ޔުކްރެއިން ހަނގުރާމަ ދިގުލައިގެން ހިނގައިދާނެކަމަށް ފުރަތަމަ ފަހަރަށް ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން ވަނީ ވިދާޅުވެފައެވެ.

ޔުކްރެއިންއާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައާ ބެހޭގޮތުން އިއްޔެ ގައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި ޕޫޓިން ވިދާޅުވިގޮތުގައި ހަނގުރާމަ ދިގުލައިގެން ހިނގައިދާނެކަމަށް ބެލެވެނީ ޔުކްރެއިންގެ ސަރުކާރަށް ހުޅަނގުން ފޯރުވާ ބާރާއި ނުފޫޒުގެ ސަބަބުން ޔުކްރެއިން އާއި ރަޝިއާއާ ދެމެދު ދާއިމީ ސުލްހައެއް އަވަސް ފުރުސަތެއްގެ ތެރޭގައި ގާއިމު ކުރެވިދާނެކަމަށް ނުބެލެވޭތީއެވެ.

ޔުކްރެއިން ތެރެއިން ރަޝިއާގެ ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ނާންނާނެކަމުގެ ގެރެންޓީ ލިބެންދެނާއި ޔުކްރޭންގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ މީހުންގެ ހައްގުތައް ރައްކާތެރި ކުރެވޭނެ މާހައުލެއް ގާއިމްވަންދެން ހަނގުރާމަ ކުރިއަށްދާނެކަމަށް ޕޫޓިން ވިދާޅުވިއެވެ.

ރަޝިއާގެ ބަނޑު ދަށުގައި އޮންނަ ބޮޑު ގައުމެއް ކަމަށްވާ ޔުކްރޭންގައި ވެރިކަންކުރަނީ ހުޅަނގަށް ވަރަށް ބޮޑަށް ތާއީދުކުރާ ސަރުކާރަކުންނެވެ. ރަޝިއާ ބުނާގޮތުން އެގައުމުން ޔުކްރޭންއާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް (ހަނގުރާމަ) ފެށީ ޔުކްރޭންގެ ތެރެއަށް އެމެރިކާ ނޫނީ ނޭޓޯ ވަދެގެން ރަޝިއާގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާކުރާނެކަމުގެ ބިރު އޮތުމުން އެކަން ހުއްޓުވުމަށާއި ޔުކްރެއިންގެ ހަރުކަށި ފިކުރުގެ މީހުން (ނާޒީ ފިކުރުމުގެ މީހުން) ޔުކްރޭންގެ ރަޝިއާ ނަސްލުގެ މީހުންނަށް ކުރަމުންގެންދާ ގޯނާތައް ހުއްޓުވުމުގެ މަގުސަދުގައެވެ.

ރަޝިއާ އަށް ދޫ ނުދިނުމަށް ޔުކްރެއިން އަށް ހިއްވަރުދީ ހަނގުރާމައަށް ދަރުއަޅާ އެންމެ ބޮޑު ގައުމު ކަމަށްވާ އެމެރިކާގެ ރައީސް ބައިޑެން

އެހެންކަމުން ހަނގުރާމަ ހުއްޓާލާނީ މިދެމަގްސަދު ހަނގުރާމައިން ނޫނީ ޔުކްރޭންއާއެކު ސޮއިކުރާ ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން ހާސިލް ކުރެވުމުން ކަމަށް އަބަދުވެސް ރަޝިއާ ބުނެއެވެ. ރަޝިއާއަށް ސަލާމަތީ ގެރެންޓީ ދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމާ އަދި ނޭޓޯއަށް ނުވަދެ އަސްކަރީގޮތުން ވަކިފަރާތަކަށް ނުޖެހޭ (ނިއުޓްރަލް) ގައުމެއްގެ ގޮތުގައި ޔުކްރެއިން އޮތުން ނޫންގޮތެއް މިހާރުނެތްކަންވެސް ގަބޫލުކުރައްވާކަމަށް ޔުކްރެއިންގެ ރައީސް ވްލަޑީމީރު ޒެލެންސްކީ އެއްފަހަރަށްވުރެ ގިނަ ފަހަރު ވިދާޅުވެފައިވެއެވެ.

