"އައްދިޔޯތް..." މާކިންއަށް ބުނެވުނެވެ. އެއަށްފަހު އޭނާ އިސްއުފުލައިލިއެވެ.

"އޯހް! އައި އެމް ސޯ ސޮރީ..." ކުރިމަތީގައި ހުރި ޒުވާން އަންހެން ކުއްޖާ ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ. މާކިންއަށް ހިނދުކޮޅަކަށް އެ އަންހެން ކުއްޖާއަށް ނަޒަރު ހުއްޓާލައިގެން ހުރެވުނެވެ. އެއީ ހަންގަނޑުގެ ކުލަ އަލި ރީތި ކުއްޖެކެވެ. އޭނާގެ ފަން އިސްތަށިގަނޑު ދޫކޮށްލާފައިވާއިރު މޭކަޕަކާއި ނުލާވެސް އެހާ ރީއްޗެވެ. ކޮނޑުގައި އޭނާ އަޅުލާފައިވާ އަތް ދަބަސް އޮތްއިރު، އެއް އަތުގައި އަވިއައިނެއް އޮތެވެ. ޗޮކްލެޓް ކުލައިގެ އެ ބޮޑު ދެލޮލުން މާކިންއަށް ޖެއްސީ ކޮން ޖާދޫއެއްކަމެއް ނޭނގުނެވެ. ވަށައިގެންވީ މާހައުލު މަތިންވެސް އޭނާ ހަނދާންނެތްފަދައެވެ.

"އައި އެމް ސޮރީ..." މާކިންއަށް ހަމަބިމަށް އާދެވުނީ އެ ކުއްޖާގެ އަޑާ އެކުގައެވެ.

"އިޓްސް އޯކޭ..." އެ އަންހެން ކުއްޖާއަށް ބަލަހައްޓައިގެން ހުރެ މާކިން ބުނެލިއެވެ. މާކިން ބަލާވަރުން ކަންނޭނގެއެވެ. އެ ކުއްޖާގެ ތުންފަތް މައްޗަށް ވެސް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ.

"ތޭންކްސް." އެ ކުއްޖާ އެހެން ބުނެފައި ނުކުންނަން ވެގެން އުޅުނެވެ. އެ ކުއްޖާގެ ފަހަތުން އިތުރު ދެ ކުދިންވެސް ނުކުތެވެ. މާކިން އަށް ބަލަންހުރި ނާޒިލްގެ ތުންފަތް މަތީގައި ލާނެތް ހިނިތުންވުމެއް ދުވެލިއެވެ. އޭނާ އައިސް މާކިންގެ ކޮނޑުގައި ޖަހައިލިއެވެ.

"އޭތް. ދީވާނާ ވާ ވަރެއް އަދި ނުވެޔޭ. ތީ އެންމެ ފުރަތަމަ ފެނިލުމޭ!" ނާޒިލް ދިމާކޮށްލިއެވެ.

"ބަލަ ފުރަތަމަ ނަޒަރުންވެސް މީހުން މީހުންނަށް ހިތް ކިޔައޭ... ފުރަތަމަ ނަޒަރުން ލޯބިވުމޭ ކިޔަނީ ކަމެއް ވީމަ ދޯ..." ދޫދޭން ބޭނުންނުވެ ހުރެ މާކިން ވެސް އެއަށް ޖަވާބު ދިނެވެ.

"ދެން ތިބުނީ އެހާ އަވަހަށް އެ ކުއްޖާ ދެކެ ލޯބިވިއްޔޭތަ؟" ނާޒިލް ބުނެލިއެވެ.

"އުހުން. އެހެން ނުބުނަމެއްނު. އެކަމަކު ގަޔާވާ ކަހަލަ ގޮތެއް އެބަ ހުރިދޯ" މާކިން ބުނެލިއެވެ.

