އެންމެ އަވަހަށް ވެސް ރިޔާސީ އިންތިހާބެއް ބޭއްވޭނީ 2013 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ކަމަށާއި އެއަށްވުރެ އަވަސް ތާރީހެއްގައި ރިޔާސީ އިންތިހާބު ބާއްވަން ބޭނުންނަމަ ޤާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.

އެމްޑީޕީގެ މެންބަރުންގެ ހަޅޭކުގެ އަޑާއެކު ރައްޔިތުންގެ މަޖިލީހުގައި މިއަދު އިއްވަމުން ދިޔަރިޔާސީ ބަޔާނުގައި ރައީސް ވަހީދު ހަރުއަދުފުޅުން ވިދާޅުވީ އަވަސް އިންތިހާބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ސިޔާސީ ލީޑަރުން އެއް މޭޒު ދޮށަށް ގެންނެވުމަށް ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ މިވަގުތަކީ އަޅުގަނޑުމެން އެންމެން އެއްބައިވެގެން، އެއް ރޫޙެއްގައި މަސައްކަތް ކުރުމުގެ ވަގުތު ކަމަށެވެ.

"އެހެންކަމުން، މިވަގުތަކީ އަޅުގަނޑުމެން އެންމެން އެއްބައިވެގެން، އެއް ރޫޙެއްގައި މަސައްކަތް ކުރުމުގެ ވަގުތު. ޕާޓީތަކުގެ މެދުގައި ޚިޔާލުތަފާތުވާ ކަންތައްތަކުގައިވެސް މަޝްވަރާގެ މޭޒުދޮށަށް އައިސް، ވާހަކަ ދައްކައިގެން ކަންކަން ޙައްލު ކުރުމުގެ ވަގުތު. ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، އެންމެ އަވަހަށްވެސް ރިޔާސީ އިންތިޚާބެއް ބޭއްވޭނީ، 2013 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި. އެއަށްވުރެ އަވަސް ތާރީޚެއްގައި ރިޔާސީ އިންތިޚާބެއް ބާއްވަން ބޭނުންވާނަމަ، އެކަން ކުރެވޭނީ، ރާއްޖޭގެ ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން،" ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އެޅި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނުވަ މެންބަރުން ތަޅުމުން ނެރެގެން ރައީސް ވަހީދު އިއްވެވި ބަޔާންގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ޤާނޫނު އަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަދާކުރައްވާނެ ކަމަށް އިޝާރާތްކުރައްވާ ރައީސް ވަހީދު ވިދާޅުވީ ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ނުހިންގަވާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. އަދި އަދުލު އިންސާފުގެ ބާރަށް އެއްވެސް ނުފޫޒެއް ނުފޯރުއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަރުވާ ކަމަށާއި މިނިވަން މުއައްސަސާތަކަށް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަޤީން ދެއްވި އެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް އަމުރު ނުކުރައްވާނެ ކަމަށް ރައީސް ވަހީދު ތަކުރާރު ކުރެއްވެވި އެވެ.

ފެބްރުއަރީ 7 ވަނަ ދުވަހު ރައީސް ނަޝީދު އިސްތިއުފާދެއްވުމާއެކު އޭރުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ވެރިކަމަށް ވަޑައިގެންނެވުމާއެކު އެމަނިކުފާނުގެ ވެރިކަމުގެ ފުރުތަމަ ދުވަހު ފެބްރުއަރީ 8، ވަނަ ދުވަހު ބަޔަކު ނުކުމެ ރާއްޖޭގެ ބައެއް ރަށްރަށުގައި ހިންގި ބޮޑެތި ހަމަނުޖެހުންތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މާލީ ތަފްސީލް ވެސް މަޖިލީހަށް ރައީށް އިއްވެވި އެވެ.

އެމަނިކުފާނު ވިދަޅުވީ ކޯޓުތަކަށާއި ރަށު ކައުންސިލްތަކަށާއި އެތަންތާނގެ ބެލެހެއްޓެވުމުގެ ދަށުގައިވާ ތަންތަނަށާއި އަމިއްލަ މީހުންގެ މުދަލަށާއި ގެދޮރަށާއި ފުލުހުންގެ އިދާރާތަކަށް ލިބުނު ގެއްލުންތަކުގެ އަގު 180 މިލިއަނަށްވުރެ މައްޗަށް އަރާކަމަށެވެ.

"...އިޢާދަ ނުކުރެވޭނެފަދައަކުން ގެއްލިގެން ގޮސްފައިވާ އައްޑުއަތޮޅު ރައްޔިތުންގެ ޝަރްޢީ އަރްޝީފްގެ ގެއްލުމުގެ އަގަކީ، މާލީ އެއްވެސް ހިސާބަކުން ވަޒަން ކުރެވޭނެ ގެއްލުމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ ބަޔާން ކުރިއަށް ގެންދަވަމުން، ޤާނޫނުއަސާސީން އުފައްދާފައިވާ މުއައްސަސާތައް ހަރުދަނާ ކުރުމާއި، ޤާނޫނުއަސާސީގައި ބަޔާންކުރެވިފައިވާ އުޞޫލުތައް ނެގެހެއްޓުމާއި، އެ އުޞޫލުތައް ދަމަހައްޓަން އުފައްދަންޖެހޭ މީހުން ތަމްރީނު ކުރުމާއި، ޤާނޫނުއަސާސީ ތަންފީޛު ކުރުމަށްޓަކައި ހަދަންޖެހޭ ޤާނޫނުތައް ހެދުމުގެ މަސައްކަތުގެ ބޮޑުބައި އޮތީ ކުރަން ޖެހިފައި ކަމަށް ވެސް ވިދާޅުވި އެވެ.