ނަމަވެސް ޔުކްރެއިންގައި ދިރިއުޅޭ ރަޝިއާ ނަސްލުގެ މީހުންނަށް ޔުކްރެއިންގެ ގައުމީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުންކުރިމަތިވާ މައްސަލަ ހައްލުކުރާނެ ގޮތެއް ޒެލެންސްކީ ވިދާޅެއް ނުވެއެވެ. އަދި ޒެލެންސްކީ ވަނީ ޔުކްރެއިންގައި ދިރިއުޅޭ ރަޝިއާ ނަސްލުގެ މީހުންގެ ސަރަހައްދުތައް ކަމަށްވާ ކްރައިމިއާ އާއި ދުންބާސް ސަރަހައްދު ޔުކްރޭންއާ ވަކިވެގަތުމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.

ކްރައިމިއާއަކީ 2014 ވަނަ އަހަރު ޔުކްރެއިންއާ ވަކިވެގަނެ މިނިވަންކަން އިއުލާން ކުރުމަށްފަހު ރަޝިއާއާ ގުޅި އިއްތިހާދުވެފައިވާ ސަރަހައްދެކެވެ. ދުންބާސްގައި އޮންނަ ލޮޣާންސްއާއި ދޮނިއެސްކް ވެސް ވަނީ ޔުކްރެއިން އާ ވަކިވެގަނެ މިނިވަންކަން އިއުލާން ކޮށްފައެވެ. އަދި ރަޝިއާ ވަނީ އެއީ މިނިވަން ދެ ޖުމްހޫރިއްޔާ ކަމަށް އިއުތިރާފުވެފައެވެ. ނަމަވެސް އެދެ ޖުމްހޫރިއްޔާއިން ދެގައުމުގެ ގޮތުގައި އަދި ރަޝިއާ އާ އިއްތިހާދު ހަދާފައެއް ނުވެއެވެ.

ހާލުގައި ޖެހިފައިވާ ޔުކްރެއިންގެ ރެފިއުޖީން

ރަޝިއާއިން ޔުކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގާ ރަޝިއާ ކުރިން ގެންގުޅުނު ސްޓްރެޓެޖީ މިހާރުވަނީ ބަދަލުކޮށްފައެވެ. ކުރިން ރަޝިއާ ގެންގުޅުނީ ޔުކްރެއިންގެ ވެރިރަށް ކިޔޭވްގެ ވަށާއިގެންވާ ސަރަހައްދުގައި ހަނގުރާމަ ކުރުމުގެ ސްޓްރެޓެޖީއެވެ. އެހަނގުރާމައިގެ ބޭނުމަކީ ކިޔޭވް ހިފައިގެން ނޫނީ އެސަރަހައްދު ވަށާލައި ޔުކްރެއިންނަށް ޕްރެޝަރުކޮށްގެން ރަޝިއާގެ މަގްސަދުތައް ހާސިލްކުރުންކަމަށްވަނީ ބެލެވިފައެވެ.

ނަމަވެސް ކިޔޭވް ސަރަހައްދަކީ އެއްގަމު މަގުން ރަޝިއާއަށް ފުރިހަމަ ކޮންޓްރޯލް ނެގޭނެ ސަރަހައްދެެއް ނޫންކަން ރަޝިއާއަށް ވިސްނުމުން މިހާރު ރަޝިއާ ވަނީ ކިޔޭވްގެ ވަށައިގެންވާ ސަރަހައްދުތަކުން ފައިބައި ޔުކްރޭންގެ އިރުމަތީގައިވާ ދުންބާސް ސަރަހައްދާއި އިރުދެކުނުގައިވާ މެރިއަޕޯލް، އޮޑެއްސާ އަދި ކަޅުކަނޑާއި އަޒޯފް ކަނޑުގެ އައްސޭރިފަށުގައިވާ ޔުކްރޭންގެ ސަރަހައްދުތައް ރަޝިއާގެ ކޮންޓްރޯލް ދަށަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ.

ދުންބާސްގެ 95 އިންސައްތައާ އަދި މެރިއަޕޯލްގެ ގާތްގަނޑަކަށް 80 އިންސައްތައާއި ކަޅުކަނޑާއި އަޒޯފް ކަނޑުގެ އައްސޭރިފަށުގައިވާ ޔުކްރޭންގެ ސަރަހައްދުތައް ގާތްގަނޑަކަށް މިހާރުވަނީ ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ. ނަމަވެސް އޮޑެއްސާގެ ކޮންޓްރޯލް ރަޝިއާއަށް އަދި ނުނެގެއެވެ.