"ހޫން ހެވޭ ދެން. ހިނގާ އެތެރެއަށް." ނާޒިލްގެ ފަހަތުން މާކިންވެސް އެތެރެއަށް ވަނެވެ. ބޭރު ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ދިމާލުގައި ހުރި މޭޒެއްގެ ދޮށުގައި ދެމީހުންވެސް އިށީނެވެ. އެއަށްފަހު އެމީހުން ދެމީހުންވެސް ކޮފީއަކަށް އޯޑަރު ދިނެވެ. ލަސްތަކެއްނުވެ ކޮފީ އައުމާއެކު އެ ބޮއިގެން ދެމީހުން އެކުގައި ނުކުމެގެން މިސްރާބުޖެހީ ޕާކިން އޭރިޔާއާ ދިމާލަށެވެ. މާކިންއާ ނާޒިލްއާ ދެމީހުންވެސް ކޮލެޖަށް އަންނަނީ އެއް ގަޑިއެއްގައިކަމުން ދެމީހުން އަންނަނީ ނާޒިލްގެ ކާރުގައެވެ.

ދެމީހުން ކާރަށް އަރާ އިށީނެވެ. ދުއްވަން އިނީ ނާޒިލްއެވެ.

"ނިންމާ ގޮތަށް އެކޮޅަށް ދާންތަ ވިސްނަނީ؟" ނާޒިލް މާކިންއާ ސުވާލުކޮށްލިއެވެ.

"އާނ. ނިމުނީމަ ދެން ރާއްޖެ ދާނީ. ލަހެއް ނުކުރާނަން. އަނެއްކާ ކަލޭ ތި ވިސްނަނީ މީހަކާ އިނދެގެން މިތާ ގެދޮރު ބިނާކުރަންތަ؟" މާކިން ބުނެލިއެވެ.

"އާނ. ކީއްކުރަން ރާއްޖެ ދަނީ..." ނާޒިލްގެ ޖަވާބާއެކު މާކިން އޭނާއަށް ފާޑަކަށް ބަލައިލިއެވެ.

"ކިހިނެއްވީ؟ ފާޑަކަށް ތިބަލަނިއްޔޯ. މަ ވެސް ދެން އުމުރު ދުވަހު މިތާ އުޅޭކަށް ނުވިސްނާނެދޯ. މަ ކިޔަވަނީ ސްކޮލަރޝިޕެއްގެ ވީމަ ފަސް އަހަރުގެ ބޮންޑެއްވެސް އިންނާނެ. އަނެއްކޮޅުން މަގޭ މުޅި އާއިލާވެސް އޮތީ އެކޮޅުގަ." ނާޒިލް ބުނެލިއެވެ.

"މަ ބުނަންތަ ރަނގަޅު ވާހަކައެއް." ނާޒިލް ހީގަތެވެ.

"ހޫން! ބުނެބަލަ!" މާކިން ބުނެލިއެވެ.

"މަށަށް ފެންނަނީ ދެންމެ ދިމާވި އަންހެން ކުއްޖާއަކީ ކޮންތާކު ކުއްޖެއްތޯ ބަލަން. ބަލާ ބެލުމަށް ރާއްޖެ ވައްތަރު ދޯ ޖަހަނީ..." ނާޒިލް މަގުމައްޗަށް ސަމާލުލަން ދީގެން އިނދެ ވާހަކަ ދެއްކިއެވެ.

"މަ ކީކުރަން އެއެއް ބަލަނީ؟" މާކިން ދެފަރާތަށް ބޯ ހޫރައިލިއެވެ. ނާޒިލް އޭނާއާ ދިމާކުރުން ނުހުއްޓާނެކަން އޭނާއަށް އެނގޭފަދައެވެ.

"ދިޔުމުގެ ކުރިން އެބަ ޖެހެއެއްނު އެކަން ކާމިޔާބުކުރަން..." ނާޒިލް ބުނެލިއެވެ. އެމީހުން ހިފާފައިވާ އެޕާރޓްމެންޓު ހުންނަ ސަރަހައްދާ ހިސާބަށް ދެވެން ދެންވެސް ދެ އެކުވެރިން ތިބީ އެފަދަ ވާހަކަތަކެއްގައެވެ. ކާރު ޕާކުކޮށްލާފައި ދެ އެކުވެރިންވެސް ގޮސް އެމީހުން އުޅޭ އެޕާރޓްމެންޓްތައް ހުންނަ ބަޔަށް ވަނެވެ. ލިފްޓް ކައިރީގައި ފުދޭވަރަކަށް މީހުން ގިނައެވެ.

