭސްހުރި ގުދަނާވީ ފަޅީގައި ހުރި ލަކުޑިފަތިތަކާ ގޮނޑިތަކުގައި ރޯވި އަލިފާންގަނޑު ބޮޑުވެ އެސަރަހައްދުގައި ހުރި ގަސްތަކުގައި ވެސް ވަނީ އަލިފާން ރޯވި އިރު އެހެން ބައެއް ދިމަ ދިމާގައި ވެސް ހުރީ ރޯވެފަ އެވެ.
އަލިފާން ރޯވުމާއެކު އެންމެ ބޮޑު ބިރުވެރި ކަމެއް އުފެދުނީ އެ ސަރަހައްދުގައި ހުންނަ ގޭސް ގުދަންތަކާއި ޕެޓްރޯލް ޝެޑްތަކުގައި ރޯވެދާނެތީ އެވެ. އެބިރު އުފެދުމާއެކު ވަރަށް ގިނަ އާންމުންނާއި ސިފައިން ގުޅިގެން ގޭސް ގުދަންތަކުގައި ހުރި ގޭސްފުޅިތަކެއް ހޫނުވިޔަ ނުދީ، ގޭސް ފުޅިތައްބޭރަށް ނެރެ ފެންޖަހައި ހެދި އެވެ. ގޭސްގުދަނާ ހަމައަށް އަލިފާންގަނޑު ދިއުމުގެ ކުރިން އާންމުރައްޔިތުންނާއި ސިފައިން ގުޅިގެން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފަ އެވެ. ނަމަވެސް އަލިފާންގަނޑު ނިއްވާލެވުނު އިރު، އެއްފަރާތްކުރި ހުރިހާ އެއްޗެއް ވެސް ވަނީ އަނދާހުލިވެފަ އެވެ.
ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލާފައިވަނީ 1:30 ހާއިރު އެވެ. އޭރުވެސް އެ ސަރަހައްދު ވަނީ ކަޅު އޮލަދުމުން ފުރިފަ އެވެ. އަލިފާންގަނޑު ކޮންޓްރޯލުވިއިރު، ނީލަން ފިހާރައިގެ ބޮޑު ބައެއް އަނދާ، ނީލަންފިހާރަ ބޭރާއި އެތެރޭގައި ހުރި ހުރިހާ އެއްޗެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަޅިއަށް ވެފަ އެވެ.
"މީގެ ގެއްލުމުގެ އަދަދު އަންދާޒާވެސް ނުކުރެވޭނެ، ހިތަށް ނުވެސް ގެނެވޭ،" ނީލަން ނަގާ މީހަކު ބުންޏެވެ.
އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން އަބުދުއްރަހީމް ވިދާޅުވީ ނީލަން ފިހާރައިގައި ރޯވާން ދިމާވި ސަބަބު އެނގިނުލައްވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ. މިއީ ފަހަކަށް އައިސް އެންމެ ނުރައްކާތެރި ގޮތަކަށް މާލޭގައި ހިންގި އެއް އަލިފާނުގެ ހާދިސާ އެވެ. މިހާދިސާގެ މާލީ ގެއްލުން ވަޒަން ކޮށްލަން އެނގޭނީ އަދި ފަހުންނެވެ.
ލިޔުމާ ގުޅޭ ވީޑިއޯ
http://www.youtube.com/watch?v=E5HmfDn8ofQ