މި ސަރަހައްދުތަކަކީ ޔުކްރެއިންގެ އެންމެ އުފެއްދުންތެރި އަދި އެންމެ ދަނޑުވެރި އަދި އެންމެ ގިނަ ގުދުރަތީ ވަސީލަތްތައް ހުރި ސަރަހައްދުތަކެވެ. މިގޮތުން ޔުކްރޭންގެ ގައުމީ އާމްދަނީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އަދި ގުދުރަތީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 70 ޕަސެންޓު ހުރިކަމަށްވަނީ މިސަރަހައްދުތަކުގައެވެ. މިހުރިހާ ސަރަހައްދުތަކަށް ބަލާއިރު މިއީ ޔުކްރެއިންގެ ބިމުގެ ގާތްގަނޑަކަށް 20 ޕަސެންޓުވެސްމެއެވެ.

ރަޝިއާގެ ހަމަލާ ތަކުގައި ފުނޑުފުނޑުވެ ސުންނާފަތި ވެފައިވާ ޔުކްރޭންގެ މަރިއަޕޯލް

ރަޝިއާ ދެކޭގޮތުގައި ޔުކްރޭންފަދަ ބިމުގެ ގޮތުން ބޮޑު ގައުމެއް އެއްކޮށް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި މިފަދަ މުހިންމު ސްޓްރެޓީޖިކް ސަރަހައްދުތައް ކޮންޓްރޯލް ކުރަން ފަސޭހަވެފައި ލިބޭ ގެއްލުންވެސް ކުޑަވާނެއެވެ. އަދި އެކަމުގެ ސަބަބުން ރަޝިއާ ބޭނުންވާގޮތަށް ސުލްހައާއި ރައްކާތެރިކަމާ އަދި ސަލާމަތާބެހޭ ގެރެންޓީ ދޭން ޔުކްރެއިންއަށް މަޖުބޫރު ކުރަންވެސް ފަސޭހަވާނެއެވެ.

އަނެއްކޮޅުން ޔުކްރެއިންގައި ދިރިއުޅޭ ރަޝިއާ ދަރިކޮޅުގެ މީހުންގެ ގާތްގަނޑަކަށް ތިން ބައިކުޅަ ދެބައި މީހުން ދިރިއުޅޭކަމަށްވަނީ މިސަރަހައްދުތަކުގައެވެ. ޔުކްރޭން އާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައާ ބެހޭގޮތުން އިއްޔެ ދެއްވި ތަގްރީރުގައި ޕޫޓިން ވިދާޅުވީ އެމެރިކާއާއި ޔޫރަޕުން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކިތަންމެ ގިނަވެފައި އެފިޔަވަޅުތައް ދިގުލައިގެން ދިޔަނަމަވެސް އެއީ ރަޝިއާގެ އަސްކަރީ ހަރަކާތްތައް ހުއްޓުވޭ ވަރުގެ ވަރުގަދަ އަދި ރަޝިއާގެ ސިޔާސަތު ބަދަލުކުރެވޭވަރުގެ ގާބިލްކަންހުރި ފިޔަވަޅުތަކެއް ނޫން ކަމަށެވެ.

މީގެބަދަލުގައި އެފިޔަވަޅުތައް ދިގުލައިގެން ގޮސްފިނަމަ އޭގެ ގެއްލުންވެސް ބޮޑަށް ލިބޭނީ އެމެރިކާއަށާއި ޔޫރަޕަށްކަން ޕޫޓިން ފާހަގަ ކުރެއްވިއެވެ. އެމެރިކާއާއި ޔޫރަޕްގެ ފިޔަވަޅުތަކުން ރަޝިއާއަށް މާބޮޑު ގެއްލުމެއް ނުލިބެނީ ޗައިނާއާއި އިންޑިއާފަދަ ބޮޑެތި ގައުމުތަކުން އެމެރިކާގެ ފިޔަވަޅުތަކަށް ބޯ ނުލަނބައި ރަޝިއާއަށް އެއްބާރުލުން ދޭތީއެވެ. އަދި އެމެރިކާއާއި ނޭޓޯގެ ގައުމުތަކާއި ސިންގަޕޫރާއި ޖަޕާނާއި ދެކުނު ކޮރެއާ ނޫން އެހެން ގައުމުތަކުން މިިފިޔަވަޅުތަކަށް ބޯ ނުލަނބާތީއެވެ.

ޔުކްރޭނާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ޔުކްރޭންގެ ސިނާއަތާއި ދަނޑުވެރިކަމުގެ އުފެއްދުންތަކާ އެނޫންވެސް ހުރިހާ އުފެއްދުންތަކެއް 60 ޕަސެންޓަށް ވަނީ ދަށަށް ގޮސްފައި ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އަނެއްކޮޅުން ޔުކްރެއިންގެ ބޮޑުބައެއް ހަނގުރާމައިގެ ސަބަބުން ހަލާކުވެ ވީރާނާވެ އިންފްރާސްޓްރަކްޗާ ފުނޑުވެ އެތައް މިލިޔަން ބަޔަކު ރެފިއުޖީންނަށް ވެފައިވާއިރު ދިގުމުއްދަތަކަށް ހަނގުރާމަ ދަންމާލައިފިނަމަ ރަޝިއާ ބޭނުންވާ ދޫތައްދޭން ޔުކްރޭނަށް މަޖްބޫރުވާނެކަމަށް ރަޝިއާ ދެކެއެވެ.

ރަޝިއާ އާ ދެކޮޅަށް ޔުކްރޭނަށް އެހީތެރިވަނީ އެމެރިކާއާއި ނޭޓޯގައި ހިމެނޭ ގައުމުތަކުން އެކަންޏެވެ. އެގައުމުތަކުން ޔުކްރެއިނަށް ދޭ ހަތިޔާރާއި ފައިސާއާއި ލޮޖިސްޓިކް ސަޕޯޓާ ސިޔާސީ ސަޕޯޓާ އަދި ޖާސޫސީ މައުލޫމާތުތަކުން ޔުކްރޭނަށް ރަޝިއާގެ ކުރިމަތީގައި ކޮންމެވެސް ވަރަކަށް އަސްކަރީ ގޮތުން ހިފަހައްޓާލެވުނު ނަމަވެސް ރަޝިއާގެ އެތެރެއަށް އެއްވެސް ހަމަލާއެއް ދިނުމުގައި ޔުކްރޭން ވަނީ ނާކާމިޔާބުވެފައެވެ.

ޔުކްރެއިންގެ ވިލެޖްތައްވެސް ހަނގުރާމައިގާ ސުންނާފަތި ވެފައި

ހުރިހާ ހަނގުރާމައެއް ހިނގަނީ ޔުކްރޭންގެ ބިމުގައި ކަމުން ހުރިހާ ގެއްލުމެއް ލިބެނީ ޔުކްރެއިން އަށެވެ. މަރުވަނީ ޔުކްރެއިންގެ ސިފައިންނާއި އާންމުންނެވެ. ޔުކްރެއިންގެ އެތެރެއަށް ވަދެގެނެ ހަނގުރާމަކުރާ ރަޝިއާގެ ސިފައިންނަށާއި ރަޝިއާގެ ހަތިޔާރުތަކަށް ގެއްލުންތައް ލިބެމުންދިޔަނަމަވެސް ރަޝިއާގެ އެތެރޭގެ އެއްވެސްކަމަކަށް މާބޮޑު ބުރުލެއް އަރާފައެއްނުވެއެވެ. އަދި ރަޝިއާގެ އާންމުންނަށް އެއްވެސް ގެއްލުމެއް ލިބެމުން ނުދެއެވެ.

އެމެރިކާއާއި ޔޫރަޕުން އެޅި ދަތިކުރުމުގެ އެތަށް ހާސް ފިޔަވަޅުތަކުގެ ސަބަބުން ކުރީކޮޅު ރަޝިއާގެ ފައިސާގެ އަގުވެއްޓިގެން ދިޔަނަމަވެސް ރަޝިއާ ޔޫރަޕަށް ފޯރުކޮށްދޭ ތެލާއި ގޭހުގެ އަގު ޑޮލަރާއި ޔޫރޯގެ ބަދަލުގައި ރަޝިއާގެ ފައިސާ ކަމަށްވާ ރުބެލްއިން ދައްކަންޖެހޭ ގޮތަށް ރަޝިއާ ނިންމުމުން ރުބެލްގެ އަގުވަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކުރީގައި އޮތްވަރަށްވުރެވެސް މައްޗަށް ގޮސްފައެވެ. މިއާއެކު ރަޝިއާއަށް ކުރިމަތިވާ އިގްތިސާދީ ދަތިތަކުން އަރައިގަނެވޭނެ ގޮތް އެގައުމަށްވަނީ ފަހިވެގެން ގޮސްފައެވެ.