ލިފްޓް އައުމާއެކު ދެމީހުންވެސް ލިފްޓަށް އެރިއެވެ. އެމީހުން އުޅެނީ ސާދަވަނަ ފްލޯގައި ކަމުން ނާޒިލް ބަޓަނަށް ފިއްތައިލިއެވެ. އެ ފްލޯއަށް އާދެވުމުން ފޭބިއެެވެ. ނާޒިލް އޭނާގެ ކީ ކާޑު ނަގަން ޖީބަށް އަތް ކޮށްޕައިލިއެވެ.

"އޭތް! ކޮބާ ކީ ކާޑު؟" ނާޒިލްއަށް ބުނެވުނެވެ.

"މަށަށްތަ އިނގެނީ ކަލޭގެ ކީ ކާޑު ވީތަނެއް. މަޑުކުރޭ، މަމި ނަގަނީ" މާކިން ދެފަރާތަށް ބޯ ހޫރައިލިއެވެ. އެއީ ތަނަވަސް ހިތްފަސޭހަ ބޮޑު އިމާރާތެކެވެ. ކޮންމެ ފްލޯއެއްގައި ފަސް އެޕާރޓްމެންޓް ހުރެއެވެ. މާކިން އޭނާގެ ކީ ކާޑު ނަގާ ދޮރު ހުޅުވައިލިއެވެ. ޖާގަ ބޮޑު ތަނަވަސް އެ އެޕާރޓްމެންޓުގައި ދެ ކޮޓަރިއާއި ސިޓިން ރޫމެއްގެ އިތުރުން ކައްކާ ތަންކޮޅެއް ހުއްޓެވެ. ސިޓިން ރޫމު ސޯފާތަކުގެ ކުރިމަތީ ފާރުގައި ބޮޑު ޓީވީއެއް ހަރުކޮށްފައިވާއިރު، ގޭމްކުޅެން ބޭނުންކުރާ ސާމާނުތައް ހުއްޓެވެ. ސޯފާމަތީގަޔާއި ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި އޭރުވެސް ފޮތްތައް އަތުރާފައި ހުއްޓެވެ. ބައެއް ފޮތްތައް ޓައިލްސްތަކު މައްޗަށް ވެރިފައިވާއިރު މުޅި އެ ސަރަހައްދުގެ ތަރުތީބުކަން ގެއްލިފައިވެއެވެ.

"މީހަކު ރޭގަ ކިޔަވާފަ އެބަހުރި." މާކިން ބުނެލިއެވެ. ނާޒިލް ބޯ ކަހައިލިއެވެ.

"ފައިނަލް ފެށެންނޭ އުޅެނީ. ކަލެމެން ހާ ފަސޭހައެއް ނޫނޭ އަހަރުންގެ އެގްޒާމްއާ އެއްޗިއްސެއް"

"މަ މި ވަންނަނީ ކޮޓަރިއަށް ފެންވަރަން. މިތަން ސާފުކުރާތި!" މާކިން އެހެން ބުނެލާފައި ގޮސް ކޮޓަރީގެ ދޮރުފަތް ލައްޕައިލިއެވެ.