ދިވެހިންގެ އިސްލާމީ އަގީދާ ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވުމާއެކު އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް ރާއްޖޭގައި ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި އިސްލާމްދީނަށް ދިވެހިންގެ ހިތްތަކުގައި އޮތް ލޯބި އިތުރުކޮށް އިސްލާމީ އަގީދާ ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަކީ، މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް ވިދާޅުވި އެވެ.

ދިވެހިންގެ ގައުމީ ރޫހު އާލާކޮށް، ދިވެހިންގެ އެއްބައިވަންތަކަން އިތުރުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ކުރާނެ ކަމަށާއި ރާއްޖޭގެ ތާރީޚާއި ޘަޤާފަތް ދިރުވައި ދިވެހިންގެ ގައުމިއްޔަތު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

ރާއްޖޭގައި އިގްތިސާދު އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް ވިދާޅުވެ، ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރެވޭނެ ކަންތައްތަކަށް އަލިއަޅުއްވާލައްވައި ރައީސް ވަނީ ރާއްޖޭގެ ތަރައްގީއަށްޓަކައި މިއަހަރު ކުރާނެ ކަންތައްތައް އިޝާރާތް ކުރެއްވެވި އެވެ. އެގޮތުން ސިއްހީ ހިދުމަތްތަކުގެ ހަރަދުތައް ހަމަޖައްސައިދެވޭނެ ގައުމީ ނިޒާމެއް އޮތުމަކީ، ސަރުކާރުން މިހާރު އެންމެބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަ އެއްކަންތައް ކަމަށާއި އިންޝުއަރެންސް ނިޒާމް ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޯޕަރޭޓް އުސޫލުން ޞިއްޙީ ޚިދުމަތް ދިނުމުގެ މަސައްކަތްތަކާއި ލާމަރުކަޒީ ޤާނޫނުގެ ދަށުން ޢާންމު ޞިއްޙަތާބެހޭ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގެ ތަޖުރިބާއަށް ބަލައި، ޞިއްޙީ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.

ޒުވާނުންގެ ދުޅަހެޔޮކުރުމަށްޓަކައި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ. އެ ގޮތުން ޒުވާނުންގެ މެދުގައި ކުށްކުރުން މަދުކުރުމަށް އިތުރު ޙަރަކާތްތަކެއް މިއަހަރު ހިންގާނެ ކަމަށާއި މަސްތުވާތަކެއްޗާބެހޭ ގާނޫނު ފާސްވުމާ ގުޅިގެން، މަސްތުވާތަކެތީގެ ވަބާއިން މުޅިޤައުމު ސަލާމަތް ކުރުމަށްޓަކައި މުޅިން އާ ނިޒާމެއް މިއަހަރު ޤާއިމު ކުރެވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސަރަޙައްދީ ވައިގެ ބަނދަރުތައް އެކަށީގެންވާ ގޮތަށް ބެލެހެއްޓެމުން ނުދާތީ ކޮންމެ ވައިގެ ބަނދަރަކަށް ވަކި ކުންފުންޏެއް އުފެއްދުމުގެ ބަދަލުގައި ސަރުކާރުން އުފައްދާ އެއް ކުންފުންޏެއްގެ ދަށަށް ހުރިހާ ވައިގެ ބަނދަރުތައް ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވައިގެ ބަނދަރު ނެތް ސަރަޙައްދުތަކަށް ސީ ޕްލޭންގެ ޚިދުމަތް ތަޢާރުފު ކުރުމަށްޓަކައި، ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ފެށިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަލާމަތީ ބާރުތަކުގެ ސިފައިންނަކީ ތަމްރީނު ލިބިފައިވާ ބަޔަކަށް ހައްދަވާނެ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ޑިފެންސް ޑިޕްލޮމެސީގެ ދާއިރާ ހަރުދަނާ ކުރުމުގެ ގޮތުން އެކުވެރި ޤައުމުތަކާއެކު ބަދަހި ގުޅުމެއް ޤާއިމުކޯށް ތަމްރީނާއި ވަސީލަތްތައް ލިބިފައިވާ ސިފައިންގެ އެހީއާއެކު މި ސަރަޙައްދުގައި ޓެރަރިޒަމާއި ކެނޑުފޭރުމާއި ޑްރަގް ޓްރެފިކިންއާއި އިލީގަލް އާރމްސް ސްމަގްލް ކުރުންފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

" އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަކީ، ދިވެހި ޤައުމުދެކެ ލޯބިވާ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރާ ބަޔަކު ކަމުގައި ލެއްވުން. ކޮންމެ ކަމެއްގައިވެސް ޤައުމީ މަޞްލަޙަތު އިސްކޮށް، ޤައުމުގެ ހެވާއި ލާބައަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުން،" ރައީސްގެ ރިޔާސީ ބަޔާން ނިއްމަވާލައްވަމުން ވިދާޅުވި އެވެ.

ސަތާރަ ވަނަ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ވަހީދަށް ރިޔާސީ ބަޔާން އިއްވެވުނީ ތިން ފަހަރެއްގެ މަތިން މަޖިލިސް މެދުކަޑާލައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުން ނެރެގެންނެވެ.