އަނެއްކޮޅުން ރަޝިއާ ޗައިނާއާއި އިންޑިއާ ފަދަ ބޮޑެތި ގައުމުތަކާ އެމެރިކާގެ ޑޮލަރުގެ ބަދަލުގައި އެގައުމުތަކުގެ ފައިސާއިން މުއާމަލާތްކުރަން ފެށުމުން އެމެރިކާ ޑޮލަރުގެ މައްޗަށް ބިނާވެފައިވާ ސްވިފްޓް ނިޒާމަށްވެސް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިއީ ޑޮލަރު ނޫން މާލީ ނިޒާމެއް އުފެދިގެންދިޔުމުގެ ކޮޅުމަތި ކަމަށްވާތީ މިއީ ސްޓްރެޓީޖިކް ގޮތުން އެމެރިކާއަށް މުސްތަގްބަލްގައި ލިބިގެންދާނެ ބޮޑު ގެއްލުމެއްގެ ފެށުންކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

މީގެއިތުރުން އެމެރިކާގެ ފިޔަވަޅުތަކަށް ޗައިނާއާއި އިންޑިއާ ހިމެނޭގޮތަށް ދުނިޔޭގެ 157 ގައުމަކުން އަމަލު ނުކުރުމަކީވެސް އެމެރިކާގެ ބާރު ދުނިޔޭގައި ކުޑަވާން ފަށައިފި ކަމުގެ އިހްސާސު ފުރަތަމަ ފަހަރަށް އެމެރިކާއަށް ކުރެވިގެން ދިޔަކަމެއް ކަމަށް މިފަރާތްތަކުން ދެކެއެވެ. ރަޝިއާ ދެކޭގޮތުގައި އެމެރިކާގެ ބަސް އަހައިގެން ޔުކްރެއިން ދޫނުދީ ހަނގުރާމަ ދިގު ދެންމުމުން މުސްތަގްބަލްގައި ހިތާމަކުރަންޖެހޭނީ ޔުކްރެއިންއެވެ. އެއީ ރަޝިއާއާ ދެކޮޅަށް ހަނގުރާމައަކަށް ހުޅަނގުގެ އެއްވެސް ގައުމަކުން ނުވަންނާނެތީ ހަލާކުވެ ވީރާނާވެގެންދާނީ ޔުކްރެއިން ކަަމަށްވާތީއެވެ.

ރަޝިއާއަކީ، އެމެރިކާއިން އަފްޣާނިސްތާނުގެ ހަނގުރާމަ ކުރިޔަށް ގެންދިޔަ ގޮތަށް ޔުކްރޭން ހަނގުރާމަ ލަސް ދުވެއްޔެއްގައި ދިގުމުއްދަތަކަށް ކުރިޔަށް ގެންދެވޭފަދަ އަސްކަރީ އަމިއްލަ ޓެކްނޮލޮޖީއާއި އާބާދީއާ އަދި ގުދްރަތީ ވަސީލަތް ހުރި ގައުމެކެވެ. ނަމަވެސް ޔުކްރޭންއަކީ އެއަށްވުރެ ހުރިހާ ގޮތަކުންވެސް މާބަލިކަށި ގައުމެކެވެ. އެމެރިކާގެ އެހީގައި ހަނގުރާމަ ކޮށްލެވުނަސް ރަޝިއާގެ މައްޗަށް އަސްކަރީ ގޮތުން ގަދަވެގަނެވޭވަރުގެ އެހީއެއް އެމެރިކާއަކަށްވެސް ޔުކްރޭން އަކަށް ނުދެވޭނެއެވެ. ޔުކްރޭންއާއި ރަޝިއާ އަކީ އެއަށްވުރެ މާ ފަރަގު ބޮޑު ދެގައުމެވެ.