*****

ރޭގަނޑުގެ ވަގުތެވެ. އެނދުގައި އޮށޯވެލައިގެން އޮތް މިޝްޔާއަށް އުނދަގޫވަނީއެވެ. ކޮންމެވެސް އެއްޗަކަށް ބޭނުންވަނީއެވެ. އެއީ ކޯންޗަކަށްކަންވެސް އޭނާއަށް އެނގެއެވެ. އެނދުން ތެދުވުމާއެކު އޭނާ އިށީނެވެ. ސައިޑް ކަބަޑު މަތީގައި އޮތް ވޮލެޓަށް ބަލައިލުމާއެކު، މިޝްޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު މިޝްޔާ ތެދުވިއެވެ. އޭނާ ހިނގައިގަތީ ޑްރެސިން ޓޭބަލާ ދިމާލަށެވެ. ސިގިރެޓް ފޮށު ނަގައިގެން ގޮސް ބެލްކަންޏަށް ނުކުމެލިއެވެ. ޖެހެމުންދިޔައީ ތެތްފިނި ވައިރޯޅިތަކެކެވެ. މިޝްޔާ ސިގިރެޓް ފޮށިން ސިނގިރެޓެއް ނަގާ ރޯކޮށްލިއެވެ. އެއަށްފަހު ފަހަރަކު ސިނގިރެޓެއް ބޮމުން ދިޔައެވެ. އެކަމުން ވެސް އޭނާއަށް މާ ބޮޑު ހިތްހަމަ ޖެހުމެއް ނުލިބުނެވެ. ވުމާއެކު އެނބުރި ކޮޓަރިއަށް ވަނުމަށްފަހު، އަނެއްކާވެސް ޑްރެސިންޓޭބަލް ވަތްގަނޑު ހުޅުވައިލިއެވެ. އެއަށްފަހު އޭނާ އޭގެ ތެރެއިން ނެގީ މަހުމާ ފޮއްޓެކެވެ. ދެ ވިސްނުމެއްގައި ހުރި މީހަކު ފަދައިން މިޝްޔާ އެ ފޮށި ހުުޅުވައިލިއެވެ. އޭގެ ތެރޭގައި އޮތް ރަންކެވެލި ކޮޅު ނެގުމަށްފަހު އޭނާ އެއަށް ބަލައިލިއެވެ. ވިދާ އެސްތަކެއްޖަހާފައި ހުރުމުން އޭގެ ރީތިކަން އިތުރުކޮށްދެއެވެ. އެ ނެގުމަށްފަހު އޭނާ އަތުގެ މުށު ތެރޭގައި އޭތި ކޮޅު ފޮރުވައިލިއެވެ. އެއަށްފަހު ކޮޓަރިން ނުކުންނަން މިސްރާބުޖެހިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން މިޝްޔާ ގެއިން ނުކުންނަ ބޮޑު ދޮރާ ދިމާލަށް ހިނގައިގަތެވެ. އޭނާގެ ފިޔަވަޅުތައް މަޑުޖެހުނީ ރިފްއަތުގެ އަޑު އިވިފައެވެ.

"މިޝްޔާ!"

މިޝްޔާ އެނބުރި ބަލައިލުމެއްނެތި އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.

"މިޝްޔާ! އަހަރެން މިގޮވަނީ މިޝްޔާއަށޭ..." ރިފްއަތުގެ އަޑު ބާރުވިއެވެ. މިޝްޔާ ފިޔަވަޅުތައް މަޑު ޖައްސައިލުމަށްފަހު، އެނބުރިލިއެވެ. ރިފްއަތު އައިސް މިޝްޔާގެ ކައިރިއަށް ހުއްޓިލިއެވެ. އެއާއެކު އޭނާއަށް މިޝްޔާގެ ކައިރިން ދުވީ ސިނގިރެޓް ވަހެވެ.

"ކޮންތާކަށް ތިދަނީ؟" ރިފްއަތު ސުވާލުކޮށްލިއެވެ.

"ބޭރަށް." މިޝްޔާ ޖަވާބު ދިނެވެ.

"އެނގޭ މިޝްޔާ ތިދަނީ ބޭރަށް ކަން. ކޮންތާކަށްހޭ މި ސުވާލުކުރަނީ..." ރިފްއަތު އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ބޭރަށް." ކުރިންވެސް ދިން ޖަވާބު މިޝްޔާ ދިނެވެ. އޭނާ އިތުރު އެއްޗެއް ނުބުނެ ފަސްއެނބުރުނެވެ. ރިފްއަތު ދައްކަމުން ދިޔަ ވާހަކައަކަށް ސަމާލުކަން ނުދީ މިޝްޔާ ނުކުމެގެން ދިޔަތަން ބަަލަން ހުރި ރިފްއަތަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނާއަށް ބޮލުގައި ހިފައްޓައިލެވުނެވެ.

ގެއިން ނުކުމެގެން މިޝްޔާ ހިނގައިގަތީ ބާރު ފިޔަވަޅުތަކެއްގައެވެ. ދާންޖެހޭ ހިސާބު ކިތަންމެ ދުރު ނަމަވެސް ޓެކްސީއެއް ނެގޭ ވަރަށްވެސް އޭނާގެ އަތުގައި ލާރިއެއް ނެތެވެ. ހެންވޭރުކޮޅުން މާފަންނު ކޮޅާ ހިސާބަށް ހިނގާފައި އާދެވުނުއިރު މިޝްޔާ ހުރީ އާދަޔާ ޚިލާފަށް ވަރުބަލިވެފައެވެ. ވަކި ހިސާބަކުން ފިޔަވަޅުތައް މަޑުކޮށްލުމަށްފަހު، މިޝްޔާ ދެފަރާތް ބަލަލިއެވެ. އެއަށްފަހު މަގުހުރަސްކުރުމަށްފަހު އޭނާ ވަނީ ހަނި ގޯޅިއެއް ތެރެއަށެވެ. އެއްފަރާތުގައި ހުރި ސިޑިން މިޝްޔާ މައްޗަށް އެރިއެވެ. ދޮރުފަތުގައި ޓަކި ޖަހައިލުމަށްފަހު މިޝްޔާ މަޑުކޮށްލިއެވެ. ލަސްތަކެއްނުވެ އެތެރެއިން ދޮރު ހުޅުވައިލިއެވެ. މިޝްޔާ އެތެރެއަށް ވަނުމާއެކު، އެތަނުގައި ހުރި ފިރިހެންވީމާ މިޝްޔާއަށް ފުންކޮށް ބަލައިލިއެވެ. އިސްތަށިގަނޑު ދިގުކޮށް ހުރި އެ މީހާގެ އަތާ ފައިގައި ތަފާތު ވައްތަރުގެ ޗޭނު އަޅާފައި ހުއްޓެވެ. އެތެރޭގައި ދެ ޖިންސުގެ ޒުވާނުން މަސްތުގެ އަވައިގައި ޖެހި ޕާޓީ ކުރަމުން ދިޔައިރު އެތަނުގައި ހުރީ މިއުޒިކް ޖަހާފައެވެ. އެކިކުލަކުލައިން ނިވި ދިއްލޭ ލައިޓްތަކުގެ ސަބަބުން ދެލޮލަށް އުނދަގޫވާގޮތެއް ހުރިނަމަވެސް، އެމީހުންގެ އަމިއްލަ ދުނިޔޭގައި ޣަރަގުވަމުންދިޔަ އެ ޒުވާނުންނަށް އެކަމުން އެއްވެސް އަސަރެއް ނުކުރާ ފަދައެވެ.

މިޝްޔާގެ ނަޒަރު ހުއްޓުނީ އެއްފަރާތު މޭޒެއްގެ ދޮށުގައި ހުރި ގޮނޑީގައި އިށީނދެގެން އިން ޒުވާނާއަށެވެ. އޭނާ އެ ދިމާލަށް މިސްރާބުޖެހިއެވެ. އޭރު އެ ޒުވާނާގެ ދެފަރާތުގައި ދެ އަންހެން ކުދިން ތިއްބެވެ. އެމީހުންގެ އަމަލުތައް ހުރިގޮތުން އެތިބީ ހަމަހޭގައި ނޫންކަން ޔަޤީން ކުރެވެއެވެ. މިޝްޔާ ފެނުމާއެކު ގޮނޑީގައި އިށީނުމަށް އެމީހަކު އިޝާރާތް ކޮށްލިއެވެ. މިޝްޔާ އޭނާގެ އަތުގައި އޮތް ކެވެލި ކޮޅު ދައްކައިލިއެވެ.

"ކިހާވަރެއް ލިބޭނެ؟" މިޝްޔާ ސުވާލުކޮށްލިއެވެ. އެ ފިރިހެންމީހާ މިޝްޔާގެ އަތުގައި އޮތް ކެވެލި ކޮޅަށް ރަނގަޅަށް ބަލައިލުމަށްފަހު، އަގު ކިޔެވެ.

"އޯކޭ..." މިޝްޔާ ބުނެލިއެވެ. ވަގުތުން އެ ފިރިހެން މީހާ މިޝްޔާއަށް އެ ކެވެލިކޮޅަށް ވީ އަގު ދިނެވެ.

"އެތިކޮޅެއް ބޭނުމެއް ނޫންތަ؟" މިޝްޔާއަށް ބަލައިލުމަށްފަހު އެ ޒުވާނާ ސުވާލުކޮށްލިއެވެ.

"މިރޭ ބޭނުން ތިނެއް..." އަތުގެ އިނގިލި ދައްކައިލުމަށްފަހު މިޝްޔާ ބުނެލިއެވެ. އެ ޒުވާނާ ދޮރު ހުޅުވައިލި ޒުވާނާއަށް އިޝާރާތް ކޮށްލުމާއެކު އޭނާ ބޯ ޖަހައިލުމަށްފަހު ދުރަށް ހިނގައިގަތެވެ. އެނބުރި އައިއިރު އަތުގައި ތިން ރަބަރު ޕެކެޓް އޮތެވެ. ލާރި ދައްކާފައި އެ ހިފައިގެން މިޝްޔާ ހިނގައިގަތުމާއެކު އެކަކު ގޮވައިލިއެވެ.

"މިރޭ މަޑު ނުކުރާނަންތަ؟"

"އާނ. ކުޑަކޮށް ބޮލުގައި ރިއްސާތީ..." ވަށައިގެންވީ މާހައުލަށް ނަޒަރު ހުއްޓައިލަމުން މިޝްޔާ ބުނެލިއެވެ. އެއަށްފަހު އޭނާ ހިނގައިގަތެވެ. އެތަނުން ނުކުމެގެން ޖީންސްގެ ޖީބަށް އެ ޕެކެޓްތައް ލަމުން މިޝްޔާ ހިނގައިގަތެވެ. މަގުމަތިން ދިޔަ ޓެކްސީއެއް ހުއްޓުވާ އެއަށް އަރައިގެން މިޝްޔާ ގެއާ ދިމާލަށް މިސްރާބުޖެހިއެެވެ. ޓެކްސީގައި އިންއިރުވެސް މިޝްޔާއަށް އިނދެވުނީ ދެފައި ތަޅުވައިލަ ތަޅުވައިލައެވެ. ހީވާކަހަލައެވެ. އޭނާ ވަނީ ކެތްމަދުވެފައެވެ.

ގެއާ ހިސާބަށް އާދެވުމާއެކު ލާރި ދީފައި މިޝްޔާ ޓެކްސީއިން ފޭބިއެވެ. އެއަށްފަހު ގޭޓުން އެތެރެއަށް ވަދެގެން ގެއަށް ވަންނަ މައި ދޮރާ ދިމާލަށް އަވަސް ފިޔަވަޅުތަކެއްގައި މިސްރާބުޖެހިއެވެ. ގޯތިތެރޭގައި ދިއްލާފައިވާ އެކި ކުލަ ކުލައިގެ ބޮކިތަކުގެ ސަބަބުން ތަނަށް ތަފާތު ރީތި ހުވަފެނީކަމެއް ގެނުވާފައިވީނަމަވެސް އެއިން އެއްވެސް ކަމަކަށް މިޝްޔާގެ ސަމާލުކަމެއް ނުލިބެއެވެ. އޭނާ ގެއަށް ވަދެ ސިޑިން އަރައިގން މިސްރާބުޖެހީ ކޮޓަރިއާ ދިމާލަށެވެ. ކޮޓަރިއަށް ވަނުމާއެކު ތަޅުލިއެވެ. އެއަށްފަހު ގޮސް ކާޕެޓު މަތީގައި އިށީނދެލިއެވެ. އަދި ޖީބުން ނެގި ތިން ރަބަރު ޕެކެޓް ނެގުމަށްފަހު، އެ ކާޕެޓު މަތީގައި ބޭއްވިއެވެ.

(ނުނިމޭ)